ޑިމޮކްރެޓްސްގެ ރިޔާސީ ކެމްޕެއިންގެ ތެރެއިން އަމުރު އަދި އަރިހުގައި އެޕާޓީ އުފެއްދުމުގައި އިސްކޮށް ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު (ދައުރު ފައިލް ފޮޓޯ/ ހުސައިން އަމްރު)

ދަ ޑިމޮކްރެޓްސް

ނަތީޖާއާ މެދު އަމްރުގެ ޖަވާބެއް ނެތް؛ ވިދާޅުވީ ޕާޓީގައި ދެމިހުންނާނެ ކަމަށް

ސިޔާސީ މަސައްކަތުގައި ވެސް ދެމިހުންނަވާނެ ކަމަށް ވިދާޅުވެ، މަޖިލިސް އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން އޭނާ ފާޅުކުރެއްވި

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިހާބުގައި ޕާޓީގެ ރައީސްކަމަށް ވާދަކުރައްވައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގެންނެވި ހުސައިން އަމްރު، އެ އިންތިހާބުގެ ނަތީޖާ ގަބޫލުކުުރެއްވުމާ މެދު ޖަވާބެއް ނުދެއްވައި ޕާޓީގައި ދެމި ހުންނަވާނެ ކަމަށް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ވޯޓުލައި ނިމި، އެއް ދުވަސް ފަހުން ރޭ 8 ޖެހިއިރު ޑިމޮކްރެޓްސްއިން ނަތިޖާ އިއުލާން ކުރިއިރު، އަމްރުއަށް އިންތިހާބު ނާކާމިޔާބުވެވަޑައިގެންނެވީ 400އެއްހާ ވޯޓުގެ ތަފާތަކުންނެވެ. ނަމަވެސް، ރޭ ދަންވަރު 2 ޖެހިއިރު އެ ޕާޓީގެ ވެބްސައިޓަށް އަޕްލޯޑްކޮށްފައިވާ ނަތީޖާއިން ދައްކާ ގޮތުން، އަމްރުއާ ވާދަކުރެއްވި ޕާޓީގެ ވަގުތީ ޗެއާޕާސަން ހަސަން ލަތީފް އިންތިހާބު ކާމިޔާބުކުރައްވާފައި ވަނީ، 300އެއްހާ ވޯޓުގެ ތަފާތަކުންނެވެ.

ވެބްސައިޓުން މިހާރު ފެންނަން ހުރި ނަތީޖާ:

  • ހަސަން ލަތީފް: 1،817 ވޯޓު

  • ހުސައިން އަމްރު: 1،497 ވޯޓު

  • ބާތިލު: 25

  • ޖުމްލަ: 3،339

ވެބްސައިޓުގައި ހުރި ހިސާބުތައް ދިމާވި ނަމަވެސް، ރޭ ޑިމޮކްރެޓްސްގެ އިންތިހާބާ ބެހޭ ކޮމިޓީން އިއުލާން ކުރި ނަތީޖާތައް ދިމައެއް ނުވެ އެވެ. އެކަމާ ގުޅިގެން ސޯޝަލް މީޑީއާގައި އެ ޕާޓީއަށް ފާޑުކިޔުން ވެސް ވަނީ އަމާޒުވެފަ އެވެ.

ތަފްސީލު - އިންތިހާބުގެ ނަތީޖާއާ ގުޅޭ ގޮތުން މިއަދު 'ދައުރު'އާ ވާހަކަ ދައްކަވަމުން އަމްރު ވިދާޅުވީ، އެކަމާ މާ ދިގުކޮށް ވާހަކަ ދައްކަވަން ބޭނުން ނުވާ ކަމަށާއި ޑިމޮކްރެޓްސް އުފެއްދީ ބަދަލެއް ގެންނަން ބޭނުންވެފައި ތިބި ޒުވާނުނަނަށް ވަރަށް ބޮޑު އުންމީދެއް ލިބިގެން ކަމަށެވެ. ރިޔާސީ އިންތިހާބުގައި އެ ޕާޓީ އެއް ވަނަ ނުވަތަ ދެވަނަ އަށް ނުދާނެކަން ރައްޔިތުންނަށް އެނގުނު އިރު ވެސް ޕާޓީއަށް 15،000 ވޯޓު ވެސް ލިބުނީ އެ އުންމީދުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އާންމުންނަށް އެނގޭނެ އަޅުގަނޑުމެން ދެ ވަނައަށް ނުދާނެކަން. އެކަމަކު 15،000 ވޯޓު ދިން. ދެން ދާން ޖެހެނީ ކުރިއަށް. އެހެންވީމަ މި ވާހަކަ [ނަތީޖާއާ މެދު އޮތް ހިތްހަމަނުޖެހުމުގެ ވާހަކަ] އިތުރަށް ނުދައްކަން މި ހުރީ. މި ހިސާބުން ނިންމާލާނީއޭ،" މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ކެންޑިޑޭޓު އިލްޔާސް ލަބީބުގެ ރަނިން މޭޓަކަށް ވެވަޑައިގެންނެވި އަމްރު މިއަދު ވިދާޅުވި އެވެ.

ހޮނިހިރު ދުވަހުގެ ނަތީޖާ ގަބޫލުކުރަންތޯ ތަކުރާރުކޮށް ސުވާލުކުުރުމުން ވެސް އެ ސުވާލަށް އޭނާ ޖަވާބެއް ނުދެއްވި އެވެ. އަމްރު ވިދާޅުވީ އެކަމާ ގުޅޭ ގޮތުން އޭނާ ދެ ޕޯސްޓެއް ކުރައްވާފައިވާނެ ކަމަށެވެ.

"ޓްވީޓްގައި ވެސް އެ އިނީ. ކަންތައްތައް ދިޔަ ގޮތް އެންމެންނަށް ވެސް އެނގޭ،" ސީދާ ސުވާލަށް ޖަވާބު ނުދެއްވައި އަމްރު ވިދާޅުވި އެވެ.

ޑިމޮކްރެޓްސްގެ ރިޔާސީ ކެމްޕެއިން ތެރެއިން އަމްރު (ދައުރު ފޮޓޯ/ ހުސައިން ސުނޭން)

އިތުރަށް އެ ވާހަކަ ދައްކަވަން ބޭނުން ނުވަނީ، އަމްރު ވިދާޅުވި ގޮތުގައި، އެ އިންތިހާބަކީ ވަރަށް ގިނަ މެންބަރުންގެ އުންމީދުތަކާ ގުޅިފައިވާ ކަމަކަށްވާތީ އެވެ.

"ދެން އަޅުގަނޑަށް އެކަނި މިހެން ދިމާވީމަ، އެ ވާހަކަ ދެއްކުން ރަނގަޅެއް ނޫން. އަޅުގަނޑަށް މުހިންމީ މަގާމެއް ނޫން، ދާން ޖެހޭ މަންޒިލް،" އަމްރު އިތުރަށް ވިދާޅުވި އެވެ.

"އަޅުގަނޑަށް ހީވަނީ، އަޅުގަނޑަށް އަދިވެސް [އެކުގައި] މަސައްކަތް ކުރެވޭނެހެން... ޕާޓީގައި ހުންނާން. އަޅުގަނޑަކީ މިހާރު ޕާޓީގެ އާންމު މެންބަރެއް،" ޕާޓީގައި ދެމިހުންނަވާނެތޯ އެހުމުން އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން، އަމްރު ވިދާޅުވީ:

  • ސިޔާސީ މަސައްކަތުގައި ވެސް ދެމިހުންނާން

  • ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވެސް ވާދަ ކުރުމާ މެދު ވިސްނުން އެބަ ގެންގުޅެން

  • ވާދަ ކުރާނެ ވަކި ދާއިރާއެއް އަދި ނުނިންމަން

ރޭ ނަތީޖާ އިއުލާން ކުރުމުގެ ކުރިން އަމްރުގެ ހިތުގައި ހުރި އުދާސްތައް ބަންޑުންކޮށްލައްވައި އިއްޔެ އެކްސްގައި އޭނާ ވަނީ ޕޯސްޓެއް ކުރައްވާފަ އެވެ. އެ ޕޯސްޓުގައި އޭނާ ވަނީ، މީގެ ކުރިން ވެވަޑައިގެންނެވި ގުރުބާނީތައް ވެސް ހަނދާން އާކޮށްދީފަ އެވެ. އަދި މިއަދު އެކްސްގައި ކުރެއްވި ޕޯސްޓުގައި އޭނާ ވަނީ ޑިމޮކްރެޓްސްގެ އިންތިހާބުގައި ކާމިޔާބު ހޯއްދެވި ހުރިހާ ކެންޑިޑޭޓުންނަށް މަރުހަބާ ދަންނަވާފައިވެ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - ޑިމޮކްރެޓްސްގެ ރަޖިސްޓްރީގައި ތިބި 5،834 މެންބަރުންގެ ތެރެއިން ހޮނިހިރު ދުވަހުގެ އިންތިހާބުގައި ވޯޓުލާފައި ވަނީ %54 މެންބަރުންނެވެ. ޖުމްލަ 32 މަގާމަށް 70 ބޭފުޅުން ކުރިމަތިލި އެވެ.

ޑިމޮކްރެޓްސްގެ މަގާމުތަކަށް ހޮވުނު އެހެން ބައެއް ބޭފުޅުން:

  • ޕާޓީގެ ނައިބު ރައީސް ކަމަށް: މުހައްމަދު ޝިފާޒު (އާންމުންގެ ފަރާތުން)، ހުސައިން ފިރުޝާން (ޒުވާނުންގެ ފަރާތުން)، އައިޝަތު އަލައިކާ (އަންހެނުންގެ ފަރާތުން)

  • އަންހެން ލީޑަރު: ފާތުމަތު ހަމްދާ

  • ޒުވާނުންގެ ރައީސް: މުހައްމަދު މާސިހް

ޑިމޮކްރެޓްސްއިން އިއްޔެ ބުނެފައިވާ ގޮތުގައި، ނަތީޖާ އާންމު ކުރުން ލަސްވީ، ޝަކުވާތައް ރަނގަޅަށް ތަހުގީގު ކުރުމަށް ފަހު، އިއުލާން ކުރުމަށެވެ. އެކަން އެގޮތަށް ކުރީ، 'މަކަރު ހެދިޔަ ނުދޭން' ވެގެން ކަމަށް އެ ޕާޓީން ބުނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް