އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ޓިކެޓުގައި މަޖިލިސް އިންތިހާބަށް ކުރިމަތިލައްވާ ކެންޑިޑޭޓުން އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅުއްވުމުގެ ތެރެއިން. (ދައުރު ފޮޓޯ/ މުހައްމަދު އަމާން)
މަޖިލިސް އިންތިހާބު ފަސްކުރާ ބިލް ރައީސް ތަސްދީގުކުރުން ލަސްކުރާތީ ކަންބޮޑުވުން
ރޯދަ މަސް ތެރޭ ރައްޔިތުން މަޖިލީހުގެ އިންތިހާބު ނުބާއްވާ އެ އިންތިހާބު އޭގެ ފަހުގެ ތާރީހެއްގައި ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުން ގާނޫނަށް އިސްލާހު ގެނެސް ފާސް ކުރި ބިލް ރައީސް މުހައްމަދު މުއިއްޒު ތަސްދީގު ކުރަން ފޮނުވިތާ ހަފްތާއެއްހާ ދުވަސްވީއިރު ވެސް އެ ބިލް ތަސްދީގު ނުކުރައްވާތީ އެމްޑީޕީގެ ފަރާތުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ވީ ކިހިނެއް؟ - އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އެމްޑީޕީގެ ފަރާތުން ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށްފައި ވަނީ މިދިޔަ ހަފްތާ އާދިއްތަ ދުވަހު އެވެ. މަޖިލީހުން މިއަދު 'ދައުރު'އަށް ކަށަވަރުކޮށްދިން ގޮތުގައި ޖެހިގެން އައި ހޯމަ ދުވަހު އެ ބިލު ތަސްދީގު ކުރުމަށް ރައީސް އޮފީހަށް ވަނީ ފޮނުވާފަ އެވެ.
ތަފްސީލު - އެ ފަހުން މިހާރު ގާތްގަނޑަކަށް ހަފްތާއެއްހާ ދުވަސްވީ އިރު ރައީސް އެ ބިލު ތަސްދީގު ނުކުރައްވަ އެވެ. ސަރުކާރުގެ ބައެއް އޮފިޝަލުން ނުރަސްމީކޮށް 'ދައުރު'އަށް ދެއްވި މައުލޫމާތުތަކުން އެނގޭ ގޮތުގައި މަޖިލިސް އިންތިހާބު ފަސްކުރަން ސަރުކާރުން ބޭނުމެއް ނުވެ އެވެ. އެހެންވެ އެ ބިލު ރައީސް ތަސްދީގު ކުރެއްވުމަކީ ދުރު ކަމެއް ކަމަށް ބެލެވެ އެވެ.
ގާނޫނުއަސާސީގައިވާ ގޮތުން:
-
މަޖިލީހުން ބިލެއް ފާސްކޮށް، ތަސްދީގުކުރަން ރައީސަށް ފޮނުވުމާ އެކު އެ ބިލް ތަސްދީގުކުރަން 15 ދުވަހުގެ މުއްދަތެއް ރައީސަށް ލިބޭނެ
-
އެ ބިލާ މެދު އަލުން ވިސްނުމަށް ނުވަތަ އެ ބިލަށް ގެންނަން ރައީސްއަށް ފެންނަ އިސްލާހަކާ މެދު ވިސްނުމަށް އެ މުއްދަތުގެ ތެރޭގައި އެ ބިލު މަޖިލީހަށް އަނބުރާ ފޮނުވަން ޖެހޭ؛ އެ މުއްދަތުގައި މަޖިލީހަށް ނުފޮނުވައިފި ނަމަ، ތަސްދީގުކުރީ ކަމަށް ބަލައި، ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރަން ޖެހޭ
-
އަލުން އަނބުރާ މަޖިލީހަށް ބިލު ފޮނުވުމަށް ފަހު އެ ބިލަށް އެއްވެސް ބަދަލެއް ނުގެނެސް އެ ބިލު ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަގުލަބިއްޔަތުން ފާސްވެއްޖެ ނަމަ އެ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރަން ޖެހޭ
އެހެންކަމުން، އެ ބިލު ތަސްދީގު ކުރަން ބޭނުން ނަމަ، ރައީސް އެ ބިލު ފޮނުއްވާނީ އަނބުރާ މަޖިލީހަށެވެ.
އަބުރާ ފޮނުވާލެއްވި ނަމަވެސް، އަލުން އަނެއްކާވެސް ބިލު އޮތް ގޮތަށް މަޖިލީހުން ފާސްކުރާނެ ކަމަށް އަގުލަބިއްޔަތު މެންބަރުން ތިބި އެމްޑީޕީ އާއި ޑިމޮކްރެޓްސްއިން ވަނީ ބުނެފަ އެވެ. އެ ދެ ޕާޓީގެ މެންބަރުންގެ އަދަދަކީ 54 އެވެ.
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު 'ދައުރު'އަށް ވިދާޅުވީ، ރައްޔިތުންގެ އިހްސާސްތަކާ ގުޅިފައިވާ އެ ބިލު ތަސްދީގުނުކޮށް ލަސްކުރުމަކީ އެ ޕާޓީގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.
"އަޅުގަނޑުމެން ހިއެއް ނުކުރަން، ރައީސުލްޖުމްހޫރިއްޔާ އެހާ ނޭއްގާނީ ވެދާނެ ކަމަށް. ރާއްޖޭގެ މުސްތަގުބަލުގެ ކަންކަން ނިންމަން މެންބަރުން އިންތިހާބު ކުރާ އިންތިހާބެއްގައި ވޯޓުލުމަށް ގިނަ މީހުން ބައިވެރިވެވޭނެ ގޮތަށް މަޖިލީހުން ބިލު ފާސްކުރީމަ، ރައީސުލްޖުމްހޫރިއްޔާ ވެސް އެކަން [ތަސްދީގު] ކުރާނެ ކަމަށް ހީކުރީ،" ފައްޔާޒު ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެކަމާ އަޅާނެ ފިޔަވަޅަކަށް މަޝްވަރާ ކުރަމުން މިދަނީ."
ފައްޔާޒު ވިދާޅުވީ ބިލް ތަސްދީގުނުކުރައްވާ އަނބުރާ ފޮނުވާލެއްވި ނަމަވެސް މަޖިލީހުން އަނެއްކާ ފާސްކުރަން ވަގުތު ލިބޭނެ ކަމަށެވެ.
"އެކަމަކު އަޅުގަނޑުމެންނަށް އަޑު އިވެނީ [ދެވަނަ ފަހަރަށް މަޖިލީހުން] ފާސްކުރީމަ ވެސް ތަސްދީގު ނުކުރާނެ ވާހަކަތަކެއް،" ފައްޔާޒު ވިދާޅުވި އެވެ.
"ގާނޫނީ މަފްހޫމު ވަރަށް ސާފު. އެއީ ފުރަތަމަ ފަހަރަށް ފާސްކުރުމުން އަނބުރާ ފޮނުވާލުމަކީ ރައީސަށް ލިބިގެންވާ ބާރެއް. އޭގެ ފަހުން، މަޖިލީހުގެ މެޖޯރިޓީން ނިންމައިފި ނަމަ، އެއީ އިތުރު ޗޮއިސްއެއް އޮންނަ ކަމެއް ނޫން. ވަގުތުން ވަގުތަށް އެއީ ގާނޫނަކަށް ވާން ޖެހޭ އެއްޗެއް."
ފާހަގަކޮށްލެވޭ ކަމެއް - މި ބިލު މަޖިލީހަށް ފުރަތަމަ ހުށަހެޅިއިރު ޕީއެންސީން ފުރަތަމަ ބުނެފައިވަނީ ރޯދަ މަހުގެ ފަހުގެ ތާރީހަކަށް އިންތިހާބު ބޭއްވުމަކީ އެ ޕާޓީއަށް މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް މަޖިލީހުގައި ބިލަށް ބަހުސް ކުރި އިރު އެ ޕާޓީގެ މެންބަރުން އިންތިހާބު ފަސްކުރަން ދެކޮޅު ހެއްދެވި އެވެ.
ބިލު މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވި 49 މެމްބަރުންގެ ތެރެއިން 46 މެމްބަރުންގެ ތާއީދާ އެކު އެވެ. އެ ބިލު ފާސްކުރަން ނުފެންނަ ކަމަށް ވޯޓުދިނީ އެމްޑީޕީން ވަކިވެ ފަހުން ޕީއެންސީއަށް ސޮއި ކުރެއްވި ތިން މެމްބަރެކެވެ. އޭގެ ތެރޭގައި ހިމެނެނީ:
-
ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްގަނީ އަބްދުލް ހަކީމް
-
މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހްމަދު ހައިތަމް
-
މަތިވެރި ދާއިރާ މެންބަރު ހަސަން ޒަރީރު
މަޖިލިސް އިންތިހާބު ބާއްވަން މިހާރު އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ 17 މާޗްގަ އެވެ. އެއީ ރޯދަ މަހުގެ ކުރީ ކޮޅެވެ. އިސްލާހު ގެނެސްފައި ވަނީ ރޯދަ މަސް ނިމި 10 ދުވަސް ފަހުން އިންތިހާބު ބޭއްވުމަށެވެ. އެގޮތަށް ބާއްވާ ނަމަ، އެންމެ އަވަހަށް ވެސް މަޖިލިސް އިންތިހާބު ބޭއްވޭނީ އެޕްރީލް 21 ނުވަތަ 22ގަ އެވެ.