ހިޔުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީގެ މުގައްރިރު ޖީހާން މަހުމޫދު މިއަދުގެ ކޮމެޓީ ޖަލްސާގައި ވާހަކަ ދައްކަވަނީ (ފޮޓޯ/މަޖިލިސް)

ވިލިނގިލީ ކުއްޖާ މަރުވި މައްސަލަ މަޖިލީހުގެ ޖެންޑާ ކޮމެޓީން ވެސް ބަލަނީ

އިމަޖެންސީ އިވެކުއޭޝަންގައި އަމަލު ކުރާނެ ނިޒާމެއް ކަނޑައަޅާފައިވޭތޯ އާއި އެކަމުގައި ސަރުކާރުން މިހާރު ގެންގުޅޭ އުސޫލުތައް ސާފު ކުރަން ވަނީ ނިންމާފައި

ގއ. ވިލިނގިލީގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުން ދިޔަ 13 އަހަރުގެ ކުއްޖަކު އަވަސް ފަރުވާއަށް މާލެ ގެނައުން ލަސްވެ، އެ ކުއްޖާއަށް އެކަށީގެންވާ ފަރުވާ ދިނުން ލަސްވުމުގެ ސަބަބުން އެ ކުއްޖާ މަރުވި ހާދިސާގައި ވެފައިވާ އިހުމާލުތައް ބަލަން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން މިއަދު ނިންމައިފި އެވެ.

ވީ ކިހިނެއް؟ - މިދިޔަ ބުދަ ދުވަހުގެ ރޭ ސްޓްރޯކެއް ޖެހިގެން ހާލު ބޮޑުވެގެން ވިލިނގިލީ ހޮސްޕިޓަލަށް ގެންދިޔަ އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖަކު އިތުރު ފަރުވާއަށް މާލެ ގެންދަން ޑޮކްޓަރު ލަފާދިން ނަމަވެސް، އެ ކުއްޖާ މާލެ ގެނައުން ލަސްވެ، އެކަށީގެންވާ ފަރުވާ ނުދެވުމުގެ ސަބަބުން އިއްޔެ ވަނީ އައިޖީއެމްއެޗުގައި މަރުވެފަ އެވެ.

ތަފްސީލް - މަޖިލީހުގެ ހިއުމަން ރައިިޓްސް އެންޑް ޖެންޑާ ކޮމެޓީގެ މެންބަރުންގެ އަމިއްލަ އިސްނެގުމަށް އެ މައްސަލަ ބަލަން މިއަދު ބޭއްވި ކޮމެޓީގެ ބައްދަލުވުމުގައި ވަނީ ނިންމައިފަ އެވެ.

ކޮމެޓީގެ މުގައްރިރު، ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދު ވިދާޅުވީ، އެ ހާދިސާ ހިނގި ގޮތް ދެނެގަތުމަކީ ކޮމެޓީގެ ޒިންމާތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. ކުއްޖާ މާލެ ގެނައުން ލަސްވެފައިވަނީ ކުއްލި ހާލަތުގައި އެ ކުއްޖާ އުފުލުން ލަސްވުމުން ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރާކަން އޭނާ ފާހަގަކުރެއްވި އެވެ.

ޖީހާން ވިދާޅުވީ:

  • އިމަޖެންސީ އިވެކުއޭޝަން ލަސްވީ ޓެކްނިކަލް މައްސަލައެއް ދިމާވެ، ކުއްޖާ ބަލާ ދާން އޮތް މޯލްޑިވިއަންގެ މަތިންދާބޯޓަށް ނުދެވުމުން ކަމަށް އާސަންދަ އިން ބުނެފައިވޭ

  • ބަލިމީހުން ކުއްލި ހާލަތުގައި އެއް ތަނުން އަނެއް ތަނަށް އުފުލުމަށް އިންޑިއާގެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު ބޭނުން ކުރުން މިހާރު ވަނީ ހުއްޓާލާފައި

  • މިއީ ކުޑަކުއްޖެއްގެ ފުރާނައާ ގުޅުން ހުރި ކަމެއްގައި ލިބެން ހުރި ވަސީލަތްތަކެއް ބޭނުން ނުކޮށް ދޫކޮށްލި ދެ ވަނަ ފަހަރު

"ލިބިފައިވާ ހިދުމަތެއް، ފަސޭހަވެފައިވާ ކަމެއް ރައްޔިތެއްގެ އަދި ހާއްސަކޮށް ކުޑަކުއްޖެއްގެ ފުރާނައަށް ގެއްލުންވެފައިވާ ހާލަތެއްގައި، ގެންގުޅުއްވާ ސިޔާސަތެއްގެ ސަބަބުން ނުވަތަ އުފެދިފައިވާ ދާހިލީ މައްސަލަތަކެއްގެ ސަބަބުން ބޭނުން ނުކުރެވުމުގެ ސަބަބުން އެއްވެސް ރައްޔިތެއްގެ ފުރާނައަށް ނުރައްކާވާ ކަމެއް ކަމަށް ވަންޏާ އެ ކަމަކީ އަޅުގަނޑުމެން އިންކުއަރީ ހިންގަން ޖެހޭ ކަމެއް،" ޖީހާން ވިދާޅުވި އެވެ.

ކޮމެޓީގަައި ވާހަކަ ދައްކަވަމުން މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށަހެޅުއްވީ:

  • އެ މައްސަލާގައި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ކޮމެޓީއަށް ހާޒިރުކޮށްގެން، ޑޯނިއާ ބޯޓު ބޭނުންކުރުމުގައި މިހާރު ގެންގުޅޭ އުސޫލު ސާފު ކުރަން

  • އިންޑިއާއާ އެކު އޮންނަ ގުޅުމާ ބެހޭ މައުލޫމާތު ސާފުކުރުމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ހާޒިރު ކުރަން

ރޮޒައިނާ ވިދާޅުވީ ގިނަ ބަޔަކު ބޭހަށް އިންޑިއާއަށް ދަތުރުކުރާއިރު ސަރުކާރުގެ ސިޔާސަތު ބަދަލުކޮށްް، ދުބާއީ އަށާއި ތައިލެންޑަށް ބޭހަށް ފޮނުވަން ސަރުކާރުން ނިންމާފައިވަނީ ކިހިނެއްތޯ ސާފުކުރަން ޖެހޭ ކަމަށެވެ.

ކޮމެޓީގެ ބައްދަލުމުން ނިންމާލާފައިވަނީ ކަމާ ގުޅުންހުރި އިދާރާތައް ކޮމެޓީއަށް ހާޒިރުކޮށް، މައްސަލަ ބެލުމަށް ކަނޑައެޅުމަށް ފަހު އެވެ. އެގޮތުން، އިމަޖެންސީ އިވެކުއޭޝަންގައި އަމަލު ކުރާނެ ނިޒާމެއް ކަނޑައަޅާފައިވޭތޯ އާއި އެކަމުގައި ސަރުކާރުން މިހާރު ގެންގުޅޭ އުސޫލުތައް ސާފު ކުރަން ވަނީ ނިންމައިފަ އެވެ.

ގުޅުން ހުރި ކަމެއް - ވިލިނގިލީ ކުއްޖާ މަރުވި މައްސަލަ އެ ދާއިރާގެ މެންބަރު ސައުދު ހުސެން ވެސް ވަނީ މަޖިލީހަށް ހުށަހަޅުއްވައިފަ އެވެ.

އެނގުން މުހިއްމު - ވައިގެ މަގުން އުފުލަން ޖެހޭ ބަލިމީހުން އުފުލުމަށް މީގެ ކުރިން ބޭނުން ކުރި އިންޑިއާ އިން ދިވެހި ސިފައިންނާ ގުޅިގެން އޮޕަރޭޓުކުރާ ޑޯނިއާ މަތިންދާބޯޓު ބޭނުން ކުރުން މި ސަރުކާރު އައި ފަހުން ހުއްޓާލާފައިވާ ކަމަށާއި، އެއާ އެކު ކުއްލި ހާލަތުގައި ވައިގެ މަގުން އުފުލަން ޖެހޭ ބަލިމީހުން އުފުލުމުގައި ދަތިތައް ދިމާވެ، ބަލިމީހުންގެ ފުރާނަ ނުރައްކަލަށް ހުށަހެޅެމުންދާ ކަމަށް ބުނެ ސަރުކާރަށް ދަނީ ފާޑުކިޔުން އަމާޒުވަމުންނެވެ.  

އެކަމަކު، އެ ތުހުމަތުތައް ސަރުކާރުން ވަނީ ދޮގުކޮށްފަ އެވެ. އަދި މެޑިކަލް އިވެކުއޭޝަންތަކުގައި އަމަލު ކުރާ އުސޫލު ހަރުދަނާކޮށް، ކުއްލި ހާލަތުގައި ބަލިމީހުން ގެންދަން ޖެހޭ ނަމަ، އެ ކަމަށް އެންމެ އިސްކަން ދޭ ގޮތަށް މޯލްޑިވިއަންގެ އުސޫލު ބަދަލުކުރުމަށް މިހާރު ވަނީ އަންގައިފަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް