ގއ. ވިލިނގިލި. އެރަށުން މާލެ ގެނައުން ލަސްވި ކުއްޖަކަށް އެކަށީގެންވާ ފަރުވާ ނުދެވި ވަނީ މަރުވެފައި
ވިލިނގިލި ކުއްޖާ މަރުވި ހާދިސާ ބެލުމަށް މައްސަލަ މަޖިލީހަށް
ގއ. ވިލިނގިލީގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުން ދިޔަ 13 އަހަރުގެ ކުއްޖަކު އަވަސް ފަރުވާ އަށް މާލެ ގެނައުން ލަސްވެ، އެ ކުއްޖާ އަށް އެކަށީގެންވާ ފަރުވާ ދިނުން ލަސްވުމުގެ ސަބަބުން ކުއްޖަކު މަރުވި ހާދިސާގައި ވެފައިވާ އިހުމާލުތައް ބެލުމަށް ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި އެވެ.
ވީ ކިހިނެއް؟ - މިދިޔަ ބުރާސްފަތި ދުވަހު ވިލިނގިލީ ހޮސްޕިޓަލުގައި އޮތް އުމުރުން 13 އަހަރުގެ ކުއްޖާ އިތުރު ފަރުވާ އަށް މާލެ ގެނެސް ފަރުވާ ދެމުންދަނިކޮށް އިއްޔެ ވަނީ މަރުވެފަ އެވެ. އެ ކުއްޖާ މަރުވީ އިތުރު ފަރުވާ އަށް މާލެ ގެނައުން ލަސްވެގެން ކަމަށާއި އެކަމުގައި ސަރުކާރުން އިހުމާލުވެފައިވާ ކަމަށް ބުނެ ސަރުކާރަށް ދަނީ ފާޑުކިޔަމުންނެވެ.
ތަފްސީލް - ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސެން، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލާގައި ބުނެފައިވަނީ އިއްޔެ މަރުވި ކުއްޖާ ވިލިނގިލި ހޮސްޕިޓަލަށް ގެންދެވުނީ ބުދަ ދުވަހުގެ ރޭ ކަމަށާއި އެ ކުއްޖާ އަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެނައުމަށް ޑޮކްޓަރުން ލަފާދިން ނަމަވެސް އިމަޖެންސީ އިވެކުއޭޝަންގެ ކަންތައް ލަސްވެފައިވާ ކަމަށެވެ.
އެގޮތުން ސައުދު ހުށަހެޅުއްވި މައްސަލާގައި ބުނެފައިވަނީ:
-
ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އިމަޖެންސީ އިވެކުއޭޝަންގައި ބޭނުންކުރުމަށް ހާއްސަ ފްލައިޓާއި ހެލިކޮޕްޓަރު ބޭނުން ނުކުރި ކަމަށް
-
އައިިލެންޑް އޭވިއޭޝަންގެ ފްލައިޓު ލިބެން އޮތް ވަގުތަކަށް ވަރިހަމަކޮށް ކުއްޖާ އަށް ލިބެން އޮތް ކްރިޓިކަލް ކެއާ ފަރުވާ އަށް ގަސްދުގައި ހުރަސް އަޅާފައިވާ ކަމަށް
-
މީގެ ކުރިން ވެސް މިފަދަ ހާލަތްތަކުގައި އައިއޭއެސްގެ ބޯޓު ލިބުން ލަސްވާ ނަމަ އެމްއެންޑީއެފްގެ ބެލުމުގެ ދަށުގައި އޮންނަ ޑޯނިއާ ނުވަތަ ހެލިކޮޕްޓަރުގައި ބަލި މީހުން އުފުލާފައިވާ ކަމަށް
-
އެ ވަސީލަތްތައް މިހާރު ވެސް ބޭނުންކުރެވޭ ހާލަތުގައި އޮތް އިރު ސަރުކާރުން އެ ވަސީލަތްތަކުގެ ބޭނުން ނުހިފާ ކަމަށް
ސައުދު ވަނީ، ވިލިނގިލީގައި ހިނގި އެ ހާދިސާގައި ރާއްޖޭގައި އެ ވަގުތަށް ލިބެންހުރި އިމެޖެންސީ އިވެކުއޭޝަން ވަސީލަތްތައް ބޭނުންނުކޮށް އެ ކުއްޖާ އަވަސް ފަރުވާ އަށް މާލެ ގެނައުން ގަސްދުގައި ލަސްކުރިކަމަށް ބުނެ އެ މައްސަލަ ދިރާސާކުރުމަށް މަޖިލީހުގައި އެދިފަ އެވެ.
އެފަދަ ކަންތައް ތަކުރާރުވިޔަ ނުދިނުމަށް ސަރުކާރު ޖަވާބުދާރީ ކުރުވާ އެ ހާދިސާގައި އެކި މުވައްސަސާތަކުން ވެފައިވާ އިހުމާލު ބަލަން ވެސް ސައުދު ވަނީ ހުށަހަޅައިފަ އެވެ.
ގުޅުން ހުރި - ވައިގެ މަގުން އުފުލަން ޖެހޭ ބަލި މީހުން އުފުލުމަށް މީގެ ކުރިން ބޭނުން ކުރި އިންޑިއާ އިން ހަދިޔާކޮށްފައިވާ ޑޯނިއާ މަތިންދާ ބޯޓު ބޭނުން ކުރުން މި ސަރުކާރު އައިފަހުން ހުއްޓާލާފައިވާ ކަމަށާއި އެއާއެކު އިމަޖެންސީކޮށް ވައިގެ މަގުން އުފުލަންޖެހޭ ބަލިމީހުން އުފުލުމުގައި ދަތިތައް ދިމާވެ ބަލިމީހުންގެ ފުރާނަ ނުރައްކަލަށް ހުށަހެޅެމުންދާ ކަމަށް ބުނެ ސަރުކާރަށް ދަނީ ފާޑުކިޔުން އަމާޒުވަމުންނެވެ.
އެކަމަކު، އެ ތުހުމަތުތައް ސަރުކާރުން ވަނީ ދޮގުކޮށްފަ އެވެ. އަދި މެޑިކަލް އިވެކުއޭޝަންތަކުގައި އަމަލު ކުރާ އުސޫލު ހަރުދަނާކޮށް އެމަޖެންސީގައި ބަލި މީހުން ގެންދަން ޖެހޭ ނަމަ އެކަމަށް އެންމެ އިސްކަން ދޭ ގޮތަށް މޯލްޑިވިއަންގެ އުސޫލު ބަދަލުކުރުމަށް މިހާރު ވަނީ އަންގައިފަ އެވެ.
ކޮމެންޓް (1)
ދުންފުތު