ފިޝަރީޒް މިނިސްޓަަރު އަހްމަދު ޝިޔާމް. (ފޮޓޯ/ޕީއެސްއެމް)
ބޭރު ސިފައިން ދިވެހި އުޅަނދަކަށް އެރުމުން މިނިސްޓަރު ޝިޔާމް ކަންބޮޑުވުން ފާޅުކުރައްވައިފި
ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުގައި މަސްވެރިކަން ކުރަން އުޅުނު ދިވެހި މަސްދޯންޏަކަށް އިންޑިއާ ސިފައިން އަރާފައި ވާތީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - ރާއްޖޭގެ އީއީޒެޑްގައި މަސްވެރިކަން ކުރަން އުޅުނު އދ. މަހިބަދުއަށް ނިސްބަތްވާ އަސުރުމާ-3 ދޯންޏަށް އިންޑިއާގެ މަނަވަރެއް ކައިރިކޮށް އެ ދޯންޏަށް ސިފައިން އަރާފައިވާ ކަމުގެ މައުލޫމާތު ލިބިގެން އެމްއެންޑީއެފް އިން ވަނީ މިއަދު ހަރަކާތްތެރި ވެފަ އެވެ.
އެކަމަކު 'ދައުރު'އަށް އެނގިފައިވާ ގޮތުގައި އެ ސިފައިން މިހާރު ވަނީ ދޯނި ދޫކޮށްލައިފަ އެވެ.
ބުނީ ކީކޭ؟ - މި މައްސަލާގައި ކަންބޮޑުވުން ފާޅުކުރައްވާ ޝިޔާމް މިއަދު 'އެކްސް'ގައި ޕޯސްޓެއް ކުރެއްވި އެވެ.
"އަސުރުމާ-3 ދޯނި ހއ. ތުރާކުނުގެ އިރުމަތިން 72 މޭލު ބޭރުގައި ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމުގައި ހަރަކާތްތެރިވަމުން ދަނިކޮށް ބޭރު ޤައުމެއްގެ އަސްކަރީ އުޅަނދަކުން އަސުރުމާ 3 އަށް އަރައި ފަޅުވެރިންނާ ސުވާލުކޮށްފައިވާކަމީ އަޅުގަނޑު ނުހަނު ކަންބޮޑުވާ ކަމެކެވެ،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި:
-
މަސްދޯނި ހަރަކާތްތެރި ވަމުންދިޔައީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައިކަން މިނިސްޓްރީގެ ވެސަލް މޮނީޓަރިން ސިސްޓަމްއިން ކަށަވަރުވޭ
-
މި ހާދިސާއާ ގުޅިގެން ކޯސްޑް ގާޑާއި އުޅަނދުގެ ވެރިފަރާތާ އެކު މިނިސްޓްރީން އަންނަނީ ގާތުން މަސައްކަތް ކުރަމުން
އަސުރުމާ-3 ދޯނި ހއ .ތުރާކުނުގެ އިރުމަތިން 72 މޭލު ބޭރުގައި ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމުގައި ހަރަކާތްތެރިވަމުން ދަނިކޮށް ބޭރު ޤައުމެއްގެ އަސްކަރީ އުޅަނދަކުން އަސުރުމާ 3 އަށް އަރައި ފަޅުވެރިންނާ ސުވާލުކޮށްފައިވާކަމީ އަޅުގަނޑު ނުހަނު ކަންބޮޑުވާ ކަމެކެވެ. މިއުޅަނދު… pic.twitter.com/DPaNFRWa8z
— Ahmed Shiyam (@Shiyamaldives) January 31, 2024
ފާހަގަކޮށްލެވޭ - މި މައްސަލަ އެންމެ ފުރަތަމަ އާންމުންގެ ސަމާލުކަމަށް ގެނައި ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނި ގޮތުގައި ކަންނެލި އޮޑިއަށް އަރާފައިވަނީ އިންޑިއާ ސިފައިންނެވެ.
ނަމަވެސް، އެމްއެންޑީއެފް އިން އެކަމާ ގުޅިގެން ފޮނުވި މެސެޖުގައި ދޯންޏަށް އެރީ އިންޑިއާ ސިފައިން ކަން ސީދާ ނުބުނެ، އެމްއެންޑީއެފްއިން ބުނީ "ބޭރުގެ އަސްކަރިއްޔާއަކަށް ނިސްބަތްވާ އުޅަނދެއްގެ ބޯޑިން ޓީމަކުން މަސްދޯންޏަށް އަރާފައިވާކަމުގެ ރިޕޯޓެއް ލިބިފައިވާ" ކަމަށެވެ.
އެނގުން މުހިއްމު - ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ ރައީސް ހުސެން ނަޝީދު 'ދައުރު' އަށް ވިދާޅުވީ އަސުރުމާ-3 ދޯންޏާ ސެޓްލައިޓު މެދުވެރިކޮށް ގުޅި ކަމަށާއި އެ ދޯނި އޮތް ޕޮޒިޝަން ނަންބަރަކީ ރާއްޖޭގެ އީއީޒެޑްގައި ހިމެނޭ ސަރަހައްދެއް ކަމަށެވެ.
ދޯނީގެ ކެޔޮޅާ ހަވަލާދީ އޭނާ އިތުރަށް ވިދާޅުވީ އިންޑިއާ ސިފައިންގެ މަނަވަރު އެންމެ ފުރަތަމަ ދޯނި މަތިން ހެލިކޮޕްޓަރު އުދުއްސީ ކަމަށާއި އޭގެ ފަހުން މަނަވަރު ދޯންޏާ ކައިރިކޮށް ހަތިޔާރާ އެކު ސިފައިން އެރީ ކަމަށެވެ.
މަސްދޯނީގައި ތިބި މީހުންނާ އިންޑިއާ ސިފައިން ކުރަނީ ކޮން ސުވާލެއްކަމެއް އަދި ދައްކަނީ ކޮން ވާހަކައެއްކަމެއް ސާފު ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކަންބޮޑުވުމަކީ ދިވެހި މަސްވެރިން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަނިކޮށް ބޭރުގެ ހަތިޔާރު އެޅި ސިފައިންގެ ބަޔަކު ދިވެހި މަސްދޯންޏަކަށް އެރުން. މިއީ ބިރުވެރި ކަމެއް. ބޭރު ކަނޑަށް ނުކުމެ، މަސްވެރިކަން ކުރަން މަސްވެރިން ޖެހިލުންވާނެ ކަމެއް،" ނަޝީދު ވިދާޅުވި އެވެ.
'ދައުރު'އަށް މައުލޫމާތު ލިބޭ ގޮތުގައި މިހާރު އިންޑިއާ ސިފައިން ވަނީ އެ ދޯނިން ފައިބާފަ އެވެ.
ކޮމެންޓް (2)
ޖެނެޓު
ޖެނެޓުތެރޭ އޮއްވާ ދޯ ހަަައްޔަރު ކުރީ.