އެމްޑީޕީން މީގެ ކުރިން ބޭއްވި ކެމްޕެއިން ހަރަކާތެއްގެ ތެރެއިން: އެޕާޓީގެ މަޖިލިސް އިންތިހާބު ކެމްޕެއިން މިރޭ ރަސްމީކޮށް ފަށާނެ (ދައުރު ފައިލް ފޮޓޯ/ހުސައިން ސުނޭން)
ކެމްޕެއިން މި ފަށަނީ 'ފާލުން ނެއްޓިފައިވާ ސަރުކާރު' ހަމަ މަގަށް އަޅުވަން: އެމްޑީޕީ
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގެ ކެމްޕެއިން އެ ޕާޓީން ފަށައި، އެ އިންތިހާބަށް ނުކުންނަނީ "ފާލުން ނެއްޓިފައިވާ ސަރުކާރު" ހަމަ މަގަށް އަޅުވަން ކަމަށް އިދިކޮޅު މައި ޕާޓީ، އެމްޑީޕީން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ކުރިއަށް އޮތް ރޯދަ މަސް ތެރޭ އިިލެކްޝަންސް ކޮމިޝަނުން ބާއްވަން މަސައްކަތް ކުރަމުން އަންނަ މަޖިލިސް އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް މިރޭ އެމްޑީޕީން ފަށާނެ އެވެ. އެ ކެމްޕެއިންނާ ގުޅޭ މައުލޫމާތު ދިނުމަށް އެ ޕާޓީން މިއަދު ވަނީ ނޫސްވެރިންގެ ބައްދަލުވުން ބާއްވައިފަ އެވެ.
ތަފްސީލު - މަޖިލިސް ކެމްޕެއިންގައި އެމްޑީޕީގެ ތަރުޖަމާނަކަށް ހަމަޖެއްސި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސާ ވިދާޅުވީ މިރޭ ކެމްޕެއިން ފަށާއިރު، 20 ވަނަ މަޖިލީހުގެ އިންތިހާބު އެ ޕާޓީން ކާމިޔާބުކޮށް، ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން "ހުދުމުހުތާރު ވެރިކަމާ ދިމާލަކަށް ދާން ކުރާ ހުރިހާ ކަމެއް ހުއްޓުވާނެ" ކަމަށެވެ.
"އަޅުގަނޑުމެން މި ނުކުތީ މިސްރާބު ފާލުން ނައްޓާފައިވާ ސަރުކާރު [ނުވަތަ] ދައުލަތް ހަމަ މަގަށް އަޅުވަން. އިރާދަކުރެއްވިއްޔާ ވަރުބަލިކަމެއް ނެތި މި ޕާޓީން އެ މަސައްކަތް ކުރާނަން،" 17 އަދި 19 ވަނަ މަޖިލީހުގައި ކެންދިކުޅުދޫ ދާއިރާގެ މެންބަރުގެ ގޮތުގައި ހުންނެވި އީސާ ވިދާޅުވި އެވެ.
އީސަ ވިދާޅުވި ގޮތުގައި މި ސަރުކާރުގެ އަމަލުތައް ހުރީ، ގާނޫނުއަސާސީއަށް ގޮންޖަހައި، ހިތުހުރި ގޮތްތަކަށް ކަންކަން ކުރުމާ ދިމާލަށެވެ. އެގޮތުން އޭނާ ވިދާޅުވީ:
-
ސަރުކާރުން މަޖިލީހުގެ ބާރުތަކަށް އިހުތިރާމްކުރުން ހުއްޓާލައިފި
-
މަޖިލީހުގެ ނިންމުންތަކަށް ގޮންޖައްސަވައި، ފާސްކުރާ ބިލުތައް ތަސްދީގުނުކޮށް ގާނުނަށް ވިޔަ ނުދީ ހިފަހައްޓައިފި
-
މަޖިލީހުގެ ނިންމުންތައް ހިފައިގެން ކޯޓުތަކަށް ދާން ފަށައިފި
-
މަޖިލީހުން ރުހުން ނުދޭ ވަޒީރުން އަނެއްކާވެސް މަގާމުތަކަށް އައްޔަންކޮށްގެން ދައުލަތް ހިންގުން ބޮއްސުންލައްވައިފި
-
އެ ވަޒީރުން ބޭނުންކުރައްވައިގެން، އިންތިހާބު ކާމިޔާބުކުރެއްވުމަށް ރައްޔިތުންނަށް ބިރުދައްކަވަން ފައްޓަވައިފި
-
ސަރުކާރުގެ ބާރުތައް ވެސް މަޖިލިސް އިންތިހާބަށް ބޭނުންކުރައްވަން ފައްޓަވައިފި
"ސަރުކާރުގެ ކުންފުނިތަކަށް އެމްޑީން ލައްވާ އެ ކުންފުނިތަކުގެ ޝޯޝަލް މީޑިއާގެ ވަސީލަތްތައް ބޭނުންކޮށްގެން ޕީއެންސީގެ ކެންޑިޑޭޓުން ޕްރޮމޯޓްކުރަން ފައްޓަވައިފި. މިއީ، ރާއްޖޭގައި މިހާރު އޮތް ގާނޫނުއަސާސީގެ ދަށުން މަލްޓި ޕާޓީ ޑިމޮކްރެސީއަކަށް އަމަލު ކުރަން ފަށައި، އުފެދުނު އެއްވެސް ސަރުކާރަކުން މިހާތަނަށް ބޭއްވި އެއްވެސް އިންތިހާބެއްގައި ކުންފުނިތައް ބޭނުންކޮށްގެން ދުވަހަކު ނުފެންނަ ވަރަށް ކަންތައްތައް ގެންދަވައިފި،" އީސަ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖެއަށް ޑިމޮކްރަސީ ގެނައީ އެމްޑީޕީން ވަރަށް ބޮޑު ގުރުބާނީއެއް ވެގެންކަން ފާހަގަކޮށް، އެކަމުގެ ދިފާއުގައި އެ ޕާޓީން އަބަދުވެސް އޮންނާނެ ކަމަށެވެ. އެހެންކަމުން މިފަހަރު ވެސް މަޖިލިސް އިންތިހާބު ކާމިޔާބުކޮށްގެން އެ ޕާޓީ ދެމިއޮންނާނީ އެކަމުގައި ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ގާނޫނުއަސާސީއަށް ގޮންޖަހާކަށް ފުރުސަތު ނުދޭނަން، ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނާކަށް ފުރުސަތެއް ނުދޭނަން،" އޭނާ ވިދާޅުވި އެވެ.
"މި ދެންނެވި ސަބަބުތަކަށްޓަކައި އެމްޑީޕީން އަނެއްކާވެސް މި ނުކުންނަނީ، ކަށިން ހިތްވަރު ނެރެ، ރައްޔިތުން ބޭނުންވެގެން މި ގައުމަށް ގެނައި ބަދަލުތައް [އަދި] ރައްޔިތުންގެ ބާރުވެރިކަން ދިފާއުކުރަން. ކުރިއަށް އޮތް އިންތިހާބު ކާމިޔާބުކޮށް އިރާދަކުރެއްވިއްޔާ މި ގައުމު ހަމަ މަގަށް އަޅުވާނަން."
ނޫސްވެރިންގެ ބައްދަލުވުމުގައި، މަޖިލިސް އިންތިހާބު ރޯދަ މަސް ނިމިގެން ބާއްވަން މަޖިލީހުން ފާސްކޮށްފައިވާ ބިލު ރައީސް ތަސްދީގުނުކޮށް ހިފަހައްޓަވާތީ އެކަމަށް ވެސް އީސަ ފާޑުވިދާޅުވި އެވެ. އަދި އެމްޑީޕީން އެކަމުގައި ވެސް އެންމެ ފަހު ވަގުތާ ޖެހެންދެން ވަކާލާތުކުރުމުގައި ދެމި އޮންނާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވި އެވެ.
އިތުރަށް ކިޔާލަން
'ބިލް އަލުން ފާސްކުރާ ނަމަ އިންތިހާބުގެ ތާރީހަށް މަޝްވަރާ ކުރާނެ'
25 ފެބްރުއަރީ 2024
ރޯދައިގައި އިންތިހާބު ބާއްވާ ނަމަ އީސީގެ މެންބަރުން ވަކިކުރާނެ
22 ފެބްރުއަރީ 2024
ޑިމޮކްރަސީ ނޫންކަމަށް ބުނެ އިންތިހާބު ލަސްކުރަން އީސީން ދެކޮޅު
20 ފެބްރުއަރީ 2024