މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް (ފޮޓޯ/ މަޖިލިސް)

ދަ ޑިމޮކްރެޓްސް

ނަތީޖާ ލަސްވަނީ މަކަރު ހެދިޔަ ނުދޭން؛ މިރޭ އިއުލާން ކުރާނަން: އާޒިމް

ނަތީޖާ އޮޅުވާލުމަށް މަސައްކަތް ކުރާ ކަމަށް ކުރާ ތުހުމަތު އާޒިމް ދޮގުކުރެއްވި

ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިހާބުގެ ނަތީޖާ އިއުލާންކުރުން ލަސް ވަނީ "މަކަރު ހެދިޔަ ނުދޭން" ކަމަށާއި މިރޭގެ ވަގުތެއްގައި ނަތީޖާ އިއުލާން ކުރާނެ ކަމަށް އެ ޕާޓީގެ އިންތިހާބާ ބެހޭ ކަންކަމާ ހަވާލުވެވަޑައިގެން ހުންނެވި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އިއްޔެ ބޭއްވި ޑިމޮކްރެޓްސްގެ ފުރަތަމަ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ނިމުނުތާ 24 ގަޑިއިރު ވާން ކައިރިވާއިރު، އަދިވެސް ވަގުތީ ނަތީޖާ އިއުލާން ނުކުރާތީ ޕާޓީގެ ބައެއް މެންބަރުން ދަނީ ނުރުހުން ފާޅު ކުރަމުންނެވެ. އަދި ނަތީޖާ އޮޅުވާލުމަށް މަސައްކަތް ކުރާ ކަމަށް ވެސް ތުހުމަތު ކުރެ އެވެ.

ތަފްސީލު - އިންތިހާބާ ބެހޭ ކޮމިޓީގެ ވެރިއަކަށް ހުންނެވި އަލީ އާޒިމް އެ ތުހުމަތުތައް ދޮގު ކުރައްވައި މިއަދު 'ދައުރު'އަށް ވިދާޅުވީ، މިހާތަނަށް އައި އިރު ޖުމްލަ 16 ޝަކުވާއެއް ކޮމިޓީއަށް ލިބިފައިވާ ކަމަށެވެެ. އޭގެ ތެރެއިން ބޮޑު ދެ ޝަކުވާއެއް އުޅޭކަން އޭނާ ފާހަގަކުރެއްވި އެވެ. އޭގެ ތެރޭގައި:

  • ވޯޓު ފޮށި ބަހައްޓަން އިއުލާންކޮށްފައި ނެތް ތަނެއްގައި ވޯޓުލުން ކުރިއަށް ގޮސްފައިވާ ކަމަށް ބުނާ މައްސަލައެއް ހިމެނޭ

"ލަސް މި ވަނީ އެ ހުރިހާ ޝަކުވާތަކެއް ތަހުގީގުކޮށް. ވަގުތީ ނަތީޖާ ނަތީޖާ އިއުލާން ކުރަން ވެގެން. އަޅުގަނޑުމެން މި އުޅެނީ މަކަރު ހެދިޔަ ނުދޭން ވެގެން. އެއްވެސް ގަޑުބަޑެއް ނުހެދޭނެ. އެ ޖާގަ އަޅުގަނޑު މިތާ އިނދެގެން ނުދޭނަން،" އާޒިމް ވިދާޅުވި އެވެ.

ކުރިން ޑިއާރުޕީ އާއި އެމްޑީޕީގައި ވެސް އިސް މަގާމުތަކެއް ފުރުއްވި އާޒިމް ވިދާޅުވި ގޮތުގައި، މިއީ އޭނާގެ ތިން ޕާޓީ ކަމަށާއި މީގެ ކުރިން ހަރަކާތްތެރިވެޑައިގެންނެވި ޕާޓީތައް ވެސް ހަލާކުވެގެން ދިޔައީ "އެތެރޭގެ އިންތިހާބުތައް އޮޅާލާއިގެން" ކަމަށެވެ.

"އެ ތަޖުރިބާގައި، ޑިމޮކްރެޓްސްގެ މި އިންތިހާބު އޮޅާލާކަށް ޖާގަ އަޅުގަނޑު ނުދޭނަން. މި ޕާޓީ ހަލާކުވާން ފުރުސަތު ނުދޭނަން،" އާޒިމް އިތުރަށް ވިދާޅުވި އެވެ.

"ކޮންމެ މަރުކަޒެއްގައި ވެސް ވޯޓުލުން ނިމުމާ އެކު ވަގުތީ ނަތީޖާ އިއުލާން ކުރި. ވަގުތީ ނަތީޖާ އިއުލާން ނުކުރެއޭ ވެސް ނުބުނެވޭނެ."

ޑިމޮކްެރެޓްސްގެ ރައީސް ކަމަށް ވާދަކުރެއްވި ހަސަން އާއި އަމްރު: އެ ދެ ބޭފުޅުން ވެސް ވަނީ އިންތިހާބު ކާމިޔާވި ކަމަށް އިއުލާންކޮށްފައި.

ނަތީޖާ ލަސްވާ އެހެން ސަބަބުތަކެއްގެ ގޮތުގައި އާޒިމް ވިދާޅުވީ:

  • އިންތިހާބު ކުރަން ޖެހޭ މަގާމުތައް ގިނަވުމުން؛ ބައެއް ދާއިރާތަކުގައި ގިނަ ވެގެން 20 ވޯޓު ކަރުދާސްކޮޅު ވެސް ދޭން ޖެހޭ

  • އެހެންވެ، އެ ހުރިހާ މަގާމުތަކެއް ނަތީޖާ ޝީޓުތައް އަޅަން ވަގުތު ބޭނުން ވާނެ

"މިއީ ހަމައެކަނި ޕާޓީގެ ރައީސް ހޮވުމަށް ބޭއްވި އިންތިހާބެއް ނޫން. އެހެން މަގާމުތައް ވެސް ހުރީ ވަރަށް ކައިރިކައިރީގައި. އެ އެންމެންގެ ހައްގުތަކަށް ވެސް ބަލަން ވާނެ،" އާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މިރޭ 6 ޖަހާއިރު ހުރިހާ ޝަކުވާތަކެއް ބަލައި ނިންމޭނެ އެވެ. އެއާ އެކު، މިރޭ 8 ޖަހާއިރު ވަގުތީ ނަތީޖާ އިއުލާން ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން -

ކޮމެންޓް (1)

ޢަލީ ދިއްދޫ

3 ޑިސެމްބަރު 2023
ޗައިާގެއާބާދީއަށްވުރެ މި ޕާޓީގައި މީހުން ގިނަކަމުން ނަތީޖާ ސާފުނުވެފައި
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް