އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ކުރިން 'ދައުރު'އަށް އިންޓަވިއު ދެއްވަނީ. (ދައުރު ފައިލް ފޮޓޯ/ މުޒައްޔިން ނާޒިމް)

ފުއާދު ތައުފީގު

ނެގީ ތާކުންތާކު ނުޖެހޭ ވޯޓެއް؛ އިސްތިއުފާއެއް ނުދޭނަން: ފުއާދު

ފުއާދު ވިދާޅުވީ، އޭނާ ކޮމިޝަން ހިންގަވަނީ ގާނޫނާއި ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް

އިތުބާރު ނެތް ކަމުގެ ވޯޓެއްގެ ނަމުގައި ކޮމިޝަންގެ މެންބަރުންގެ މެދުގައި ނެގީ ތާކުންތާކު ނުޖެހޭ، ގާނޫނީ ބުރަދަނެއް ނެތް ވޯޓެއް ކަމަށާއި އަމިއްލައަށް މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް ފުއާދު ތައުފީގް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ޑިމޮކްރެޓްސް ޕާޓީ އުފެއްދުމަށް ހުއްދަ ދިނުމުގައި ކޮމިޝަންގެ މެންބަރުން ހިޔާލު ތަފާތުވެ، ފުއާދުގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްކުރީ، މިދިޔަ އަންގާރަ ދުވަހު އޮތް ކޮމިޝަންގެ ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުމުގައި ބައިވެރި ހަތަރު މެންބަރުންގެ ތެރެއިން ތިން މެންބަރަކު ފުއާދުގެ އިތުބާރު ނެތް ކަމަށް ވޯޓު ދިނެވެ. އެ ތިން މެންބަރުންނަކީ:

  • އަލީ ނަޝާތު

  • ޑރ. މުހައްމަދު ޒާހިރު

  • މުހައްމަދު އާސިފް

ތަފްސީލު - މިކަމާ ގުޅިގެން ފުއާދު މިއަދު 'ދައުރު'އަށް ވިދާޅުވީ، ކޮމިޝަންގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުން އޭނާ މަގާމުން ވަކި ނުކުރެވޭނެ ކަމަށާއި އެއީ އެއްވެސް ކަހަލަ ގާނޫނީ ބުރަދަނެއް ނެތް ވޯޓެއް ކަމަށެވެ.

"އެއީ އަޅުގަނޑުގެ މަގާމަށް އެއްވެސް ކަހަލަ އުނިކަމެއް އަންނާނެ ކަމެއް ނޫން. ގާނޫނީ ގޮތުން އެއްވެސް ބުރަދަނެއް އޮތް ކަމެއް ނޫން. އަޅުގަނޑު މިހާރު ވެސް އޮފީހުގައި މި އިނީ، އޮފީހުގެ މަސައްކަތުގައި މިހާރު ވެސް މި އުޅެނީ،" އޭނާ ވިދާޅުވި އެވެ.

"އެއީ ތާކުން ތާކު ނުޖެހޭ ކަމެއް. އެއީ އެއްވެސް ކަހަލަ ހަރުދަނާ ކަމެއް، ބުރަދަނެއް އޮތް ކަމެއް ނޫން."

  • ފުއާދަށް އެ ތިން މެންބަރުން އިތުބާރު ނުކުރައްވާތީ، އޭނާ ބައިވެރިވެވަޑައިގަންނަވާ ޖަލްސާތަކުގައި ވެސް ބައިވެރިނުވާން އެ ބޭފުޅުން ވަނީ ނިންމަވާފައި 

  • އެއާ އެކު، މިހާރު ކޮމިޝަންގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓަވަނީ ނައިބު ރައީސް އިސްމާއިލް ހަބީބް

އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ފުއާދު ވިދާޅުވީ، އޭނާ ކޮމިޝަން ހިންގަވަނީ ގާނޫނާއި ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އަދި ހިޔާލު ތަފާތުވާ މެންބަރުންނަށް ވެސް "ދެވެން އޮތް ލުޔެއް" ދެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދެން އިތުރަށް އަޅުގަނޑަށް ދަންނަވާނެ އެއްޗެއް ނެތް. އެ ބޭފުޅުން އެ ގޮތަށް ޖެއްސުންކުރައްވައޭ ކިޔާފައި އަޅުގަނޑު އަމިއްލައަށް އިސްތިއުފާ ނުދޭނަން،" ދެ ވަނަ ދައުރަކަށް ކޮމިޝަންގެ ރައީސްގެ މަގާމު ފުރުއްވަމުން ގެންދަވާ ފުއާދު ވިދާޅުވި އެވެ.

"ކޯޓަކުން ނުވަތަ މަޖިލީހުން އެ ބޭފުޅުން އެ ދައްކަވާ ވާހަކައިގައި ބުރަދަނެއް ހުރެގެން އަޅުގަނޑު މަގާމުން ވަކިކުރައްވައިފިއްޔާ ދެން އަޅުގަނޑު ގޭގައި ހުންނާނަން. އެ ނޫން ގޮތެއް އަމިއްލައަށް އިސްތިއުފާ ނުދޭނަން."

އެނގުން މުހިންމު - އިލެކްޝަންސް ކޮމިޝަންގެ ގާނޫނުގެ 10 ވަނަ މާއްދާގައި، ކޮމިޝަންގެ ރައީސްގެ މަގާމު ހުސްވާނެ ދެ ހާލަތެއް ބަޔާންކޮށްފައިވެ އެވެ. އެއީ:

  • ކޮމިޝަންގެ މެންބަރު ކަމުގެ މަގާމު ހުސްވެއްޖެ ކަމަށް ބެލެވޭ ހާލަތުގައި

  • އަމިއްލައަށް އިސްތިއުފާ ދިނުމުން

ގާނޫނުގައިވާ ގޮތުން، ކޮމިޝަނަށް ރައީސަކު އައްޔަން ކުރަނީ މެންބަރުން ތެރެއިން، ކޮމިޝަންގެ މެންބަރުންނެވެ. މެންބަރުން ކޮމިޝަނުން ވަކި ކުރުމުގެ ބާރު އޮންނަނީ މަޖިލީހަށް އެކަންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް