ޑިމޮކްެރެޓްސްގެ ރައީސް ކަމަށް ވާދަ ކުރެއްވި ހަސަން އާއި އަމްުރު

ދަ ޑިމޮކްރެޓްސް

ހަސަން އާއި އަމްރު ވެސް ބުނަނީ ޑިމޮކްރެޓްސްގެ ރައީސްކަން ކާމިޔާބުވެއްޖެ ކަމަށް؛ ނަތީޖާ ލަސްވާތީ ނުރުހުން

ދެ ބޭފުޅުން އަމިއްލައަށް ކާމިޔާބީ އިއުލާން ކުރެއްވި ނަމަވެސް، ޑިމޮކްރެޓްސްއިން ނިންމާފައި ވަނީ، މާދަމާ ވަގުތީ ނަތީޖާ އިިއުލާން ކުރުމަށް؛ އެ ނިންމުމާ ގުޅިގެން ބައެއް މެންބަރުން ދަނީ ނުރުހުން ފާޅު ކުރަމުން

މިއަދު ބޭއްވި ޑިމޮކްރެޓްސްގެ ފުރަތަމަ އެތެރޭގެ އިންތިހާބުގައި އެންމެ ވާދަވެރިކޮަށް ދިޔަ، ޕާޓީގެ ރައީސް ކަމަށް ވާދަ ކުރެއްވި ހަސަން ލަތީފް އާއި ހުސައިން އަމްރު ވެސް އެ މަގާމު ކާމިޔާވެއްޖެ ކަމަށް އަމިއްލައަށް އިއުލާންކުރައްވައިފި އެވެ.

އެ ޕާޓީން މިރޭ ނިންމާފައި ވަނީ، މާދަމާ ވަގުތީ ނަތީޖާ އިއުލާން ކުރުމަށެވެ. ނަމަވެސް އެ ނިންމުމަށް ބައެއް މެންބަރުން ދަނީ ނުރުހުން ފާޅު ކުރަމުންނެވެ.

ވީ ކިހިނެއް؟ - މިއަދު ހެނދުނު 10 އިން ހަވީރު 4އަކަށް ވޯޓުލުން ކުރިއަށް ގެންގޮސްފާއިވާއިރު، ބައެއް މަގާމުތައް މިހާރު ވަނީ ކަށަވަރުވެފަ އެވެ. ހަސަން އާއި އަމްރު ވެސް ވިދާޅުވާ ގޮތުން އެ ބޭފުޅުންގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ޕާޓީގެ ރައީސްގެ މަގާމުން ވަނީ ކާމިޔާބުވެފަ އެވެ.

ތަފްސީލު - ހަސަން މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވޯޓު ފޮށިތަކުގެ ނަތީޖާ ޝީޓުތަކުން ދައްކާ ގޮތުން 'ބޮޑު ތަފާތަކުން' އޭނާއަށް އިންތިހާބު ވަނީ ކާމިޔާބުކުރެއްވިފަ އެވެ.

"މިއަދު މުޅި ރާއްޖޭގައި އެ ހިންގުނީ މުހިއްމު ސިޔާސީ ހަރަކާތެއް. ދެން އޮތީ ހަގީގީ މަސައްކަތް ފަށައިގަތުން. ހުރިހާ މެންބަރުންނަށް މަރުހަބާ އާއި ޝުކުރު ދަންނަވަން،" ކާމިޔާބީ އިއުލާން ކުރައްވައި ހަސަން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.

ހަސަން އެ ޕޯސްޓު ކުރެެއްވި ފަހުން އަމްރު 'ދައުރު'އަށް ވިދާޅުވީ، ލިބިފައިވާ ނަތީޖާތަކުން އޭނާއަށް ވެސް އިންތިހާބު ކާމިޔާބުކުރެއްވިފައިވާ ކަމަށެވެ. އަދި ބޮޑެތި ރަށްތަކުގެ ފޮށިތަކުން ވެސް ކުރީގައި އުޅުއްވަނީ އޭނާ ކަމަށް އަމްރު ފާހަގަކުރެއްވި އެވެ.

ޑިމޮކްރެޓްސްގެ އިންތިހާބާ ބެހޭ ކޮމިޓީގެ އިސްކޮށް ހުންނެވި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް މިރޭ 8 ޖެހި އިރު 'ދައުރު'އަށް ވިދާޅުވީ، އެހާތަނަށް ލިބުނު ނަތީޖާއިން އަމްރު އާއި ހަސަންގެ ވޯޓުގެ އަދަދު އުޅެނީ ވަރަށް ކައިރި ކައިރީގައި ކަމަށެވެ. އެހެންވެ، އެއްވެސް ބޭފުޅަކަށް އަދި އެ މަގާމު ކަށަވަރުނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މާލެ ފޮށިތަކުން ކުރީގައި އުޅެނީ ހަސަން. ދެކުނުގެ ފޮށިތަކުން ކުރީގައި އުޅެނީ އަމްރު. ހަމަ ވަރަށް ކައިރި ކައިރިން ދަނީ،" އޭނާ ވިދާޅުވި އެވެ.

ޑިމޮކްރެޓްސްއިން މިރޭ ކުރި ޓްވީޓެއްގައި ބުނީ، މާދަމާގެ ވަގުތެއްގައި ވަގުތީ ނަތީޖާ އިއުލާން ކުރާނެ ކަމަށެވެ. އެކަމާ ގުޅިގެން ޑިމޮކްރެޓްސްގެ މެންބަރުން ޓްވިޓާގައި ނުރުހުން ފާޅުކޮށްފައިވެ އެވެ.

"ލަސްވަނީ އަދިވެސް ބައެއް ރަށްތަކުގެ ނަތީޖާ ނުލިބޭތީ،" އެކަމާ ގުޅިގެން ސުވާލު ކުރުމުން ޑިމޮކްރެޓްސްގެ އޮފިޝަލަކު މިރޭ 'ދައުރު'އަށް ވިދާޅުވި އެވެ.

މި އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައި ވަނީ، 5،800އެއްހާ  މެންބަރުންނަށެވެ.

ފާހަގަކޮށްލެވޭ ކަމެއް - އަމްރުގެ ކެމްޕެއިންގައި ހަރަކާތްތެރިވި އޮފިޝަލުން ބުނާ ގޮތުގައި ކުރީގައި އުޅުއްވަނީ އަމްރު އެވެ. އަދި ހަސަންގެ ކެމްޕެއިންގައި ހަރަކާތްތެރިވި އޮފިޝަލުން ބުނާ ގޮތުގައި ކުރީގައި އުޅުއްވަނީ ހަސަން އެވެ.

ވަގުތީ ނަތީޖާއިން މިހާތަނަށް ޔަގީންވި މަގާމުތައް:

  • މަޑަވެލި ދާއިރާގެ މަޖިލިސް މެންބަރު ހުސައިން ފިރުޝާން: ނައިބު ރައީސް (ޒުވާން)

  • އައިޝަތު އަލައިކާ: ނައިބު ރައީސް (އަންހެން)

  • ހަމްދާ މުހައްމަދު: ވިމެން ޑިމޮކްރެޓްސް ލީޑަރު

އެއްވެސް މީހަކު ކުރިމަތިލާފައި ނުވުމުން ބައެއް މަގާމުތައް ހުރީ ކުރިން ކަށަވަރުވެފަ އެވެ. އޭގެ ތެރޭގައި ޕާޓީގެ ނައިބު ރައީސް (އާންމު)ގެ މަގާމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައިސް މުހައްމަދު ޝިފާޒު ވެސް ހިމެނިވަޑައިގަންނަަވަ އެވެ. އަދި ބައެއް ދާއިރާތަކުގެ ރައިސުންނާއި ނައިބު ރައީސުން ވެސް އެގޮތަށް ވަނީ އިންތިހާބުވެފަ އެވެ.

ކޮމެންޓް (1)

ތެފައާސާ.

3 ޑިސެމްބަރު 2023
ހަހަހަ. އިންތިޚާބެއް ވަގަށްނަގައިފިކަމަށް ބުނެ އުފެއްދި ޕާޓީއިން ފުރަތަމަ ބޭއްވި އިންތިޚާބު ވަގަށްނަގައިފިކަމަށް ތުހުމަތުކުރާ ހިސާބަށް ދިޔައީމާ ނިޒާމު މިއޮތީ ވަށައިޖެހިފައިކަމަށް ނިންމިދާނެބާ؟
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް