އިންޑިއާގެ ހެލިކަޕްޓަރު (ފައިލް ފޮޓޯ/ އަވަސް)

މާޗުން ފެށިގެން ބަލިމީހުން އުފުލާނީ އިންޑިއާގެ އުޅަނދަކު ނޫން: ރައީސް

މޯލްޑިވިއަންގެ ޑޭޝް-8 މަތިންދާބޯޓު އެއާ އެމްބިއުލާންސެއްގެ ގޮތުގައި ބޭނުންކުރުމަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަން ފަށާފައިވާ ކަމަށް ރައީސް ވިދާޅުވި

އަންނަ މާޗު މަހުން ފެށިގެން ރާއްޖޭގައި ބަލިމީހުން އުފުލާނީ މިދިޔަ ފަސް ސަރުކާރުގައި ވެސް އެކަން ކުރަމުން އައި އިންޑިއާގެ ހެލިކަޕްޓަރާއި ޑޯނިއާ ބޯޓުގައި ނޫން ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އެ މަނިކުފާނު އެހެން ވިދާޅުވީ ޗައިނާއަށް ކުރެއްވި ފުރަނާމަ ދަތުރުފުޅަށް ފަހު، އެނބުރި ރާއްޖެ ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްވި ބަޔާނުގަ އެވެ.

ބުނީ ކީކޭ؟ - "ބަލިމީހުން އުފުލަން އެއާ އެމްބިއުލާންސް 1 މާޗުގައި އިރާދަކުރެއްވިއްޔާ އުދުހެން ފަށާނެ. [އިންޑިއާގެ] ހެލިކަޕްޓަރެއް ނޫން، ޑޯނިއާއެއް ނޫން. [މޯލްޑިވިއަންގެ] ޑޭޝް 8ގެ އަޅުގަނޑުމެންގެ އޮތް މަތިންދާބޯޓު މިހާރު ބަދަލު ކުރުމުގެ މަސައްކަތް އެ ވަނީ ފެށިފައި،" ރައީސް ވިދާޅުވި އެވެ.

ތަފްސީލު - މިދިޔަ މަހުގެ 25ގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުުމުގައި ނިންމާފައިވަނީ، އަންނަ މާޗް މަހު ފެށިގެން ރާއްޖެއަށް އެއާ އެމްބިއުލާންސް ހިދުމަތް ތައާރަފް ކުރުމަށެވެ. މިއަދު ރައީސް ވަނީ އެ ހިދުމަތާ ގުޅޭ ގޮތުން ކޮންމެވެސް ވަރެއްގެ އިތުރު ތަފްސީލެއް ދެއްވާފަ އެވެ.

ރައީސް ވިދާޅުވި ގޮތުގައި، އެ ހިދުމަތް ރާއްޖޭގައި ފެށުމާ އެކު ގިނަ ފައިދާތަކެއް ދިވެހިންނަށް ކުރާނެ އެވެ. އެގޮތުން، އެ ހިދުމަތް ފުޅާ ކުރަނީ، އެހެން ގައުމުތަކަށް ވެސް ބަލިމީހުން ގެންދެވޭ ފެންވަރަށްކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

އެންމެ އުތުރުން ނުވަތަ އެންމެ ދެކުނުން މާލެއަށް ކުޑަ އިރުކޮޅެއްގެ ތެރޭގައި އާދެވުމުގެ އިތުރަށް، ކުލިއަކަށް ރާއްޖެއިން ބޭރަށް، ތައިލެންޑަށް ގެންދަން ބޭނުންވިޔަސް، ޑޭޝް-8ގައި ދާނެ، އެއާ އެމްބިއުލާންސްގައި ދާނެ،" ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުން، ރައީސް ވިދާޅުވީ:

  • ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ރާއްޖޭގެ ބާރުވެރިކަމުގައި 24 ގަޑިއިރު ބެލެހެއްޓޭނެ ވަސީލަތް ގާއިމް ކުރުމުގެ މަސައްކަތް ވަނީ ފެށިފައި

  • މާ ލަސްތަކެއް ނުވެ، އެ ވަސީލަތްތައް ގާއިމްކޮށް، ރާއްޖެއިން އަމިއްލައަށް އެކަން ކުރަން ފަށާނެ

"އެހެންވީމަ، އަޅުގަނޑުމެންގެ މިނިވަންކަމާއި އަޅުގަނޑުމެންގެ ދިވެހިރާއްޖެ އިރާދަކުރެއްވިއްޔާ ހަގީގީ މާނައިގައި އަޅުގަނޑުމެން ގާއިމްކޮށްދޭނަން،" ރައީސް ވިދާޅުވި އެވެ.

ވެލާނާ އިންޓަނޭޝަލް އެއާޕޯޓުގައި މިއަދު ރައީސް ޕްރެސް ސްޓޭޓްމަންޓް ދެއްވިއިރު، އަރިހުގައި ފޮރިން މިނިސްޓަރު މޫސާ ރަމީޒު: ރައީސް ވަނީ އެ ސްޓްޓްމަންޓްގައި އިންޑިއާއަށް ވަރުގަދަ ރައްދުތަކެއް ދެއްވާފައި. (ފޮޓޯ/ރައީސް އޮފީސް)

ފާހަގަކޮށްލެވޭ ކަމެއް - އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. މިހާތަނަށް ރާއްޖޭގެ އެކި ރަށްރަށުން ބަލިމީހުން އުފުލަން ބޭނުން ކުރަމުން އައީ މޯލްޑިވިއަންގެ ޗާޓަރު ފްލައިޓްތަކާއި އިންޑިއާގެ ވައިގެ އުޅަނދުތަކެވެ.

މިއަދު ރައީސް ވަނީ، އިންޑިއާއަށް ރާއްޖެއިން ބަރޯސާވެގެން ކުރާ ގިނަ ކަންކަން ނިމުމަކަށް ގެންނަން އަމާޒު ހިފާއިވާކަން ހާމަކުރައްވައި އެ ގައުމަށް ވަރުގަދަ އިންޒާރެއް ވެސް ދެއްވާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް