31 ޖުލައި 2017 ގައި، ލިޓަސް ސާވިސް ސެންޓަރުގައި ގްރޫޕަކުން ހަމަލާދީ މަރާލި މުހައްމަދު އަނަސް: އެ މަރުގެ އަނިޔާވެރިކަން އެތައް ބަޔަކަށް ފެނުނު

އަނަސްގެ މަރު

އަނަސްގެ މަރުގެ ތުހުމަތުވާ މީހުންނަށް އަދަބު ނުލިބުމަކީ އިތުބާރު ގެއްލޭނެ ކަމެއް: ހޯމްލޭންޑް މިނިސްޓްރީ

މިނިސްޓްރީގެ ބަޔާނުގައި ބުނީ އެފަދަ ކަންކަން ތަކުރާރުވިޔަނުދިނުމަށް ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހުތަކަކީ ކޮބައިތޯ ބަންޑާރަ ނައިބުގެ އޮފީހުން ބަލަން ފަށާފައިވާ ކަމަށް

މުހައްމަދު އަނަސްގެ މަރުގެ މައްސަލާގައި ތުހުމަތު ކުރެވޭ މީހުންނަށް އަދަބު ނުލިބި ދިޔުމަކީ ކަމާބެހޭ ފަރާތްތަކާ މެދު ރައްޔިތުންގެ އިތުބާރު ގެއްލޭނެ ކަމެއް ކަމަށް ހޯމްލޭންޑް ސެކިޔުރިޓީ މިނިސްޓްރީ އިން ބުނެފި އެވެ.

ވީ ކިހިނެއް؟ - މާލޭގައި މީގެ ހަ އަހަރު ކުރިން ތޫނު އެއްޗަކުން ހަމަލާދީ އަނަސް، ފެންފިޔާޒުގެ/ރ. މީދޫ، މަރާލި މައްސަލާގައި ދައުވާ އުފުލި ހަތް މީހުންގެ މައްޗަށް ވެސް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިދިޔަ އާދިއްތަ ދުވަހު ވަނީ ހުކުމް ކޮށްފަ އެވެ.

ހޯމްލޭންޑް މިނިސްޓްރީ އިން މިއަދު ވަނީ އެކަމާ ގުޅިގެން ބަޔާނެއް ނެރެފަ އެވެ.

ތަފްސީލް - އެ މިނިސްޓްރީ އިން ބުނީ އަނަސްގެ މަރުގެ މައްސަލާގައި ކޯޓުގައި ދައުވާ އުފުލާފައިވާ އެންމެންގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކޯޓުން ނިންމުމަކީ ސަރުކާރުން ކަންބޮޑުވާ ކަމެއް ކަމަށެވެ.

އަނަސްއަށް ހަމަލާ ދީފައިވަނީ އާންމުންގެ ތެރޭގައި ކަމަށާއި އެހާ ހާމަކަން ބޮޑުކޮށް މީހެއްގެ ފުރާނައަށް ގެއްލުން ދިނުމުން ވެސް އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހުންނަށް އަދަބު ނުލިބި ދިޔުމަކީ ތަންފީޒީ އިދާރާތަކާއި އަދުލު އިންސާފު ގާއިމްކުރުމުގެ ޒިންމާ ހަވާލުވެފައިވާ މުއައްސަސާތަކާ މެދު ރައްޔިތުންގެ އިތުބާރު ކުޑަވާނެ ކަމެއް ކަމަށް ހޯމްލޭންޑް މިނިސްޓްރީ އިން ބުންޏެވެ.

އެކަމުގެ ސަބަބުން ގާނޫނުގެ ބާރު ނަގަހައްޓަން ހުރަސްއެޅި، ކުށްކުރާ ފަރާތްތަކަށް ކުށް ކުރުމަށް ފަހު ގާނޫނީ އަދަބުން ބަރީއަވެވޭނެކަމުގެ ޔަގީންކަން ލިބޭ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ހޯމް މިނިސްޓްރީ އިން ބުނީ، އެފަދަ ކަންތައް ތަކުރާރުވިޔަ ނުދިނުމަށާއި ގާނޫނުގެ ބާރު ނެގެހެއްޓުމަށް ޖިނާއީ އަދުލުގެ ނިޒާމުގެ ތެރޭގައި ހިމެނޭ ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހުތަކަކީ ކޮބައިތޯ ބަންޑާރަ ނައިބުގެ އޮފީހުން ބަލަން ފަށާފައިވާ ކަމަށެވެ.

އެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި:

  • ކުށްކުރާ ގޭންގުތައް ހުއްޓުވައި ރާއްޖެއަކީ އަމާން ތަނަކަށް ހެދުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ވައުދުފުޅެއް

  • ކުށްކުރާ މީހުން ކުށަށް އަރައިގަތުން ހުއްޓުވައި އެ މީހުންނާ މެދު ގާނޫނީ ފިޔަވަޅު އެޅުމާއި ކުށްކުރާ މީހުންނަށް ހައްގު އަދަބު ދިނުމަށް މަސައްކަތް ކުރުމަކީ ދައުލަތުގެ ހުރިހާ ބާރެއްގެ މަސްއޫލިއްޔަތެއް

ހޯމް މިނިސްޓްރީ އިން ބުނީ ކުށްކުރުން ހުއްޓުވުމަށް ދައުލަތުގެ ތަންފީޒީ އިދާރާތަކާއި ޝަރުއީ ދާއިރާއަށް ގާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާކުރަން ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ. މީގެ އިތުރުން ޖިނާއީ އަދުލުގެ ނިޒާމާ ގުޅޭ ސިޔާސަތުތަކާއި ގާނޫނުތައް ބަދަލުކޮށް އިސްލާހު ކުރަންޖެހޭ ނަމަ ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން އެކަން ކުރާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ފަސްމަންޒަރު - ގަރާޖެއް ތެރޭ ހަމަލާދީ އަނިޔާވެރި ގޮތަކަށް އަނަސް މަރާލީ 31 ޖުލައި 2017ގަ އެވެ. މި މައްސަލާގައި ކްރިމިނަލް ކޯޓުގައި ހަތް މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވެ އެވެ. އެއީ:

ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ:

  • 1-

    އަފްރާހު އަބްދުއްރައްޒާގު، މ. ލޮނުމިދިލިގެ/ މާލެ

  • 2-

    އަހުމަދު ޒަޔާން، އަސުރުމާގެ/ ޅ. ކުރެންދޫ

  • 3-

    އުސްމާން ޝަރީފް، މ. ދިމިޝްގު/ މާލެ

ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ:

  • 1-

    ޖުނައިހު އަބްދުﷲ، ނަންނާރިގެ/ ލ. ގަން ތުނޑީ

  • 2-

    ހަސަން މަހްފޫޒް، ވެސްޓަންވިލާ/ ސ. ފޭދޫ

  • 3-

    ސިމާހު މޫސާ، ދަފްތަރު ނަމްބަރު 1746/ މާލެ

  • 4-

    މުހައްމަދު ޝާޒް، ގުލްފާމުގެ/ތ. ކިނބިދޫ 

ކްރިމިނަލް ކޯޓުގެ ގާޒީ އަލީ ނަދީމް އިއްވެވި ހުކުމުގައި ވަނީ އެއިން އެކަކުގެ މައްޗަށް ވެސް ކުށް ސާބިތުނުވާ ކަމަށެވެ.

އަނަސް މަރާލުމުގައި ހަތަރު މީހުން ބައިވެރިނުވާ ކަމަށް ނިންމާފައިވާ ސަބަބެއްގެ ގޮތުގައި ގާޒީ ވިދާޅުވީ، އެ ދައުވާތައް ސާބިތުކުރަން ފުލުހުން ހުށަހަޅާފައިވާ ހެކި ގަރީނާތަކުން، އެ ކުށުގައި އެ މީހުން ބައިވެރިވެފައިވާކަން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުކޮށް ނުދެވޭ ކަމަށެވެ.

އެގޮތުން، ސީސީޓީވީ ފުޓޭޖުންނާއި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓުން ވެސް އެ މީހުންނާ ދެކޮޅަށް ކުށް ސާބިތުކުރެވޭ ވަރުގެ ހެއްކެއް ނެތް ކަމަށް ގާޒީ ވިދާޅުވި އެވެ.

އެގޮތުން ހުކުމްގައި ވަނީ:

  • އަނަސްއަށް ހަމަލާދިނުމަށް ލިޓަސް ފިހާރައިގެ ގަރާޖުތެރެއަށް ވަން މީހުންނަށް އެހީވެދިންކަން ސާބިތުކުރަން ހުށަހަޅާފައިވާ ސީސީޓީވީ ފުޓޭޖުތަކުން، އެއީ ސީދާ ދައުވާ ރައްދުވާ މީހުންކަން ސާފެއް ނޫން

  • ހުށަހަޅާފައިވާ އެހެނިހެން ގަރީނާތަކުން ވެސް އެ ކުށް ކުރުމުގައި އެއްވެސް މީހަކު ބައިވެރިވެފައިވާކަން ސާބިތު ކޮށެއް ނުދެވޭ

  • ފުޓޭޖުތަަކުގެ ޗެއިން އޮފް ކަސްޓަޑީ ފުރިހަމައެއް ނުވޭ

  • ދައުވާ ސާބިތުކުރަން ހުށަހަޅާފައިވާ ކޯލު ރެކޯޑުތަކަކީ ފުލުހުން ތައްޔާރުކޮށްފައިވާ އެއްޗަކަށް ވާތީ އެޔަށް ބުރަދަނެއް ނުދެވޭނެ

  • އިންޓެލިޖެންސް ރިޕޯޓާއި ތަހުގީގީ ރިޕޯޓަކީ ވެސް ބުރަދަނެއް ދެވޭނެ އެއްޗެއް ނޫން

އިތުރު އާޓިކަލް

އިތުރު އާޓިކަލް