އިލެކްޝަންސް ކޮމިޝަންގެ ލަފާދޭ ކޮމިޓީގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ނައިބު ރައީސް ހަބީބު. (ދައުރު ފޮޓޯ/ މުހައްމަދު އަމާން)

ދެވަނަ ފަހަރަށް ބިލު ފާސްކޮށްފިނަމަ އިންތިހާބުގެ ތާރީހާ މެދު މަޝްވަރާކުރާނެ: އީސީ

ހަބީބު ވިދާޅުވީ، ރައިސް ބިލު ތަސްދީގު ކުރުމާއެކު އިލެކްޝަންސް ކޮމިޝަނުން އެގޮތަށް އަމަލު ކުރާނެ

މަޖިލިސް އިންތިހާބު ރޯދައިގެ ފަހުން ބާއްވާ ގޮތަށް އާންމު އިންތިހާބާ ބެހޭ ގާނޫނަށް މަޖިލީހުން ގެނެސްފައިވާ އިސްލާހުގެ ބިލު  ދެވަނަ ފަހަރަށް މަޖިލީހުން ފާސްކޮށްފި ނަމަ ދެން އަމަލު ކުރާނެ ގޮތަކާ މެދު ކޮމިޝަންގެ މެންބަރުންންގެ މެދުގައި މަޝްވަރާ ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އިލެކްޝަންސް ކޮމިޝަނުން މަޖިލިސް އިންތިހާބު ބާއްވަން ކަނޑައަޅާފައިވާ ތާރީހު ކަމުގައިވާ މާޗް 13 ރޯދަ މަހާ ދިމާވާތީ ރޯދަ ނިމި 10 ދުވަސް ފަހުން އެ އިންތިހާބު ބޭއްވުމަށް މިމަހު 11 ވަނަ ދުވަހު މަޖިލީހުން ފާސް ކުރި ބިލު ރައީސް މުހައްމަދު މުއިއްޒު އަދި ތަސްދީގު ނުކުރައްވަ އެވެ. އެގޮތުން:

  • ސަރުކާރުން ބޭނުންވަނީ، މިހާރު ވެސް އޮތް ގޮތަށް ރޯދަ މަސް ތެރޭ އިންތިހާބު ބޭއްވުމަށް؛ އެހެންވެ، އެ ބިލު ރައީށް ތަސްދީގު ކުރައްވާނެ ކަމަށް ނުބެލެވޭ ކަމަށް އެމްޑީޕީން ވެސް ބުނެފައިވޭ

  • ގާނޫނުއަސާސީގައިވާ ގޮތުން މަޖިލީހުން ބިލެއް ފާސްކުުރުމުން އެ ބިލެއް ތަސްދީގު ކުރުމަށް ނުވަތަ އަނބުރާ މަޖިލީހަށް ފޮނުވުމަށް 15 ދުވަހުގެ މުއްދަތެއް ލިބޭ؛ އެ މުއްދަތު މާދަމާއަށް ހަމަވާނެ

  • އަލުން އަނބުރާ މަޖިލީހަށް ބިލު ފޮނުވުމަށް ފަހު އެ ބިލަށް އެއްވެސް ބަދަލެއް ނުގެނެސް އެ ބިލު ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަގުލަބިއްޔަތުން ފާސްކޮށްފި ނަމަ އެ ބިލެއް ރައީސް ތަސްދީގުކޮށް ސަރުކާރު ގެޒެޓްގައި ޝާއިއުކުރަން ވާނެ ކަމަށް ގާނޫނުއަސާސީގައި ބުނެފައިވޭ

  • އެމްޑީޕީން ތުހުމަތު ކުރާ ގޮތުގައި ދެވަނަ ފަހަރަށް މަޖިލީހުން ފާސްކުުރުމުން ވެސް އެ ބިލު ތަސްދީގުނުކޮށް ލަސް ކުރުމުގެ ފުރުސަތު އެބަ އޮތް؛ އެ ހާލަތުގައި ރޯދައިގައި އިންތިހާބު ބާއްވާ ނަމަ އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ވަކިކުރާނެ ކަމުގެ އިންޒާރު މިދިޔަ ބުރާސްފަތި ދުވަހު އެޕާޓީން ދީފައިވޭ

ތަފްސީލު - އެމްޑީޕީގެ އެ ވާހަކަތަކާ ގުޅިގެން މިއަދު 'ދައުރު'ން ސުވާލު ކުރުމުން އެ ކޮމިޝަންގެ ތަރުޖަމާނުކަން ވެސް ކުރައްވާ ހަބީބު ވިދާޅުވީ މަޖިލީހުން މިހާރު ފާސްކޮށްފައިވާ އިސްލާހު ރައީސް ތަސްދީގު ކުރުމާ އެކު އެގޮތަށް އެ ކޮމިޝަނުން އަމަލު ކުރާނެ ކަމަށެވެ. ކޮމިޝަންގެ ސްޓޭންޑަކީ އެއަށް ބަދަލެއް ނާންނަ ނަމަ މިހާރު ވެސް ކަނޑައަޅާފައިވާ ތާރީހުގައި އިންތިހާބު ބޭއްވުން ކަމަށް ހަބީބު ވިދާޅުވި އެވެ. 

"އިލެކްޝަންސްއިން އަމަލު ކުރާނީ ގާނޫނާ އެއްގޮތަށް. ނަމަވެސް [ރައީސް އަނބުރާ އެ ބިލު ތަސްދީގުނުކޮށް ފޮނުވުން] ދެވަނަ ފަހަރަށް މަޖިލީހުން ފާސްކޮށްފިއްޔާ، އެކަމާ މެދު އަމަލު ކުރާނެ ގޮތަކީ ކޮބާތޯ، މަޝްވަރާކުރުމަށްފަހު ކޮމިޝަނުން [އިންތިހާބު ބާއްވާނެ ތާރީހާ މެދު] ގޮތެއް ކަނޑައަޅާނެ،" ހަބީބު ވިދާޅުވި އެވެ.

ދެވަނަ ފަހަރަށް މަޖިލީހުން ފާސްކުރުމަށް ފަހު، ގެޒެޓްގައި ޝާއިއުކުރުން ލަސްވެއްޖެނަމަ ދެން އަމަލު ކުރާނީ ކިހިނެއްތޯ އެހުމުން ހަބީބު ވިދާޅުވީ "ކޮމިޝަނުން އެއާމެދު އަމަލު ކުރާނެ ގޮތެއް ނިންމާނެ" ކަމަށެވެ.

ހަބީބު އިތުރަށް ވިދާޅުވީ:

  • އިންތިހާބު ތާރީހު ލަސްވެއްޖެ ނަމަ ކޮމިޝަނުން އަލުން ދެ ދުވަހެއްވަރުގެ މުއްދަތަކަށް ރީ-ރަޖިސްޓްރޭޝަނަށް ވެސް ހުޅުވާލާނެ

  • މިހާރު މަޖިލީހުން ފާސްކޮށްފައިވާ ބިލުގައިވާގޮތަށް އިންތިހާބު އެޕްރީލް 21އަށް ބާއްވައިގެން ގާނޫނުތަކުގައި ބުނާ މުއްދަތު ތެރޭ އިންތިހާބު ކަންކަން ނިންމޭނެ؛ ނަމަވެސް މަސައްކަތް ދާނީ "ވަރަށް ތާށިކޮށް" ކަމަށް ވިދާޅުވި

ގާނޫނުއަސާސީގައިވާ ގޮތުން އާ މަޖިލިސް ދައުރު ފެށުމުގެ 30 ދުވަސް ކުރިން އިލެކްޝަންސް ކޮމިޝަނުން މެންބަރުން އިންތިހާބުކޮށް ނިންމަން ޖެހެ އެވެ. އެ މުއްދަތަކީ، އެޕްރީލް28 އެވެ. ހަބީބު ފާހަގަ ކުރެއްވި ގޮތުގައި ގަވައިދާ ހިލާފަށް ކަމެއް ހިނގައިގެން ކޯޓަކުން ވޯޓުލުން ފަސްވެއްޖެ ނަމަ ދެން ގާނޫނުގައި ބުނާ މުއްދަތު ތެރޭގައި އިންތިހާބު ނުބޭއްވޭނެ އެވެ. ކޮމިޝަނުން އިންތިހާބު އަވަހަށް ބާއްވާ އެއް ސަބަބަކީ ވެސް އެއީ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް