އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައެއްގައި ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކުރިއިރު އަރިހުގައި މުއިއްޒު. (ދައުރު ފޮޓޯ/ހުސައިން ސުނޭން)
އަޅުގަނޑު ޔާމީނަކާ ނުކޯޅޭނަން؛ އިސްކުރާނީ ހަމަޖެހުން: މުއިއްޒު
އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ކޯޅުމުގެ ގޮތުން ކަމެއް ނުކުރައްވާނެ ކަމަށާއި، އެ މަނިކުފާނު ބޭނުންވަނީ ރާއްޖޭގައި ހަމަޖެހުން ގާއިމްކުރެއްވުމަށް ކަމަށް، ފަހު ވަގުތު ޔާމީން ތާއީދުކުރައްވައިގެން ރިޔާސީ އިންތިހާބުގައި ވާދަކުރައްވައި އެ އިންތިހާބު ކާމިޔާބު ކުރެއްވި ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މުއިއްޒަށް އިންތިހާބު ކާމިޔާބުވެވަޑައިގަތުމަށް ފަހު ދެއްވި ފުރަތަމަ ތަގުރީރުގައި، ޔާމީން މިނިވަން ކުރުމުގެ މަސައްކަތުގައި މަގުމައްޗަށް ނުކުތުމުގެ ބަދަލުގައި އެ މަނިކުފާނަށް ފުރުސަތު ދެއްވުމަށް ސަޕޯޓަރުންގެ ކިބައިގެން މުއިއްޒު ވަނީ އެދިވަޑައިގެންފަ އެވެ.
ނަމަވެސް، އެއާ ދެކޮޅަށް ޔާމީންގެ ސަޕޯޓަރުން، އެ މަނިކުފާނު ދިރިއުޅުއްވާ ގެ، ހ. ދޫވެހި ސަރަހައްދަށް ކޮންމެ ރެއަކު ކަހަލަ ގޮތަކަށް ދަނީ ޖަމާވެ، ޔާމީން މިނިވަންކުރުމަށް ގޮވާލަމުންނެވެ. ރޭ ޔާމީން ވަނީ، އެ ކަމަށް ހިތްވަރު ދެއްވައި މުއިއްޒަށް ނުސީދާކޮށް ގޮންޖައްސަވާފަ އެވެ.
އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ކޯޅުމުގެ ގޮތުން ކަމެއް ނުކުރައްވާނެ ކަމަށާއި، އެ މަނިކުފާނު ބޭނުންވަނީ ރާއްޖޭގައި ހަމަޖެހުން ގާއިމްކުރެއްވުމަށް ކަމަށް، ފަހު ވަގުތު ޔާމީން ތާއީދުކުރައްވައިގެން ރިޔާސީ އިންތިހާބުގައި ވާދަކުރައްވައި އެ އިންތިހާބު ކާމިޔާބު ކުރެއްވި… pic.twitter.com/MQxETyazya
— Dhauru (@Dhaurunews) October 5, 2023
މިއަދު 'ދައުރު'އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އިންތިހާބީ ރައީސް މުއިއްޒަށް އެކަމާ ގުޅޭ ގޮތުން ސުވާލު ކުުރުމުން ޖަވާބު ދެއްވި އެވެ.
ބުނީ ކީކޭ؟ - "ވަރަށް ހެޔޮ ނިޔަތެއްގައި ދެއްކި ވާހަކައެއް އެއީ. އެއީ، މިހާރު ރައްޔިތުން މި ވަނީ މި ގޮތް ނިންމާފައި، އަޅުގަނޑަށް މި ޒިންމާ ހަވާލުކޮށްފައި. ރައީސް [ޔާމީން] މިނިވަންކުރުމުގެ ކަންތަކުގައި ވިއްޔާ، ޕީޕީއެމް-ޕީއެންސީގެ މެންބަރުން އަޅުގަނޑާ އެ ޒިންމާ ހަވާލުކޮށްފައި މި އޮތީ،" މަގުމައްޗަށް ނުނުކުތުމަށް އެދިވަޑައިގެންނެވި އެދިވަޑައިގަތުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން މުއިއްޒު ވިދާޅުވި އެެވެ.
"ދެން އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑު އެކަން ކުރާނަމޭ. އަޅުގަނޑަށް ފުލް ކޮންފިޑެންސް އެބަ އޮތް އެ ކަމުގައި. ފުރަތަމަ މަރުހަލާގައި އެކަން ކާމިޔާބުކޮށްފައި އެ އޮތީ [ޔާމީން ގެއަށް ބަދަލުކުރުން]. ލެޓް މީ ޑޫ ދަ ޖޮބްއޭ."
-
އިތުރަށް ކިޔާލަން - ޔާމީންގެ ޗެލެންޖް ލީޑަޝިޕަށް: 'މަގުމަތީ ތިބެން ކެރެންވާނެ'
ތަފްސީލު - މުއިއްޒު ވިދާޅުވި ގޮތުގައި، އެ މަނިކުފާނު އެ ގޮތަށް އެދިވަޑައިގެންނެވި ސަބަބަކީ، މަގުމައްޗަށް މީހުން ނުކުމެ، އަނެއްކާވެސް ހަލަބޮލިކަމަކަށް ދާން ބޭނުން ނުވާތީ އެވެ. 'ކިތަންމެ މާތް މަގުސަދެއްގައި' ސަޕޯޓަރުން އެ ގޮތަށް މަގުމަތީ ހަރަކާތް ބޭއްވި ނަމަވެސް، އެއިން ނުކުންނާނެ ނަތީޖާ ރަނގަޅުވާނެ ކަމަށް ގަބޫލުނުކުރައްވާކަން މުއިއްޒު ފާހަގަކުރެއްވި އެވެ.
"ވަރަށް މާތް މަގުސަދެއްގައި [މަގުމަތީ ހަރަކާތްތައް] އެކަން އެ ކުރައްވަނީ. އަޅުގަނޑު ވެސް އެ ގޮތަށް އެ ކަމުގައި އެ ގޮތުން ތާއީދު. އެކަމަކު އެހެން މީހުން އޭގެ ތެރެއަށް ވަދެ، ހަމަނުޖެހުން ހިންގައި ހަލަބޮލިކަމަކަށް ގޮސް، އެހެން ވާން ބޭނުން ނުވަނީ،" އެ މަނިކުފާނު ވިދާޅުވި އެވެ.
"އެއަށް ވުރެ މާ ރަނގަޅަށް އިރާދަކުރެއްވިއްޔާ މިކަން އަޅުގަނޑުމެންނަށް ވާނެ [ޔާމީން މިނިވަން ކުރުން]. އެ އަޅުގަނޑު ގަބޫލުކުރާ ގޮތް ވީމަ، މާލޭގައި އަދި ރާއްޖޭގައި ވެސް ހަމަޖެހުން އޮންނަން ބޭނުންވާތީވެ އަޅުގަނޑު އެދުނު އެދުމެއް."
-
އިތުރަށް ކިޔާލަން - 'ޔާމީން މިނިވަންކުރަން މުޒާހަރާނުކޮށް އަޅުގަނޑަށް ފުރުސަތުދީ'
މިވަގުތު ޔާމީން ގޭބަންދެއްގައި ހުންނެވި ނަމަވެސް، ގޭގެ ކުޑަދޮރުން ބޯދިއްކުރައްވައިގެން ހުންނަވައި ރޭ ވަނީ ސަޕޯޓަރުންނާ މުހާތަބުކުރައްވައި ވާހަކަފުޅު ދައްކަވާފަ އެވެ. އަދި ސަޕޯޓަރުންގެ އެ މަސައްކަތްތަކަށް ހިތްވަރު ދެއްވި އެވެ.
މުއިއްޒު ވިދާޅުވީ އެ މަނިކުފާނު އެދިވަޑައިގަތް އެދިވަޑައިގަތުމާ މެދު ޕާޓީގެ ބައެއް މެންބަރުންގެ ހިޔާލު ތަފާތު ވިޔަސް، އެ ކަމަށް އެ މަނިކުފާނު އިހްތިރާމް ކުރައްވާނެ ކަމަށެވެ. ޑިމޮކްރެސީގައި ޕާޓީތަކުގެ ތެރޭގައި ހިޔާލު ތަފާތުވުންތައް ހުންނާނެކަން އިންތިހާބީ ރައީސް ގަބޫލުކުރައްވަ އެވެ.
ޔާމީންއާ ދެމެދު އޮތް ގުޅުން ކިހިނެއްތޯ އެހުމުން މުއިއްޒު ވިދާޅުވީ، "އެއްވެސް މައްސަލައެއް ނެތް" ކަމަށެވެ. ރޭ ޔާމީން، މުއިއްޒުއަށް ނުސީދާކޮށް ގޮންޖެއްސަވާފައި ވާއިރު، އެއީ ޕީޕީއެމް-ޕީއެންސީ ތެރޭގައި އުފެދޭ ބޮޑު ކޯޅުމެއްގެ ފެށުން ކަމަށް ގަބޫލު ކުރަންތޯ ސުވާލުކުރުމުން މުއިއްޒު ވަނީ އެކަން އެ ގޮތަށް ވާން އެ މަނިކުފާނުގެ ފަރާތްޕުޅުން ފުރުސަތު ނުދެއްވާނެކަން ހާމަކުރައްވާފަ އެވެ.
"އަޅުގަނޑުގެ ފަރާތުން ނުފެންނާނެ އެ ކަހަލަ އެއްވެސް ކޯޅުމެއް ވެެސް، ނޫނީ ކޯޅުމަކަށް ހިތްވަރު ދޭ ތަނެއް ވެސް. އަޅުގަނޑު ބޭނުންވަނީ، މާލެއަށް އަދި ރާއްޖެއަށް ހަމަޖެހުން އަންނަން،" މުއިއްޒު ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ ކަމެއް - މުއިއްޒަށް ޕީއެންސީގެ ޓިކެޓް ލިބިވަޑައިގެންނެވީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމާ ގުޅިގެން، އިންތިހާބުގައި ވާދަކުރެއްވުމަށް ޝަރުތު ހަމަނުވާ ކަމަށް ސުޕްރީމް ކޯޓުން ނިންމި ނިންމުމުންނެވެ.
މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެމްޑީޕީގެ ޓިކެޓް 2018ގައި ލިބިވަޑައިގެންނެވީ، އޭރު އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިއްވާފައިވާ ހުކުމާ ގުޅިގެން ވާދަނުކުރެވުމުގެ ސަބަބުންނެވެ.
މި ސަރުކާރުގެ މެދު ތެރެއިން ރައީސް ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދާ ދެމެދު އޮތް ވާދަވެރިކަން ބޮޑުވެ، އެމްޑީޕީ ދެ ފެކްޝަނަކަށް ބެހުނެވެެ. އެންމެ ފަހުން، ރިޔާސީ އިންތިހާބު ކުރިމަތިވިއިރު، ޕާޓީ ރަނގަޅަށް ދެ ފަޅިވެ، ނަޝީދު އާ ޕާޓީއެއް ވެސް އުފެއްދެވި އެވެ.
އެ ދެ ރައީސުންގެ ވާދަވެރިކަމުގައި އެމްޑީޕީ ފުނޑިގެން ދިޔަ ގޮތަށް، މުއިއްޒުގެ ސަރުކާރެއްގައި ޕީޕީއެމް-ޕީއެންސީއަށް އެފަދަ ލޮޅުމެއް އަތުވެދާނެތޯ އެހުމުން މުއިއްޒު ވިދާޅުވީ، އެފަދަ ކަމެއް ދިމާވެދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
"އަޅުގަނޑަކަށް ހިއެއްނުވޭ. އެއީ، އަޅުގަނޑު ވެސް އިސްކުރަނީ ގައުމު، ރައީސް ޔާމީން ވެސް އިސްކުރައްވަނީ [ގައުމު]. އެެހެންވީމަ، ގައުމީ މަސްލަހަތު އިސްކުރާ ދެ މީހުންގެ ތެރޭގައި މައްސަލައެއް އުފެދިގެން ނުވާނެ،" މުއިއްޒު ވިދާޅުވި އެވެ.
ކޮމެންޓް (19)
ފައިޒަމް
ދިފްލާ
ފަރުހާދު
ޢުސްމާން
އަސްލު ވާހަކަ
ސުއާދު ހަމީދު
މޫސާ ޔައިޒް
އިލްޔަސައު
މުހައްމަދު ހެސެން
މުސްލިމް
އަފްސަލް މުހައްމަދު
ސިނާހް
ސުއާދު ސައޫދު
ރީމާ މުހައްމަދު
ހަސަން ބަޝީރު
މޫސާ ހަލީމް
ހޯހޯ
މުހައްމަދު
ހަސަނު