ރާއްޖޭގެ މަސް ދޯނިތަކެއް. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)
އިންޑިއާ ސިފައިން އިތުރު ދެ ދޯންޏަށް ވެސް އެރި
ރާއްޖޭގެ އުތުރުން އިގްތިސޯދީ ސަރަހައްދުގެ ތެރޭގައި ބޮޑު ކަންނެލީގެ މަސްވެރިކަން ކުރަމުންދިޔަ އދ. މަހިބަދުއަށް ނިސްބަތްވާ އަސުރުމާ-3 ދޯނީގެ އިތުރުން ވެސް އެ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ ދެ ދިވެހި ދޯންޏަކަށް އިންޑިއާ ސިފައިން އަރާފައިވާ ކަމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން އިން ބުނެފި އެވެ.
ވީ ކިހިނެއް؟ - ޔޫނިއަންގެ ރައީސް ހުސެން ނާފިޒް، އަސުރުމާ-3ގެ ކެޔޮޅާ ހަވާލާދީ 'ދައުރު'އަށް ވިދާޅުވި ގޮތުގައި، އިންޑިއާ ސިފައިން ހަތިޔާރާ އެކު ދެން އަރާފައިވާ ދެ ދޯންޏަކީ:
-
ނެރު-7؛ މިއީ މަހިބަދޫ ކެޔޮޅެއް ދުއްވާ، ނ. އަތޮޅަށް ނިސްބަތްވާ ދޯންޏެއް
-
މާހޯރަ-3؛ މިއީ ހއ. އިހަވަންދުއަށް ނިސްބަތްވާ ދޯންޏެއް
މި ދެ ދޯނި ވެސް މަސްވެރިކަން ކުރަމުން ދިޔައީ އަސުރުމާ-3 ވެސް މަސްވެރިކަން ކުރަމުން ދިޔަ ސަރަހައްދުގައި ކަމަށާއި އެކަން އެމްއެންޑީއެފްގެ ސަމާލުކަމަށް ގެނެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް، ނާފިޒް ވިދާޅުވީ، މި ދެ ދޯނީގައި ސެޓަލައިޓް ފޯނު ބޭނުން ނުކުރާތީ އެ ދޯނިތަކުގެ ކެޔޮޅުންނާ މިހާތަނަށް ވާހަކަ ދެކެވިފައި ނުވާ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި:
-
އަސުރުމާ-3އަށް އަރާ އިންޑިއާ ސިފައިން ސުވާލުކޮށްފައިވަނީ އެ ދޯނީގައި ސެޓަލައިޓް ފޯނެއް ހުރިތޯ އަދި އެ ސެޓެލައިޓް ފޯނުގެ ނަންބަރަކީ ކޮބާތޯ
-
އެމީހުންނާ އެ ނަންބަރު ހިއްސާ ކުރަންޖެހޭ އެއްވެސް ހައިސިއްޔަތެއް ނޯންނާނެ ކަމަށް ދޯނީގެ ކެޔޮޅު ބުނެފައިވޭ
-
އިންޑިއާ ސިފައިން އަސުރުމާ-3 އަށް އެރުމާއެކު، އެ ދޯނިން ދިޔައީ ކޯސްޓް ގާޑާއި ގުޅާ މައުލޫމާތު ހިއްސާ ކުރަމުން
-
ކޯސްޓް ގާޑަށް ދޯންޏާ ހަމައަށް ދެވުމުގެ ކުރިން ބޭރުގެ ސިފައިން ވަނީ އެ ދޯނިން ފައިބާފައި
"މިއީ އެ ދޯނިފަހަރަށް ލިބުނު ވަރަށް ބޮޑު ބިރުވެރިކަމެކޭ އަޅުގަނޑު ދަންނަވާނީ. ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ތިއްބާ ބޭރުގެ ސިފައިންތަކެއް އައިސް [ދޯނި} މަޑުކުރުވާފައި ދޯންޏަށް އަރައިގެން، ކަންތައްތައް މިގޮތަށް ވެގެން ދިޔުން ވަރަށް ބޮޑަށް ކުށްވެރި ކުރަން،" ނާފިޒް ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ - ރާއްޖޭގެ އީއީޒެޑްގައި މަސްވެރިކަން ކުރަން އުޅުނު އދ. މަހިބަދުއަށް ނިސްބަތްވާ އަސުރުމާ-3 ދޯންޏަށް އިންޑިއާގެ މަނަވަރެއް ކައިރިކޮށް އެ ދޯންޏަށް ސިފައިން އެރި ކަމަށް އެންމެ ފުރަތަމަ ބުނީ ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންއިންނެވެ.
ނަމަވެސް، އެކަމާ ގުޅޭ ގޮތުން އެމްއެންޑީއެފް އިން މީޑިއާތަކަށް ފޮނުވި މެސެޖުގައި ދޯންޏަށް އެރީ އިންޑިއާ ސިފައިން ކަން ސީދާ ނުބުނެ، އެމްއެންޑީއެފްއިން ބުނީ "ބޭރުގެ އަސްކަރިއްޔާއަކަށް ނިސްބަތްވާ އުޅަނދެއްގެ ބޯޑިން ޓީމަކުން މަސްދޯންޏަށް އަރާފައިވާކަމުގެ ރިޕޯޓެއް ލިބިފައިވާ" ކަމަށެވެ.