މޯލްޑިވިއަންގެ ފްލީޓުގައި ބޭނުންކުރާ އޭޓީއާރު މަރުކާގެ މަތިންދާބޯޓެއް (ފޮޓޯ/އޭޓީއާރު)

ބަލި މީހުން އުފުލަން އިސްކަން ދޭ ގޮތަށް މޯލްޑިވިއަންގެ އުސޫލު ބަދަލުކޮށްފި

މިއަދުން ފެށިގެން މޯލްޑިވިއަންގެ އުސޫލަށް ބަދަލު ގެނެސް، އިމަޖެންސީ ކޭސް އެއް އަތުވެއްޖެ ނަމަ، ޝެޑިއުލުން އެންމެ އިސްކަންދީގެން އެފަދަ ބަލިމީހުން އުފުލާގޮތަށް ހަމަޖައްސާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި

ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލަައިޓު ޝެޑިއުލުން އެންމެ އިސްކަން ދޭނީ އިމަޖެންސީކޮށް ވައިގެ މަގުން އުފުލަން ޖެހޭ ބަލިމީހުން އުފުލަން ކަމަށް ކަނޑައަޅާ އެގޮތަށް އަމަލު ކުރަން ފަށާފައިވާ ކަމަށް ޓްރާންސްޕޯޓު އެންޑް ސިިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ވައިގެ މަގުން އުފުލަން ޖެހޭ ބަލި މީހުން އުފުލުމަށް މީގެ ކުރިން ބޭނުން ކުރި އިންޑިއާ އިން ހަދިޔާކޮށްފައިވާ ޑޯނިއާ މަތިންދާބޯޓު ބޭނުން ކުރުން މި ސަރުކާރު އައިފަހުން ހުއްޓާލާފައިވާ ކަމަށާއި އެއާއެކު އިމަޖެންސީކޮށް ވައިގެ މަގުން އުފުލަންޖެހޭ ބަލިމީހުން އުފުލުމުގައި ދަތިތައް ދިމާވެ، ބަލިމީހުންގެ ފުރާނަ ނުރައްކަލަށް ހުށަހެޅެމުންދާ ކަމަށް ބުނެ ސަރުކާރަށް ދަނީ ފާޑުކިޔުން އަމާޒުވަމުންނެވެ.

ތަފްސީލް - އެ ފާޑުކިޔުންތަކާ ގުޅިގެން މިނިސްޓަރު އަމީން މިއަދު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދުން ފެށިގެން މޯލްޑިވިއަންގެ އުސޫލަށް ބަދަލު ގެނެސް އިމަޖެންސީ ކޭސް އެއް އަތުވެއްޖެ ނަމަ ޝެޑިއުލުން އެންމެ އިސްކަންދީގެން އެފަދަ ބަލިމީހުން އުފުލާގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

"އަދި ހޮސްޕިޓަލަކުން އިމަޖެންސީ ކޭސް އެއްގެ މައުލޫމާތު ލިބުމާއެކު މޯލްޑިވިއަންގެ އެންމެ އިސްކަމަކަށް ވާނީ، އިމަޖެންސީގައި އުފުލަންޖެހޭ ފަރާތް އުފުލުން،" މިނިސްޓަރު ވިދާޅުވި އެވެ.

ގުޅުން ހުރި - ޗައިނާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުު ނިންމަވާލެއްވުމަށް ފަހު އެނބުރި މާލެ ވަޑައިގެން އެއާޕޯޓުގައި ހުންނަވާ ނޫސްވެރިންނަށް ދެއްވި ޕްރެސް ސްޓޭޓުމެންޓުގައި އަންނަ މަހުން ފެށިގެން ބަލިމީހުން އުފުލާނީ ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގެ ޑޭޝް-8 މަތިންދާބޯޓެއް އެއާ އެމްބިއުލާންސަކަށް ބަދަލުކުރުމަށް ފަހު އެ ބޯޓުގައި ކަމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

ރައީސްގެ އެ ވާހަކަފުޅަށް އިޝާރާތް ކުރައްވާ މިނިސްޓަރު އަމީން ވިދާޅުވީ ސަރުކާރުން އެންމެ އިސްކަންދީގެން ކުރަމުންދާ އެއް މަސައްކަތަކީ އެއާ އެމްބިއުލާންސްގެ ހިދުމަތް ތައާރަފު ކުރުން ކަމަށާއި އެ ހިދުމަތް އަންނަ މަހުގެ 1 ގައި ފަށާނެ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް