މިއަދު ބޭއްވި ލަފާ ދޭ ކޮމިޓީގެ ބައްދަލުވުމުގައި ފުއާދު ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/ މުހައްމަދު އަމާން)
ޑިމޮކްރަސީ ނޫންކަމަށް ބުނެ އިންތިހާބު ލަސްކުރަން އީސީން ދެކޮޅު
އިންތިހާބުގެ ތާރީހުތައް ކަނޑައަޅައި އިއުލާންކުރުމަށް ފަހު އެ ތާރީހުތަކަށް ބަދަލު ގެނައުމަކީ ޑިމޮކްރަސީގެ ސިފައެއް ނޫން ކަމަށް ވިދާޅުވެ ކުރިއަށް އޮތް މަޖިލިސް އިންތިހާބު ފަސްކުރަން ބޭނުން ނުވާކަން ދޭހަވާ މޭރުމަކުން އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް ފުއާދު ތައުފީގު މިއަދު ވާހަކަ ދައްކަވައިފި އެވެ.
ވީ ކިހިނެއް؟ - މަޖިލިސް އިންތިހާބު ރޯދަ މަހު ނުބޭއްވުމަށް މަޖިލީހުން ބިލެއް ފާސްކޮށްފައިވާއިރު، އެ ނިންމުމާ މެދު ހިތްހަމަޖެހިވަޑައިނުގަތް ހުންނަވާ ފުއާދު ވާހަކަދެއްކެވީ މިއަދު ދަރުބާރުގޭގައި ބޭއްވި ގައުމީ ލަފާ ދޭ ކޮމިޓީގެ ބައްދަލުވުމުގަ އެވެ.
ޑިމޮކްރަސީއެއްގައި އެންމެ އަސާސީ ކަމަކީ އަޅުގަނޑުމެން ގޮތަކަށް ކަމެއް ކަނޑައަޅައިފިއްޔާ އެ ކަނޑައަޅާ ގޮތަކަށް ހަމަހަމަ ކަންމަތީގައި އަޅުގަނޑުމެން އެކަމެއް ކުރުން. އިންތިހާބު ބާއްވަން ވިޔަސް، ކެންޑިޑޭޓުން ކުރިމަތިލާން ވިޔަސް އަދި މަންދޫބުންނާއި އޮބްޒާވަރުންނާއި މޮނީޓަރުން ކުރިމަތިލުންވިޔަސް
ތަފްސީލު - އެ ބައްދަލުވުން ފައްޓަވައި، އެހެން މެންބަރުންނަށް ވާހަކަ ދެއްކުމަށް ފުރުސަތު ދިނުމުގެ ކުރިން ފުއާދު ވަނީ ކޮމިޝަނުން އިންތިހާބުގެ ތާރީހުގެ ގޮތުގައި މިހާރު ކަނޑައަޅާފައިވާ 17 މާޗްގައި އިންތިހާބު ބޭއްވުމަށް ނިންމި ސަބަބާ ގުޅޭ ގޮތުން ކޮންމެވެސް ވަރަކަށް ވާހަކަ ދައްކަވާފަ އެވެ. އެގޮތުން އޭނާ ވިދާޅުވީ:
-
ގާނޫނުގައި ބުނާ މުއްދަތު ތެރޭ އިންތިހާބު ބޭއްވުމަށް ތާރީހެއް ކަނޑައަޅާއިރު، އަމަލީ ގޮތުން އެކަން ބޭއްވޭނެ ތާރީހަކަށް ވެސް ވިސްނަން ޖެހޭ
-
ރޯދަ މަހުގެ ކުރިން އިންތިހާބު ބޭއްވުމަކީ ގާނޫނުގައިވާ ގޮތުން ކުރެވޭނެ ކަމެއް ނޫން
-
މަޖިލިސް ދައުރު ހަމަވާން 120 ދުވަސް ވީމަ އިންތިހާބު ބޭއްވޭނީ އެންމެ އަވަހަށް ވެސް ރޯދަ މަހުގެ ހަތް ވަނަ ދުވަހު؛ އެއީ 17 މާޗް
-
އެހެންވެ ރޯދަ މަހާ ދިމާވާތީވެ، އިންތިހާބު އަވަސްކުރަން ގާނޫނު އިސްލާހުކުރަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ވެސް ކޮމިޝަންގެ ފަރާތުން އެދުނިން
"ރޯދަ މަހު އިންތިހާބު ބޭއްވުމަކީ [އޭރުވެސް] އަޅުނޑުމެން އެއްވެސް މީހަކު އެހާ އެދޭ ގޮތެއް ނޫން. ދެން އަޅުގަނޑުމެން ބެލީ، ރޯދަ މަހުގެ ފަހަށް ޖައްސެން އޮތްތޯ. ނަމަވެސް އެކަން ވެސް ކުރެވެން ނެތް. އެކަޑެމިކް ކެލެންޑާއިން އެ ދުވަސްވަރު ސްކޫލްތަކުގެ އިމްތިހާން ދުވަސްވަރު ދިމާވާތީވެ،" އޭގެ ސަބަބުން ސްކޫލްތަކުގެ ހޯލު ލިބުުމުގައި ދަތިތައް ކުރިމަތިވާނެތީ، އިންތިހާބު އެ ދުވަސްވަރު ބާއްވަން ފަސޭހަ ނުވާނެކަން ފާހަގަކުރައްވައި ފުއާދު ވިދާޅުވި އެވެ.
އެ ހުރިހާ ގޮންޖެހުންތަކެއް ހުރުމުން ރޯދަ މަހުގެ ކުރިން އިންތިހާބު ބާއްވަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއާ ތާރީހު ކަނޑައެޅުމުގެ ކުރިން މަޝްވަރާ ކުރި ކަމަށް ފުއާދު ވިދާޅުވި އެވެ.
"އެންމެ ފުރަތަމަ ދުވަހު ވެސް [އިންތިހާބު] އަވަސްކުރުމަށް މަޖިލީހުގައި މި ވާހަކަ ދެއްކީމަ، އެބޭފުޅުން ވިދާޅުވީ، ރޯދަ މަސް ވީމަ ކީއްކުރަން ހެއްޔޭ އަވަސް ކުރަންވީ. ރޯދަ މަހު އޮފީހަށް ވެސް ދަނީއޭ، ކިޔަވައިދޭން ވެސް ދަނީއޭ، މަހަށް ވެސް ދަނީއޭ، ދަނޑުވެރިކަމުގައި ވެސް ދަނީއޭ. ހުރިހާ މަސައްކަތެއް ވެސް ކުރޭ،" އޭރު ގާނޫނު އިސްލާހުކުރަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ދެކޮޅު ހެދިކަން ފާހަގަކުރައްވައި ފުއާދު ވިދާޅުވި އެވެ.
ޕާޓީތަކާ އެކު ވެސް މަޝްވަރާ ކުރުމުން އޭރު ރޯދަ މަސް އަންނާތީވެ، "އެކަމަށް ގާނޫނު ބަދަލުކުރަން ދެކޮޅުހެދި" ކަމަށް ފުއާދު ވިދާޅުވި އެވެ. އެހެންވެ އޭނާ ވިދާޅުވީ އެންމެ ފަހުން ކޮމިޝަނުން ނިންމީ ރޯދަ މަހު އިންތިހާބު ބާއްވަން ކަމަށެވެ.
އޭގެ ފަހުން މިއަދުގެ ބައްދަލުވުމުގައި ފުއާދު ދެން ވާހަކަ ދެއްކެވީ، އިންތިހާބު ތާރީހު ބަދަލު ގެންނަން ބޭނުން ނުވާކަން ދޭހަވާ މޭރުމަކުނެވެ.
"ޑިމޮކްރަސީއެއްގައި އެންމެ އަސާސީ ކަންތައްތަކަކީ، އަޅުގަނޑުމެން ގޮތަކަށް ކަމެއް ކަނޑައަޅައިފިއްޔާ އެ ކަނޑައަޅާ ގޮތަކަށް ހަމަހަމަ ކަންމަތީގައި އަޅުގަނޑުމެން އެކަމެއް ކުރުން. އިންތިހާބު ބާއްވަން ވިޔަސް، ކެންޑިޑޭޓުން ކުރިމަތިލާންވިޔަސް އަދި މަންދޫބުންނާއި އޮބްޒާވަރުންނާއި މޮނީޓަރުން ކުރިމަތިލުންވިޔަސް، އެ ކަނޑައަޅާ މުއްދަތުގައި އެކަން ކުރުން،" އެެއީ، ކޮމިޝަންގެ ރައީސްގެ ގޮތުގައި ދަންނަވާ ވާހަކައެއް ނޫން ކަމަށާއި ކޮމިޝަންގެ މެންބަރެއްގެ ހައިސިއްޔަތުން އަދި ގިނަ ދުވަހު ކޮމިޝަންގައި ހިދުމަތް ކުރެއްވި ބޭފުޅެއްގެ ހައިސިއްޔަތުން ދަންނަވާ ވާހަކައެއް ކަމަށް ފުއާދު ވިދާޅުވި އެވެ.
ވަކި މީހަކު ނުވަތަ ވަކި ބަޔަކު ބޭނުންވުމުން، އެ ތާރީހުތަކަށް ބަދަލު ގެނައުމަކީ "ޑިމޮކްރަސީއެއް ނޫން" ކަމަށް ފުއާދު ވިދާޅުވި އެވެ.
"އެކަމަކު އަޅުގަނޑު އެންމެ ހިތާމަކުރަނީ، އެންމެ ގަދައަށް ޑިމޮކްރަސީއަށް ވަކާލާތު ކުރައްވާ ބޭފުޅުން އަޅުގަނޑުމެން ކައިރީ އެ ވިދާޅުވަނީ [އިންތިހާބުގެ ތާރީހުތައް ބަދަލުކުރަން]. ކަލެންޑަރު ހަދާއިރު އޭގެ ނޯވޭ އެއްވެސް މައްސަލައެއް،" ފުއާދު ވިދާޅުވި އެވެ.
"މި ވާހަކަތައް ލަފާ ދޭ ކޮމިޓީގައި މި ދަންނަވާލަނީ، ތިބޭފުޅުން ވެސް އަޅުގަނޑުމެންނަށް އެއްބާރުލުން ދެއްވަން އޮތް އެންމެ ބޮޑަކަށް އެއްބާރުލުން ދެއްވުމަށް. އެއީ، ކަމަކަށް ކުރަން އޮންނަ ވަގުތައް އެކަމެއް ނުކޮށް، ބޮޑެތި މީހުން ގޮވާލީމަ، އެމީހުން ބުނާ ތާރީހަކަށް ކަންތައްކޮށްފައި، ކުދި މީހުން ކިތަންމެ ވަރަކަށް ބުންޏަސް އެ ތާރީހުތަކަށް ބަދަލު ނުގެނެވޭ."
އެއާ އެކު ފުއާދު އެދިވަޑައިގެންނެވީ އިންތިހާބުގެ ތާރީހުތަކަަށް ހުރިހާ ބޭފުޅުން ވެސް އިހުތިރާމް ކުރުމަށެވެ.
ފުއާދުގެ ވާހަކަތަކަށް ޑިމޮކްރެޓްސްގެ ރައްދު
ފުއާދުގެ އެ ވާހަކަތަކަށް، ރޯދަ މަހުގެ ފަހަށް އިންތިހާބު ބާއްވަން ވަކާލާތު ކުރާ އިދިކޮޅު ޑިމޮކްރެޓްސްއިން އެ ބައްދަލުވުމުގައި ރައްދުދިނެވެެ.
ޑިމޮކްރެޓްސްގެ ފަރާތުން އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ޕާޓީގެ ރައީސް މުހައްމަދު ޝިފާޒު ވިދާޅުވީ:
-
ރޯދަ މަހު އިންތިހާބު ބޭއްވުމަކީ ވޯޓުލާން ނުކުންނަ މީހުން މަދުވާނެ ކަމެއްކަން އެންމެންނަށް ވެސް އެނގޭނެ
-
ރައްޔިތުންގެ ބައިވެރިވުން އިންތިހާބުގައި އިތުރު ކުރުމަށް ރޯދަ މަހުގެ ފަހަށް އިންތިހާބު ލަސް ކުރަން ޖެހޭ
"ޑިމޮކްރަސީގައި އުސޫލުތަކާއި ހަމަތަކަކީ، ޝެޑިއުލްއެއް ހަދައި ތާރީހުތައް ކަނޑައަޅާފައި އޮތަސް، ބަދަލު ނުކުރެވޭނެ ކަމެއް ކަމަށް އަޅުގަނޑު ނުދެކެން. އެ ހާލަތު އެގޮތަށް ދިމާވުމަކީ، އަޅުގަނޑުމެން އޭގެ މައްޗަށް ރިއާޔަތްކުރަން ޖެހޭ ކަމެއް. މިއީ، ބާވާލެއްވި ކަމެއް ނޫން، އަޅުގަނޑުމެންނަށް އެކަންކަމަށް ބަދަލު ގެނެވޭނެ،" ފުއާދުގެ ވާހަކަތަކަށް ރައްދު ދެއްވައި، ޑިމޮކްރެޓްސްގެ ޓިކެޓްގައި ވިލިމާލެ ދާއިރާއަށް ވާދަކުރައްވާ ޝިފާޒު ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ސަރުކާރަށް ނިސްބަތްވާ ޕީއެންސީ އާއި އެމްއެންޕީން ވަނީ އިންތިހާބުގެ ތާރީހު އާންމުންނަށް އޮޅެމުންދާތީ އެކަން ސާފުކުރަން ވެސް އެދިވަޑައިގެންފަ އެވެ.
އެކަމާ ގުޅިގެން ފުއާދު ވިދާޅުވީ މަޖިލީހުން ފާސްކޮށްފައިވާ ބިލު، ރައީސް ތަސްދީގު ނުކުރައްވާހާ ހިނދަކު މިހާރު ކަނޑައަޅާފައިވާ ގޮތަށް 17 މާޗްގައި އިންތިހާބު ބާއްވަން ކުރަން ޖެހޭ ހުރިހާ ކަމެއް އިލެކްޝަންސް ކޮމިޝަނުން ކުރާނެ ކަމަށެވެ.
ފާހަގަކޮށްލެވޭ ކަމެއް - އިދިކޮޅު އެމްޑީޕީން ތުހުމަތުކުރާ ގޮތުގައި ސަރުކާރުން ބޭނުން ވަނީ އެ ބިލު ތަސްދީގު ނުކޮށް ދިގު ދެންމުމަށެވެ. އިންތިހާބު ފަސް ކުރުމަކީ، ސަރުކާރަށް ގެއްލުމެއް ކަމަށް އެމީހުން ދެކެ އެވެ.
އިއްޔެ ހުޅުމީދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ވެސް ރައީސް މުހައްމަދު މުއިއްޒު ވަނީ އިންތިހާބު ލަސްކުރަން ބޭނުން ނުވާ މޭރުމަކުން ވާހަކަ ދައްކަވާފަ އެވެ.
ކޮމެންޓް (1)
އުރަކޮޅު