އިންޑިއާ ސިފައިން މިދިޔަ ބުދަ ދުވަހު ދިވެހި މަސްދޯންޏަކަށް އަރާ ބާލާ ފާސްކުރުމުގެ ތެރެއިން

ރާއްޖެ-އިންޑިއާ

ދިވެހި މަސްދޯނިތަކަށް އިންޑިއާ ސިފައިން އެރީ ގާނޫނާ ހިލާފަށް: ޑިފެންސް މިނިސްޓްރީ

އިންޑިއާގެ އަސްކަރިއްޔާގެ އެ އޮޕަރޭޝަންގެ ތަފްސީލު ދިނުމަށް ރަސްމީކޮށް އެ ގައުމުގައި ރާއްޖެއިން ވަނީ އެދިފައި

ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދު ތެރޭ މަސްވެރިކަން ކުރަމުންދިޔަ ދިވެހި ތިން ދޯންޏަކަށް އެރި ބޭރުގެ އަސްކަރިއްޔާއަކީ އިންޑިއާގެ ކޯސްޓް ގާޑް ކަމަށް ދިވެހި ސަރުކާރުން ފުރަތަމަ ފަހަރަށް މިރޭ ބުނެފި އެވެ. އަދި އެކަން ކޮށްފައިވަނީ ސަރުކާރަށް އެންގުމެއްނެތި، ބައިނަލްއަގުވާމީ ގާނޫނާ ހިލާފަށް ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.

ވީ ކިހިނެއް؟ - ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުން އައި ތިން ދޯންޏަކަށް އިންޑިއާ ސިފައިން އެރި މައްސަލައެއް ފެންމަތިވީ މިދިޔަ ބުދަ ދުވަހު ހަވީރުގެ ވަގުތެއްގަ އެވެ. އެކަމާ ގުޅިގެން ދިވެހި ސިފައިން ހަރަކާތްތެރިވާން ފެށިކަން އެމްއެންޑީއެފް އިން ހާމަކުރި ނަމަވެސް، އެ ދޯނިތަކަށް އެރީ ސީދާ އިންޑިއާ ސިފައިން ކަމެއް މިރެއާ ހަމައަށް ދިވެހި ސަރުކާރުން ބުނެފައެއް ނުވެ އެވެ. 

ތަފްސީލް - ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނި، ހއ. ދިއްދޫ އިރު އިތުރުން 72 ނޯޓިކަލް ބޭރުން، ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގެ ތެރޭގައި މަސްވެރިކަން ކުރަމުންދިޔަ ދިވެހި ތިން ދޯންޏަކަށް އަރާފައިވަނީ އިންޑިއާގެ ކޯސްޓް ގާޑް ޝިޕް 246 އާއި އިންޑިއާގެ ކޯސްޓް ގާޑް ޝިޕް 253އަށް ނިސްބަތްވާ ބޯޑިން ޓީމަކުންކަން ކަށަވަރުކުރެވިފައިވާ ކަމަށެވެ. އަދި އެކަން ކޮށްފައިވަނީ ރާއްޖޭގެ "ކަމާ ގުޅޭ އެއްވެސް އިދާރާއަކާ ކޯޑިނޭޓް ކުރުމެއް ނެތި" ކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

"ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނުތަކާއި އުސޫލުތަކާ ހިލާފަށް އިންޑިއާގެ އަސްކަރިއްޔާއިން ބޯޑުކޮށް ހިންގި މި އޮޕަރޭޝަންގެ ތަފްސީލު ދެއްވުމަށް ރާއްޖޭގެ ހާރިޖީ ވުޒާރާ މެދުވެރިކޮށް އިންޑިއާ ސަރުކާރުގައި 1 ފެބްރުއަރީ 2024ގައި [އިއްޔެ] ވާނީ ރަސްމީކޮށް ދަންނަވާފަ،" މިކަން ހިނގިތާ ދެ ދުވަސް ފަހުން، މިކަމާ ގުޅޭ ގޮތުން ސަރުކާރުން ފުރަތަމަ ފަހަރަށް ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އިންޑިއާ ސިފައިން ރާެއްޖޭގެ އިގްތިސާދީ ސަރަހައްދަށް ވަދެ، ދިވެހި މަސްދޯނިތައް ފާސް ކުރުން

ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ނަފާ ހޯދުމަށް ދިވެހި މަސްވެރިން ކުރަމުންދާ މަސައްކަތުގައި ސާބުތުވެ ތިބުމަށް އެދުމާ އެކު، ގައުމީ ދިފާއީ ބާރުން ރާއްޖޭގެ އިގްތިސާދީ ސަރައްހަދު ހިމާޔަތް ކުރާނެ ކަމުގެ ޔަގީންކަން ޑިފެންސް މިނިސްޓްރީގެ ބަޔާނުގައި ދީފައިވެ އެވެ.

އިންޑިއާގެ އަސްކަރިއްޔާ އިން އެރި ދޯނިތަކަކީ އދ. މަހިބަދޫ އަސުރުމާ 3 އާއި މިހޮރާ 3 އަދި ނިރު 7 އެވެ.

ފާހަގަކޮށްލެވޭ - މަސްވެރިންގެ ޔޫނިއަން އިން މިއަދު ވަނީ، އިންޑިއާ ސިފައިން އެ ދޯނިތަކަށް އަރައިގެން އުޅޭ މަންޒަރު ފެންނަ ވީޑިއޯތަކެއް އާންމުކޮށްފަ އެވެ. ކިޔަމަންތެރިކަމާ އެކު ދިވެހި މަސްވެރިން ތިބި އިރު، އިންޑިއާގެ ސިފައިން އެ ދޯނިތަކަށް އަރާފައި ވަނީ ހަތިޔާރާ އެކުކަން ވީޑިއޯތަކުން ފެނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް