ޑިމޮކްރެޓްސްގެ އިންޓަރިމް ކައުންސިލްގެ ބައްދަލުވުމެއްގައި އަމްރު ވާހަކަ ދައްކަވަނީ (ދައުރު ފައިލް ފޮޓޯ/ ހުސައިން ސުނޭން)

ދަ ޑިމޮކްރެޓްސް

އަމްރު ނަތީޖާއާ މެދު ހިތްހަމަނުޖެހި، ހަނދާންކޮށްދިނީ އޭނާގެ ގުރުބާނީ

އޭނާ ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބާއި ޑިމޮކްރެޓްސްގެ ރިޔާސީ ޓިކެޓަށް ވާދަ ކުރުމުގައި ވެސް ފަހަތަށް ޖެހިވަޑައިގެންނެވި

އިއްޔެ ބޭއްވި ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިހާބުގައި ޕާޓީގެ ރައީސް ކަމަށް ވާދަކުރެއްވި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު، އެ އިންތިހާބުގެ ނަތީޖާއާ މެދު ހިތްހަމަޖެހިވަޑައިނުގަންނަވާކަން ހާމަކުރައްވައި ޑިމޮކްރެޓްސްއަށްޓަކައި މިހާތަނަށް ވެވަޑައިގެންފައިވާ ގުރުބާނީގެ މަތިން ހަނދާން އާކޮށްދެއްވައިފި އެވެ.

ވީ ކިހިނެއް؟ - އެ އިންތިހާބުގެ ވަގުތީ ނަތީޖާ އަދިވެސް އިއުލާންކޮށްފައި ނުވާއިރު، އެ އިންތިހާބުގައި އަމްރުއާ ވާދަކުރެއްވީ، ޑިމޮކްރެޓްސްގެ މުއައްސިސް އަދި ވަގުތީ ޗެއާޕާސަން ހަސަން ލަތީފްއާ އެވެ. ރޭ އެ ދެ ބޭފުޅުން ވެސް ވަނީ ކާމިޔާބީ އިއުލާންކުރައްވާފަ އެވެ.

އަމްރު އޭނާގެ ހިތުގައި ހުރި އުދާސްތައް ބަންޑުންކޮށްލެއްވީ މިއަދު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ބުނީ ކީކޭ؟ - "އިންތިހާބުގައި މޮޅުވާ ފަރާތްތަކާއި ބަލިވާ ފަރާތެއް ވާނެކަން އެނގި، އަބަދުވެސް އަޅުގަނޑު އިންތިހާބަށް ކުރިމަތިލަނީ. ވަރަށް ގިނަ އިންތިހާބުތަކުގައި ވާދަކުރެވިއްޖެ. ބައެއް އިންތިހާބުތަކުގައި އިރާދަކުރެއްވީތީ ވަރަށް ކާމިޔާބު. އަނެއް ބައި އިންތިހާބުތަކުގައި ނާކާމިޔާބުވި ނަމަވެސް އެކަމާ ޝަކުވާއެއް ނުކުރަން،" އިއްޔެގެ އިންތިހާބުގެ ނަތީޖާއާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުން ކުރެއްވި ޕޯސްޓް ފައްޓަވަމުން އަމްރު ލިޔެފައިވެ އެވެ.

ތަފްސީލު - އެއާ އެކު، ދެން އަމްރު ޑިމޮކްރެޓްސްގެ ވެރިންނަށް ހަނދާން އާކޮށްދެއްވީ، އޭނާ އެ ބޭފުޅުންނަށްޓަކައި ވެވަޑައިގެންނެވި ގުރުބާނީތަކެވެ.

"ފާއިތުވި 15 އަހަރުދުވަހަށް ވުރެ ގިނަ ދުވަހު އަޅުގަނޑާ އެކު ސިޔާސީ މަސައްކަތް ކުރެއްވި ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އަޅުގަނޑަކީ، ދޫދޭން ޖެހޭ ތަންތާނގައި ބޮޑުކޮށް ދޫދޭ މީހެއްކަން،" އެމްޑިޕީގެ ބައެއް އިސް މަގާމުތަކެއް ފުރުއްވައި ޑިމޮކްރެޓްސް އުފެއްދުމަށް އެ ޕާޓީން ވަކިވެވަޑައިގެންނެވި އަމުރު ލިޔުއްވާފައިވެ އެވެ.

ޑިމޮކްރެޓްސް އުފެއްދުމުގެ މަސައްކަތާ ހަމައަށް އެމްޑީޕީ ސަރުކާރުގައި އެސްޓިއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް އަދާކުރެއްވި އަމްރު ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބާއި ޑިމޮކްރެޓްސްގެ ރިޔާސީ ޓިކެޓަށް ވާދަކުރެއްވުމުގައި އޭނާ ފަހަތަށް ޖެހިވަޑައިގެންނެވި އެވެ. އެކަންކަން ކުރެއްވީ ވެސް މަސްލަހަތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއީ، މި މަސައްކަތަކީ އަޅުގަނޑު ވެސް ލޯތްބާއި ގުރުބާނީއާ އެކު ކުރި މަސައްކަތެއް ވީމަ. ނަމަވެސް، ގޯހުން ދާ ކަމަށް ފާހަގަކުރެވުމުން އެ ވާހަކަ ވެސް ސީދާ ބުނަން. އެއީ އެންމެންގެ ވެސް ރަނގަޅަކަށް،" ޑިމޮކްރެޓްސްގެ ރިޔާސީ ޓިކެޓަށް ޝައުގުވެރިކަން ފާޅުކުރެއްވުމަށް ފަހު، ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބުގެ ރަނިން މޭޓަކަށް ވެވަޑައިގެންނެވި އަމްރު ލިޔުއްވާފައިވެ އެވެ.

ޑިމޮކްރެޓްސްގެ ރިޔާސީ ކެމްޕެއިންގެ ތެރެއިން އަމްރު، އެ ޕާޓީގެ ފައުންޑަރު ނަޝީދާ ސަލާމް ކުރައްވާއިރު، އެ މަނިކުފާނުގެ އަރިހުގައި ހަސަން ލަތީފް. (ދައުރު ފޮޓޯ/ ހުސައިން ސުނޭން)

އެއާ އެކު، ދެން އޭނާ ވިދާޅުވީ، އިއްޔެގެ "އިންތިހާބުގެ ނަތީޖާއާ މެދު ހިތްހަމަނުޖެހުނަސް، އިތުރަށް އެ ނަތީޖާއާ އެމު އަޅުގަނޑު އެއްޗެއް ދަންނަވާކަށް ނޭދެން" ކަމަށެވެ.

އެ ޕޯސްޓު ނިންމާލެއްވީ އިންތިހާބުގެ ކެމްޕެއިންގައި އޭނާއަށް މަސައްކަތްކޮށްދިން މެންބަރުންނަށް ޝުކުރު އަދާކުރައްވަމުންނެވެ.

ފާހަގަކޮށްލެވޭ ކަމެއް - ގާތްގަނޑަކަށް 5،800 މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބުނު އެ އިންތިހާބުގެ ނަތީޖާ އިއުލާން ކުުރުން މިއަދަށް ފަސް ކުރުމުން، އަމްރުއަށް ކެމްޕެއިންކޮށްދިން ބައެއް މެންބަރުން ވަނީ ރޭ ނުރުހުން ފާޅުކޮށްފަ އެވެ.

އެ ޕާޓީން މަސައްކަތް ކުރަނީ މިއަދު 2 ޖަހާއިރު ނަތީޖާ އާންމު ކުރުމަށެވެ.

ކޮމެންޓް (1)

ތެފައާސާ.

3 ޑިސެމްބަރު 2023
ޑިމޮކްރެޓްސްއޭ ކިޔައިގެން ރަށުތެރޭގައި އުޅެންވާނީ އެންމެ ފުރަތަމަ އިތުބާރުހިފޭ ދެފުށްފެންނަ އިންތިޚާބު ބާއްވަން ދަސްވީދުވަހަކުން. އެނގިއްޖެ؟
7 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް