ޖޫން 29، 2023: އޭރުގެ އިދިކޮޅު ޕީޕީއެމް-ޕީއެންސީން 'އިންޑިއާ އައުޓް' ޖެހި ދިދައާއެކު މާލޭގައި ބޭއްވި މުޒަހާރާއެއްގެ ތެރެއިން: ސަރުކާރުން މިއަދު ބުނެފައިވާ ގޮތުން ރާއްޖޭގައި ތިބީ، 88 ސިފައިން (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ރައީސް އޮފީސް

އިންޑިއާ ސިފައިންގެ އާ އަދަދަކަށް 88؛ 'ފޮނުވާލަން އުނދަގޫތައް އެބަހުރި'

މީގެ ކުރިން ސަރުކާރުން ބުނެފައިވާ ގޮތުން އެ އަދަދު ހުރީ 89ގައި؛ އެންމެ ފުރަތަމަ ހާމަ ކުރި އިރު އެ އަދަދު ހުރީ 77ގައި

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދަކީ މިހާރު 88 ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

ފާހަގަކޮށްލެވޭ - އެ ސިފައިން ރާއްޖޭގައި މިހާރު ކުރަނީ ކޮންކަމެއްތޯ ހާމަ ކުރުމަށް ސަރުކާރުން މިއަދު ވަނީ އުޒުރުވެރިވެފަ އެވެ.

އެނގުން މުހިންމު - ސަރުކާރުން އެންމެ ފުރަތަމަ ހާމަކުރި ގޮތުގައި ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންގެ އަދަދަކީ 77 އެވެ. އޭގެ ފަހުން ސަރުކާރުން ހާމަ ކުރީ ރާއްޖޭގައި އިންޑިއާގެ 89 ސިފައިން ތިބި ކަމަށެވެ.

ވީ ކިހިނެއް؟ - ސަރުކާރުން މި އަދަދު ހާމަކޮށްފައި ވަނީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ ނާޒިމް އެވެ.

ބުނީ ކީކޭ؟ - "އެންމެ ފަހުން ސަރުކާރުގެ އެކަމާ ބެހޭ ފަރާތްތަކުން ހާމަ ކުރި މައުލޫމާތު ދައްކާ ގޮތުން 88 އިންޑިއާ ސިފައިން ތިބި ކަމަށް ކަށަވަރުވެފައި ވަނީ،"  އެ ބައްދަލުވުމުގައި އިންޑިއާ ސިފައިން ތިބި އަދަދާ ގުޅޭ ގޮތުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ނާޒިމް ވިދާޅުވި އެވެ.

"މީގައި މުހިންމީ [އިންޑިއާ ސިފައިން] ތިބި އަދަދަށް ވުރެ، ތިބިއްޔާ ތިބި ބަޔަކު ފޮނުވާލުމުގެ މަސައްކަތް ކުރިއަށްދާކަން ދިވެހި ރައްޔިތުންނަށް ކަށަވަރުވެގެން ދިނުން."

ތަފްސީލު - މިދިޔަ އާދިއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުންގެ ނިންމުންތަކާއި މަޝްވަރާތަކާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ބޭއްވި އެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންގެ ސުވާލުތަކަށް ހުޅުވާލުމުގެ ކުރިން ނާޒިމް ވިދާޅުވީ:

  • އާދިއްތަ ދުވަހުގެ ވަޒީރުންގެ މަޖިލީހަށް އިންޑިއާ ސިފައިން ފޮނުވާލުމަށް މިހާރު ކުރަމުންދާ ކަންކަމުގެ އެންމެ ފަހު މައުލޫމާތު ކަމާ ބެހޭ މިނިސްޓްރީން ހިއްސާ ކުރި

  • ރައީސް މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ދުވަހުން ފެށިގެން، 'ތަފާތު އެކި މަރުހަލާތަކުގައި ތަފާތު މަޝްވަރާތައް' ފެށި 

  • އެގޮތުން، މިހާތަނަށް ސަރުކާރު އެކި ލެވެލްތަކުގައި އެ މައްސަލައިގައި 10 ބައްދަލުވުމެއް ވަނީ ބާއްވާފައި

"[އޭގެ އިތުރުން] ކުރިއަށް މުހިންމު ބައްދަލުވުންތަކެއް ވަނީ ތާވަލް ކުރެވި، ރޭވިފައި. މިކަމުގައި ކުރިއެރުން ލިބޭކަން ކެބިނެޓްގައި ވަނީ ފާހަގަ ކުރައްވާފައި،" މިހާތަނަށް ބޭއްވި ބައްދަލުވުންތަކުގެ މާ ބޮޑު ތަފްސީލަކަށް ވަޑައިނުގަތް ނަޒީމް ވިދާޅުވި އެވެ.

މީގެ ކުރިން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނާޒިމް ވާހަކަ ދައްކަވަނީ

އެއާ އެކު އިންޑިއާ ސިފައިންގެ އަދަދުތަކާ ގުޅޭ ގޮތުން ނޫސްވެރިން، ނާޒިމަށް ސުވާލުތައް އަމާޒުކުރި އެވެ. އަދަދުތަކާ ގުޅޭ ގޮތުން ކުރި އެއް ސުވާލަށް ނާޒިމް ވިދާޅުވީ، މިހާރު ކަށަވަރުވެފައިވާ އަދަދަކީ 88 ކަމަށެވެ.

މީގެ ކުރިން އިންޑިއާ ސިފައިންގެ އަދަދާ ގުޅޭ ގޮތުން ސަރުކާރުން 89 ކަމަށް ހާމަކުރުމަށް ފަހު، މިއަދު 88 ކަމަށް ނާޒިމް ވިދާޅުވީ، މައުލުމާތުގެ ކުށަކުންތޯ ނުވަތަ އޭގެ ތެރެއިން އެކަކު އަނބުރާ ގައުމަށް ދިޔައީތޯ އެހުމުން ނާޒިމް ވިދާޅުވީ:

  • 88 އަކީ އާދިއްތަ ދުވަހުގެ ވަޒީރުންގެ މަޖިލީހުގައި ކުރި މަޝްވަރާތަކުގެ މައްޗަށް އޭނާއަށް ލިބިފައިވާ ކަރުދާހުގައިވާ އަދަދު ކަމަށް

  • ދަތި އުދަނގޫތަކެއް ހުރުމުން އެ އަދަދު ކަށަވަރު ނުވުމަކީ އެކަށީިގެންވާ ކަމެއް އަދި މި މައްސަލައިގައި 'އެންމެ މުހިންމު ކޮމްޕޯނަންޓް އަކީ' އިންޑިއާ ސިފައިން ތިބި އަދަދު ނޫން ކަމަށް ވެސް ތަކުރާރުކޮށް އޭނާ ވިދާޅުވި

"އޭގެ މާނަކީ މިކަން ނިމޭއިރު، ތިބީ 100 ސިފައިން ކަމުގައިވާ ނަމަ، 100 ސިފައިން ވެސް ފައިބައިގެންދާނެއޭ. އަދި ތިބީ 88 ކަމަށްވާ ނަމަ، 88 ސިފައިން ވެސް ފައިބައިގެންދާނޭ،" ނާޒިމް ވިދާޅުވި އެވެ.

"ފަސޭހަކަމަށް ނުވާނެ ކަމަށް ސަރުކާރުން އަބަދުވެސް ދެކޭ."

އިންޑިއާ ސިފައިންނާ ގުޅުވާ ނޫސްވެރިން ކުރި ސުވާލުތަކަށް ދެއްވި ޖަވާބުގެ ތެރެއިން ނާޒިމް ވިދާޅުވީ އެމީހުން ފޮނުވާލުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ. ނަމަވެސް ރައީސް މުއިއްޒުގެ ވައުދާ އެއްގޮތަށް އެ ވައުދު ފުއްދުމަށްޓަކައި ކުރަން ޖެހޭ ކަންކަން ކުރަމުންދާ ކަމުގެ ޔަގީންކަން އޭނާ ތަކުރާރުކޮށް ދެއްވި އެވެ.

"ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދޭން ބޭނުން ވަނީ، އެ ވައުދު ފުއްދުމުގައި ސަރުކާރު އޮތީ ސާބިތުކަމާއެކުގައޭ. އަބަދުވެސް އަޅުގަނޑުމެން ދެކެމުން އައީ މިއީ ފަސޭހެ ކަމެއް ނޫންކަމުގައި [އަދި] ގޮންޖެހުންތަކެއް ހުރި ކަމެއް ކަމުގައި،" ނާޒިމް ވިދާޅުވި އެވެ.

"ޑިޕްލޮމެޓިކް އުސޫލުތަކާއި ހަމަތަކާއި ދުނިޔޭގެ ރީތި ތަހުޒީބު ނިޔާ ކުރާ ގޮތުން މިކަން ކުރަންޖެހޭނެ ކަމަށް [ސަރުކާރުން ގަބޫލު ކުރަނީ]. ގާނޫނީ އިމުގެ ތެރެއިން މިކަން ކުރަންޖެހޭނެ ކަމަށް."

ސިފައިންގެ ޗީފް އަބްދުއްރަހްމާން މިދިޔަ މަސް ތެރޭ އިންޑިއާ ސަފީރާ ބައްދަލުކުރައްވައި ކުރެއްވި އަސްކަރީ މަޝްވަރާތަކުގެ ތެރެއިން (ފޮޓޯ/އެމްއެންޑީއެފް)

އެހެން ކަމުން އޭނާ އެދިވަޑައިގެންނެވީ، މި ވައުދު ފުއްދުމުގައި ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، ރައްޔިތުން ކެތްތެރިކަމާ އެކު ސަރުކާރާ އެކު ތިއްބެވުމަށެވެ.

ފާހަގަކޮށްލެވޭ ކަމެއް - މީގެ ކުރިން ރެސްކިއު އޮޕަރޭޝަންތަކަށް ވެސް އިންޑިއާގެ ވައިގެ އުޅަނދުތައް އައީ ބޭނުން ކުރަމުންނެވެ. އެ އުޅަނދުތައް މިހާރު އެފަދަ އޮޕަރޭޝަންތަކުގައި ބޭނުމެއް ނުކުރެ އެވެ. ނަމަވެސް އެ އުޅަނދުތައް ބޭނުން ކުރުން ހުއްޓާލިކަމަށް ނުވަތަ ނޫން ކަމެއް ސަރުކާރުން ރަސްމީކޮށް އަދި ހާމައެއް ނުކުރެ އެވެ.

އެކަމާ ގުޅުވައި މިހާރު ތިބި އިންޑިއާ ސިފައިން ރާއްޖޭގައި ކުރަނީ ކޮން ކަމެއްތޯ ވެސް ނޫސްވެރިއަކު ސުވާލު ކުރި އެވެ. ނަމަވެސް އެކަމުގެ ސީދާ ޖަވާބެއް ނާޒިމް ނުދެއްވި އެވެ.

"ދެން [ނޫސްވެރިޔާ ކުރި ސުވާލަކީ] އިންޑިއާ ސިފައިން ކީއްތޯ ކުރަނީ؟ ވަރަށް ބޮޑު މައުލޫއެއް، ވަރަށް ހައްސާސް މައުލޫއެއް [އަދި] ވަރަށް ފުޅާ ދާއިރާއެއްގައި އެއަށް ޖާވާބު ދެވެން ޖެހޭ މައުލޫއެއް،" ސީދާ ޖަވާބަށް ވަޑައިނުގަތް ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެ މައުލޫގައި ވާހަކަ ދެއްކުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ނުދެކެން ކަމަށެވެ. 

ކޮމެންޓް (1)

ކޮސް

2 ޖެނުއަރީ 2024
ނޫނޭ މުޙިއްމީ ހާހުން ތިބިބައެއްވީމަ އެކަން ރައްޔިތުންނަށްވެސް އެނގިގެން ފޮނުވާލުން. ރައްޔިތުން ވޯޓުދިނީ އެތައްހާސް ސިފައިންނެއް ތިބި ވާހަކަ ދެއްކީމަ ބިރުން. އެހެންވީމަ ފޮނުވޭވަރެއް ޙައްޖު ގުރޫޕުތައް ފުރާއިރު ކިޔާހެން ކިޔަންވާނެ ނޫންތޯ.
2 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް