ރާއްޖެ އާއި އިންޑިއާގެ މަޝްވަރާތަކަށް އިންޑިއާގެ ބައެއް ބޭފުޅުން ފޮރިން މިނިސްޓްރީއަށް މިއަދު ވަދެވަޑައިގަންނަވަނީ. (ދައުރު ފޮޓޯ/މުހައްމަދު އަމާން)

ރާއްޖެ-އިންޑިއާ

މަޝްވަރާތަކުގައި އިންޑިއާގައި އެދެނީ 15 މާޗުގެ ކުރިން ސިފައިން ބާލަން

އެކަމާ ގުޅޭ ރަސްމީ މަޝްވަރާތައް ދެ ގައުމުގެ ދެމެދު މިއަދު ވަނީ ފަށާފައި

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ގެންދިއުމާ ގުޅޭ ރަސްމީ މަޝްވަރާތައް މިއަދު ފަށާފައި ވާއިރު، އެ މަޝްވަރާތަކުގެ ބޭނުމަކީ 15 މާޗުގެ ކުރިން އިންޑިއާ ސިފައިން ފޮނުވާލުން ކަމަށް ސަރުކާރުން މިއަދު ހާމަކޮށްފި އެވެ.

ވީ ކިހިނެއް؟ - ސަރުކާރުން މިކަން ހާމަކޮށްފައިވަނީ، މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގައި ނިންމި ކަންކަމާއި މަޝްވަރާ ކުރި ކަންތަކުގެ މައުލޫމާތު ހިއްސާކުރުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

އެ އޮފީހުގެ މިނިސްޓަރު އަބްދުﷲ ނާޒިމް ދެއްވި އެ ނޫސްކޮންފަރެންސްގައި ހާމަކުރެއްވި ގޮތުގައި، ވަޒީރުންގެ މަޖިލީހާ މިއަދު ވަނީ އިންޑިއާ ސިފައިން ފޮނުވާލުމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށްފަ އެވެ.

"މިއަދު ހެނދުނުން ފެށިގެން [ފޮރިން މިނިސްޓްރީގައި] އެ ބައްދަލުވުން ކުރިއަށް އެ ދަނީ. މި ބައްދަލުވުމަށް ސަރުކާރުން [ނުވަތަ] ރައީސުލްޖުމްހޫރިއްޔާ ވަނީ 15 މާޗުގެ ކުރިން އިންޑިއާ ސިފައިން މި ގައުމުން ބާލައި ނިންމުމަށް ހުށަހަޅުއްވާފައި. ރައީސް އޮފީހުން [ނުވަތަ] ރައީސުލްޖުމްހޫރިއްޔާ ވަނީ މި ބައްދަލުވުމަށް މި ދެންނެވި ތާރީހު ހުށަހަޅުއްވާފައި،" ދެ ގައުމުގެ ދެމެދު އެކުލަވާލާފައިވާ 'ކޯ ގްރޫޕު'ގެ ފުރަތަމަ ބައްދަލުވުމާ ގުޅޭ ގޮތުން ނާޒިމް ވިދާޅުވި އެވެ.

"އެ މަޝްވަރާތައް މިިހާރުގެ ބައްދަލުވުމުގައި އެ ކުރިއަށް ދަނީ."

ތަފްސީލު - ނާޒިމް ވިދާޅުވި ގޮތުގައި، މިއަދުގެ ބައްދަލުވުމުގެ ކުރިން 11 ބައްދަލުވުމެއް ވަނީ ބާއްވާފަ އެވެ. އެނގިފައިވާ ގޮތުގައި، އެއީ އެކި ލެވެލްގައި ބޭއްވި ބައްދަލުވުންތަކެވެ. ނަމަވެސް، ދެ ގައުމުގެ ހައި ލެވެލް ބޭފުޅުން ހިމަނައިގެން އެކުލަވާލި 'ކޯ ގްރޫޕު'ގެ ފުރަތަމަ ބައްދަލުވުން ބޭއްވި މިއަދެވެ.

އެ ބައްދަލުވުމާ ގުޅޭ ގޮތުން ނާޒިމް ވިދާޅުވީ:

  • އިންޑިއާގެ ފަރާތުން އެ ގައުމުގެ ސަފީރާއި ޖޮއިންޓް ސެކެޓްރީ އަދި އެ ގައުމުން ވަޑައިގެންނެވި އެހެނިހެން ބައެއް އިސް ފަރާތްތައް ވެސް ބައިވެރިވެވަޑައިގަންނަވާ

  • ރާއްޖޭގެ ފަރާތުން ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުންނާއި ރައީސް އޮފީހުގެ ބައެއް އިސް ފަރާތްތައް ބައިވެރިވެވަޑައިގަންނަވާ

"އިންޑިއާ ސިފައިން ބޭލުމުގައި، އިންޑިއާގެ ފަރާތުން [ހުށަހަޅާނެ] ހުށަހަޅުންތަކެއް ވަކިން ކެބިނެޓްގައި މަޝްވަރާ ނުކުރެވޭ. ދެން އެ ކަހަލަ ކަންކަމުގައި ހުށަހެޅުން ހުންނާނެކަން އެއީ އަޅުގަނޑުމެން އިންސާނީ ބުއްދި ގަބޫލު ކުރާ ކަމެއް،" އިންޑިއާގެ ފަރާތުން ހުށަހަޅާ އެއްވެސް ހުށަހެޅުމެއް ހުށަހަޅާފައިވޭތޯ އަދި ސިފައިން ގެންދާނެތޯ ނުވަތަ ނޫންތޯ އަންގާފައިވޭތޯ ނޫސްވެރިޔަކު ކުރި ސުވާލުގެ ޖަވާބުގައި ނާޒިމް ވިދާޅުވި އެވެ.

"ވަރަށް ޑީޓެއިލް މަޝްވަރާތަކެއް ހެނދުން ފެށިގެން ކުރިއަށް އެ ދަނީ. އަޅުގަނޑަށް މައުލޫމާތު ލިބޭ ގޮތުގައި މިއަދު ހަވީރު 4-5 ޖަހަންދެން ކުރިއަށްދާނެ."

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނާޒިމް ވާހަކަ ދައްކަވަނީ (ފޮޓޯ/ ރައީސް އޮފީސް)

ޑޯނިއާ ފްލައިޓް އޮޕަރޭޝަންއާ ގުޅޭ ގޮތުން ކުރި ސުވާލުގެ ޖަވާބުގައި ނާޒިމް ވިދާޅުވީ، އެ އޮޕަރޭޝަންގައި "މިލިޓަރީ ބޭފުޅުން ތިއްބެވި ނަމަ، ދިވެހި ގައުމު ދޫކޮށް ދާން ޖެހޭނެ" ކަމަށެވެ. 

"އަދި އެކަން ކުރުމުގައި [ޑޯނިއާ ފްލައިޓް އޮޕަރޭޝަންތަކުގައި] ސިވިލް ބޭފުޅުން ތިއްބެވުން އެންމެ ރަނގަޅު ކަމަށް، އެ ގޮތަށް މަޝްވަރާތައް ކުރިއަށް އެ ދަނީ. ދެން ނިމިގެން ދާނެ ގޮތެއް ދަންނަވަން އަދި މާ އަވަސް،" ނާޒިމް ވިދާޅުވި އެވެ.

އެ ހިދުމަތް ރައްޔިތުންނަށް އިންޑިއާގެ ފަރާތުން ނުލިބޭ ނަމަ، އެ ހިދުމަތް ދިވެހި ސަރުކާރުން ދޭނެ ގޮތަށް މި ސަރުކާރުން ކަށަވަރުކޮށްދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެނގުން މުހިންމު - ރާއްޖޭން އެންމެ ފަހުން ބުނެފައި ވަނީ، އިންޑިއާގެ 88 ސިފައިން ރާއްޖޭގައި އެބަތިބި ކަމަށެވެ. ރާއްޖޭން މިހާރު ވަނީ އިންޑިއާގެ ސިފައިން އަނބުރާ ގެންދާނެ ތާރީހެއް އަންނަ މާޗުގެ ކުރިން ދިނުމަށް އިންޑިއާ ސަރުކާރުގެ ކިބައިން އެދިފަ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - ރާއްޖެ އާއި އިންޑިއާއާ ދެމެދު މި ބައްދަލުވުމުން ބާއްވާފައިވަނީ، ރައީސް މުހައްމަދު މުއިއްޒު އިންޑިއާއަށް ވަރުގަދަ ބަސްތަކެއް އިއްޔެ ރައްދު ކުރައްވާފައި ވަނިކޮށެވެ. އަދި އިންޑިއާއަށް ބަރޯސާވާ ގިނަ ކަންކަމުގައި އެގައުމަށް އެކަނި ބަރޯސާވުން ނިންމަކަށް ގެންނަން އަމާޒު ހިފައިފައިވާކަން އެ މަނިކުފާނު އިއްޔެ އިއުލާން ކުރައްވާފައިވެ އެވެ. އޭގެ ތެރޭގައި ހިމެނޭ ކަންކަމަކީ:

  • 1 މާޗުން ފެށިގެން ރާއްޖޭން އަމިއްލައަށް އެއާ އެމްބިއުލާންސް ތައާރަފް ކުރުމާ އެކު، އިންޑިއާގެ އުޅަނދުތައް އެ މަސައްކަތުގައި ބޭނުމެއް ނުކުރާނެ

  • ކާބޯތަކެތީގެ ޔަގީންކަން ދެމެހެއްޓެނިވި ގޮތެއްގައި ހަަމަޖެއްސުމަށް ރާއްޖޭގައި އަމިއްލައަށް ހެއްދޭ ތަކެތި ހެއްދުމަށް ޗައިނާއާ އެކު ވަނީ މަޝްވަރާކުރެވިފައި

  • ކާޑުގެ ބާވަތްތައް ގެނައުމަށް ތުރުކީއާ އެކު އެއްބަސްވުމެއް މިހާރު ވަނީ ހަދާފައި؛ އެ އެއްބަސްވުމުގެ ދަށުން ގަތް ފުރަތަމަ ޝިޕްމަންޓް އަންނަ މަހު އަންނާނެ 

  • އާދައިގެ ބޭސް އިންޑިއާ އިން ގެނައުން ހުއްޓާލުމަށްޓަކައި ސީދާ ޔޫރަޕް އަދި އެމެރިކާ އިން ބޭސް ގެނައުމުގެ މަސައްކަތް ވަނީ ފަށާފައި

ކޮމެންޓް (1)

އޯކޭ

14 ޖެނުއަރީ 2024
ތުރުކިޔޭ އިން ކާނާ، ޔޫރަޕުން ބޭސް ގެނެސްގެން އަހަރެމެންގެ ޖީބުތަކަށް ކިހާ ބާރުބޮޑުވާނެބާ؟ ޗައިނާ ދޮންބެ ކިތަންމެ ހެވަސް މާދަންވެސް ޑޮކްޓަރަށް ދައްކަން ދާންޖެހޭނީ މޯދީ ގާތަށް. ބަލަ ޑިޕްލޮމަސީ އަކީ އެކަކާވެސް ނުޖެހި، އެންމެނާ ގުޅިގެން އުޅުމެއްނޫންތަ؟ މުއިއްޒު ކިޔަވަނީ ކޮން ފޮތަކުންތަ؟
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް