31 އޮކްޓޯބަރު 2023 - މަޖިލީހުގައި އެމްޑީޕީގެ މެންބަރުން މިއަދު އިހުތިޖާޖު ކުރަނީ (ފޮޓޯ/މަޖިލީސް)

މަޖިލިސް އިންތިހާބު ރޯދަ މަހަށް ފަހު ބާއްވަން މަޖިލީހުން ފާސްކޮށްފި

މިގޮތަށް ހަމަޖެއްސުމުން 17 މާޗުގައި ބާއްވަން އޮތް އާންމު އިންތިހާބު ރޯދައިގެ ފަހަށް ބަދަލުކުރަން ޖެހޭނެ

މަޖިލިސް އިންތިހާބު ރޯދަމަހުގެ ފަހުން ބާއްވާ ގޮތަށް އިންތިހާބުތަކާ ބެހޭ ގާނޫނަށް ގެނައި އިސްލާހު މަޖިލީހުން މިއަދު ފާސްކޮށްފި އެވެ. 

ވީ ކިހިނެއް؟ - މިގޮތަށް ނިންމާފައިވަނީ މި ބިލަށް ދެންމެ މަޖިލީހުގައި ނެގި ވޯޓުގައި ބައިވެރިވި 49 މެމްބަރުންގެ ތެރެއިން 46 މެމްބަރުންގެ ވޯޓުންނެެެވެ. އެ ބިލު ފާސްކުރަން ނުފެންނަ ކަމަށް ވޯޓުދިނީ ތިން މެމްބަރުންނެވެ. ބިލު ފާސްކުރަން ބޭނުންވަނީ 25 މެމްބަރުންގެ ވޯޓެވެ.

އިންތިހާބު ބާއްވާ ތާރީހަށް ގެނައި އިސްލާހުގައި ބުނެފައިވަނީ:

  • ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، ރޯދަ މަހުގެ ދުވަހެއްގައި އިންތިހާބެއް ބާއްވައިގެން ނުވާނެ 

  • އަދި އިންތިހާބު ބާއްވަން ޖެހޭ ތާރީހު ރޯދަ މަހުގެ ދުވަހަކާ ދިމާވާ ނަމަ އެ އިންތިހާބެއް ބާއްވަންވާނީ ރޯދަ މަސް ނިމި 10 ދުވަސް ފަހުން

މިގޮތަށް ގަވާއިދަށް މަޖިިލީހުން އިސްލާހު ގެނައުމާ އެކު، މަޖިލިސް އިންތިހާބު ބާއްވާނެ ތާރީހެއް އިއުލާން ކުރާނީ، އިލެކްޝަންސް ކޮމިޝަނުންނެވެ. އެ ކޮމިޝަނުން މީގެ ކުރިން އިއުލާން ކޮށްފައިވާ ތާރީހަކީ، 17 މާޗެވެ. އިސްލާހުގައި ވާ ގޮތުން، ގާނޫނުގެ ދަށުން އެކި ކަންކަމަށް ކަނޑައަޅާފައިވާ މުއްދަތުތަކަށް އަމަލުކުރެވެން ނެތް ހާލަތެއް ކުރިމަތިވެއްޖެ ނަމަ، އިންތިހާބު ބޭއްވުމަށްޓަކައި އެ މުއްދަތުތަކަށް ބަދަލުގެނެސް، އިލެކްޝަންސް ކޮމިޝަނުން އަލުން މުއްދަތުތައް ކަނޑައަޅަންވާނެ އެވެ.

ތަފްސީލް - ރޯދަ މަސް ތެރޭ އިންތިހާބުތައް ނުބޭއްވޭ ގޮތަށް އެމްޑީޕީގެ ފަރާތުން އިންތިހާބުތަކާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު މިއަދު މަޖިލީހުން ފާސްކޮށްފައިވަނީ، އެ މައްސަލަ ދިރާސާކުރި މަޖިލީހުގެ ފަސް މެމްބަރުންގެ ވަގުތީ ކޮމިޓީން ފާސްކޮށްފައިވާ ގޮތަށް އިތުރު ބަދަލެއް ގެނައުމެއް ނެތި އެވެ.

މި ގާނޫނަށް ވަގުތީ ކޮމިޓީން ގެނެސްފައިވާ މައިގަނޑު އިސްލާހުތަކަކީ:

  • އިންތިހާބު ބޭއްވުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި ދައުލަތުގެ މުއައްސަސާތަކާއި އިދާރާތަކުގެ އެހީތެރިކަމަށް އީސީން އެދިއްޖެ ނަމަ، އެކަމަށް އެއްބާރުލުން ފޯރުކޮށްދޭންވާނެ ކަމަށް؛ މިގޮތަށް ހިމަނާފައިވަނީ ރޯދަ މަހުގެ ފަހުން އިންތިހާބު ބާއްވާއިރު ސްކޫލުތައް ލިބުމުގައި ދަތިވެދާނެތީ އީސީން ދީފައިވާ ލަފަޔާ އެއްގޮތަށް

  • ކެންޑިޑޭޓުންގެ ނަންތައް އަންމުކޮށް އިއުލާންކުރާ ތާރީހުން ފެށިގެން އިންތިހާބު ބާއްވަން ކަނޑައަޅާ ތާރީހާ ދެމެދު، ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް މަސައްކަތްކުރަން 30 ދުވަހުގެ މުއްދަތެއް ދޭންވާނެ ކަމަށް

  • ވޯޓު ކަރުދާސް ދެއްކުން ގާނޫނީ ކުށެއްގެ ގޮތުގައި ކަނޑައެޅުން

  •  އެ ކުށުގެ ކުޑަބޮޑު މިނަށް ބަަލައި، އަދަބަކީ 1 މަސް ދުވަހާއި 3 މަސް ދުވަހުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ 6،000ރ. އާއި 18،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުން ކަމަށް ކަނޑައެޅުން

ކޮމެންޓް (1)

ގާނޫނު

11 ފެބްރުއަރީ 2024
ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ވީނަމަވެސް، ރޯދަ މަހުގެ ދުވަހެއްގައި އިންތިހާބެއް ބާއްވާއިގެން ނުވާނެ މިހެން ނުބުނެ - ގުރްއާނުގައި އެހެން އޮތްކަމުގައި ވިޔަސް އަހަރެމެން މިހެން ނަހަދާނަމޭވެސް ތި މީހުން ބުނެލާނެ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް