ރައީސް މުހައްމަދު މުއިއްޒު، މީގެ ކުރިން މަޖިލީހުން ފާސް ކުރި ބިލެއް ތަސްދީގު ކުރައްވަނީ: އިންތިހާބުތަކާ ބެހޭ ބިލު ތަސްދީގު ކުރުން ލަސް ކުރާތީ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ވަނީ ހުށަހަޅާފައި (ފޮޓޯ/ރައީސް އޮފީސް)

އިންތިހާބު ލަސްކުރާ ބިލް ރައީސް ތަސްދީގު ނުކޮށްގެން ކުއްލި މައްސަލައެއް

ބިލު ތަސްދީގުނުކޮށް ލަސްކުރުމަކީ އިންތިހާބުގެ ތާރީހު ރައްޔިތުންނަށް އޮޅުން އަރާނެ ކަމެއް ކަމަށް އެ މައްސަލައިގައި ފާހަގަކޮށްފައިވޭ

ރޯދަ މަސް ތެރޭ ރައްޔިތުން މަޖިލީހުގެ އިންތިހާބު ނުބާއްވާ އެ އިންތިހާބު އޭގެ ފަހުގެ ތާރީހެއްގައި ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުން ގާނޫނަށް އިސްލާހު ގެނެސް ފާސް ކުރި ބިލް ރައީސް މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވުން ލަސްކުރައްވާތީ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

ވީ ކިހިނެއް؟ - އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އެމްޑީޕީގެ ފަރާތުން ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކޮށްފައި ވަނީ މިދިޔަ ހަފްތާ އާދިއްތަ ދުވަހު އެވެ. ޖެހިގެން އައި ހޯމަ ދުވަހު އެ ބިލު ތަސްދީގުކުރުމަށް މަޖިލީހުން ރައީސް އޮފީހަށް ފޮނުވިތާ ހަފްތާއަކަށް ވުރެ ވެސް ގިނަ ދުވަސްވީއިރު ބިލު ތަސްދީގުކޮށްފައެއް ނުވެ އެވެ.

  • އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލައެއް ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ ޑިމޮކްރެޓްސް މެންބަރު އިބްރާހިމް ވަހީދު (ވައްޑެ) 

  • މައްސަލައަށް ބަހުސްކުރުމަށް ފާސްވީ، 23 މެންބަރުންގެ ވޯޓާ އެކު؛ ދެކޮޅަށް ވޯޓު ދެއްވީ ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޕީޕީއެމްއަށް ނިސްބަތްވާ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް(ޓޮމް)

ތަފްސީލު - އެ މައްސަލައިގައި ވަހީދު ވިދާޅުވީ، އެ ބިލު މަޖިލީހުން ރައީސް އޮފީހަށް ފޮނުވިތާ ހަފްތާއަކަށްވުރެ ގިނަ ދުވަސްވީއިރު ވެސް ބިލު ތަސްދީގު ކުރާނެ ކަމުގެ އެއްވެސް އިޝާރާތެއް މިއަދާ ހަމައަށް ވެސް ލިބިފައި ނުވުމަކީ ކަންބޮޑުވުމެެއް ކަމަށެވެ.

މިފަހުން ރައީސް އައްޑޫއަށް ކުރެއްވި ދަތުރުފުޅުގައި މަޖިލިސް އިންތިހާބު އޮންނާނީ މިހާރު އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ގޮތަށް ރޯދަ މަސް ތެރެއަށްވާ ގޮތަށް މާޗް 17ގައިކަން އެ މަނިކުފާނު ވިދާޅުވެފައިވާކަން މެންބަރު ވަހީދު ފާހަގަކުރެއްވި އެވެ.

"ރައީސް މިހެން ވިދާޅުވެފައިވާއިރު، ގާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ނ)ގެ ދަށުން ބިލު ތަސްދީގުނުކޮށް އަނބުރާ މަޖިލީހަށް ފޮނުވާނުލައްވައި، ވަގުތު ބޭކާރުކޮށް ބިލު ހިފަހައްޓަވައިގެން ހުންނަވާނީ، ސަރުކާރުން ބޭނުންވާ ގޮތަށް މާޗް17 ވަނަ ދުވަހު އިންތިހާބު ބޭއްވުމަށް ކަމަށް ބެލެވޭ،" ކަމަށް ކުއްލި މައްސަލައިގައި އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އުނގޫފާރު ދާއިރާ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)

އޭގެ އިތުރުން އޭނާ ވިދާޅުވީ:

  • މަޖިލިސް އިންތިހާބު ރޯދަ މަހާ ދިމާވާތީ، ގާނޫނު އިސްލާހުކޮށްފައި ވަނީ ރައްޔިތުންނަށް ރޯދަ މަހު އިންތިހާބު ބޭއްވުމުން ކުރިމަތިވާނެ ދަތިތަކަށް ހައްލެއް ހޯދުމަށް

  • އެގޮތަށް އެ ބަދަލު ގެނެެސްފައި ވަނީ ސަރުކާރު ނިސްބަތްވާ ޕީޕިއެމް-ޕީއެންސީ ކޯލިޝަނަށް ހިމެނޭހެން މަޖިލީހުގެ ހުރިހާ ޕާޓީއެއްގެ މެންބަރުންގެ ތާއީދާ އެކު

އެގޮތަށް ބިލު ތަސްދީގުނުކޮށް ލަސްކުރުމަކީ މެންބަރު ވަހީދު ގަބޫލުކުރައްވާ ގޮތުގައި އިންތިހާބު އޮންނާނެ ރަސްމީ ތާރީހަކާ މެދު އޮޅުންބޮޅުން އަރާނެ ކަމެކެވެ. އަދި އެކަމާ ނުހަނު ކަންބޮޑުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންވެ ކުއްލި މައްސަލައިގައި އޭނާ ރައީސަށް ގޮވާލެއްވީ "ހައްސާސް މި މައްސަލައަށް" އަވަސް ހަލެއް ހޯދައިދިނުމަށްޓަކައި ލަސްނުކޮށް ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ އިޖުރާއަތްތަކާ އެެއްގޮތަށް އަމަލުކުރުމަށެވެ.

އެނގުން މުހިންމު - ގާނޫނުއަސާސީގައިވާ ގޮތުން:

  • މަޖިލީހުން ބިލެއް ފާސްކޮށް ތަސްދީގުކުރަން ރައީސަށް ފޮނުވުމާ އެކު އެ ބިލް ތަސްދީގުކުރަން 15 ދުވަހުގެ މުއްދަތެއް ރައީސަށް ލިބޭނެ

  • އެ ބިލާ މެދު އަލުން ވިސްނުމަށް ނުވަތަ އެ ބިލަށް ގެންނަން ރައީސްއަށް ފެންނަ އިސްލާހަކާ މެދު ވިސްނުމަށް އެ މުއްދަތުގެ ތެރޭގައި އެ ބިލު މަޖިލީހަށް އަނބުރާ ފޮނުވަން ޖެހޭ؛ އެ މުއްދަތުގައި މަޖިލީހަށް ނުފޮނުވައިފި ނަމަ ތަސްދީގުކުރީ ކަމަށް ބަލައި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރަން ޖެހޭ

  • އަލުން އަނބުރާ މަޖިލީހަށް ބިލު ފޮނުވުމަށް ފަހު އެ ބިލަށް އެއްވެސް ބަދަލެއް ނުގެނެސް އެ ބިލު ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަގުލަބިއްޔަތުން ފާސްވެއްޖެ ނަމަ އެ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރަން ޖެހޭ

އެހެންކަމުން، އެ ބިލު ތަސްދީގު ކުރަން ބޭނުން ނުވާ ނަމަ ރައީސް އެ ބިލު ފޮނުއް ވާނީ އަނބުރާ މަޖިލީހަށެވެ. އަބުރާ ފޮނުވާލެއްވި ނަމަވެސް، އަލުން އަނެއްކާ ވެސް ބިލު އޮތް ގޮތަށް މަޖިލީހުން ފާސްކުރާނެ ކަމަށް އަގުލަބިއްޔަތު މެންބަރުން ތިބި އެމްޑީޕީ އާއި ޑިމޮކްރެޓްސްއިން ވަނީ ބުނެފަ އެވެ. އެ ދެ ޕާޓީގެ މެންބަރުންގެ އަދަދަކީ 54 އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް