އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައެއްގައި ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކުރުން. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ޔާމީންގެ ޗެލެންޖް ލީޑަޝިޕަށް: 'އަޅުގަނޑުގެ ހައްގުގައި މަގުމަަތީ ތިބެން ކެރެންވާނެ'

އާ ރައީސްއަށް ދެއްވެން އޮތް ބާރުލުމެއް ދެއްވާނޭ ކަމަށް ވެސް ޔާމީން ވިދާޅުވި
5 އޮކްޓޯބަރު 2023
4

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފައި ވަނީ، ޕީޕީއެމްގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން އެ މަނިކުފާނަށް ފުރުސަތު ދިނުމަށް، އެއްވުމާއި މުޒާހަރާތައް ނުބޭއްވުމަށެވެ.

ނަމަވެސް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވާހަކަތައް ރޭ ހުރީ އިންތިހާބީ ރައީސްގެ އެ ވާހަކައަށް ޗެލެންޖް ކުރުމަށެވެ. އެ މަނިކުފާނުގެ ގޭ ދޮށަށް ރޭ ޖަމާވި ސަޕޯޓަރުންނާ، ކުޑަދޮރުން ބޯ ދިއްކުރައްވައިގެން އޮންނަވައި 15 މިނެޓް ވަންދެން ދެއްކެވި ވާހަކައިގައި ވިދާޅުވީ، "ގައުމުގައި ހައްގުގައި އެންމެ ބޮޑު މަސައްކަތެއް ކުރެއްވި ލީޑަރު ހައްޔަރުވެފައި ހުންނައިރު ކެރެންވާނެ މަގުމަތީގައި އުޅެން. ކެރެންވާނެ މަގުމަތީ އުޅެން. މަގާމުތައް ލިބުނީމާ އެކަންޏެއް ނޫން ބޮޑެތި ބަސް ބުނަން ވާނީ. އެ މީހާގެ އެތެރޭގައި އޮއްޓަރެއް ހުރިކަމެއް ދައްކަން ވާނީ އޭގެ ކުރިން" ކަމަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައެއްގައި ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކުރި ދުވަހު އިންތިހާބީ ރައީސް މުއިއްޒު އެ ސަރަހައްދުގައި. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

އިންތިހާބީ ރައީސްގެ ވާހަކައަށް އިޝާރާތް ކުރައްވައި ޔާމީންގެ ވާހަކަ އިތުރަށް ކުރިއަށް ގެންދެވި އެވެ. ވިދާޅުވީ، އެ މަނިކުފާނު މިނިވަން ކުރަން މިހާރު މަސައްކަތް ކުރަނީ އެއްވެސްގޮތަކަށް ތަނުގައި ތިބޭ ބޮޑެތި ހަމަޖެހޭ މީހުންނެއް ނޫން ކަމަށެވެ. ބޮޑައްޗަށް ތިބޭ މީހުންނަކީ އަދާވާތްތެރިންކަން ސިފަކުރައްވާ ވިދާޅުވީ، "އަޅުގަނޑުމެންނަށް މިހާރު ވެސް ފެނިގެން މި ދަނީ އެތައް މަސައްކަތެއް ކުރުމަށް ފަހުގައި ނަމަވެސް މި ގޮތަށް ގޭގައި ހުންނަން ޖެހުނީމާ، ނޫނިއްޔާ ޖަލަށް ލީމާ ހަމަ އާދައިގެ އާންމު ރައްޔިތުންތަކެއް، އަޅުގަނޑު ދެކެ ލޯބިވާ އާންމު ރައްޔިތުންތަކެއް އަޑުއުފުލައި މަގު މައްޗަށް ނިކުންނަ މަންޒަރު" ކަމަށެވެ. 

"އެކަމަކު ބޮޑެތި ގޮނޑިތަކުގައި ތިބޭ މީހުންނަށް އެ ފަސޭހަކަން ލިބިގެން އެ ދިޔައީ ރައީސް ޔާމީން އާއި މި ޓީމުން ކުރި މަސައްކަތުން. އިންސާނީ ތޮބީއަތުގައި ދެރަކަމަކަށް މި ވަނީ މަގާމުތަކަށް އާދެވުނީމާ އެކަން ހަނދާން ނެތޭތީ. އެހެން ނަމަވެސް، ރައްޔިތުންގެ ލޯތްބަކީ އަދި ޖަލު ގޮޅިޔަށް ލިޔަސް އެހެން އަނބުރާ ގެންދެވޭނެ އެއްޗެއް ނޫން،" އަސަރާ އެކު ޔާމީން ވިދާޅުވި އެވެ.  

އެހެން ވިދާޅުވުމުން އެ ސަރަހައްދަށް އެއްވެފައިވާ ސަޕޯޓަރުން ވަނީ "ރައީސް ޔާމީންގެ އަޑު ކަނޑުވާ ނުލެވޭނެ، އަހަރުމެންގެ ލީޑަރަކީ ޔާމީން" ކަމަށް ބުނެ އަޑުގަދަކޮށް ތަރުހީބު ދީފަ އެވެ.

ރިޔާސީ އިންތިހާބުގައި ލިބިވަޑައިގެންނެވި ކާމިޔާބީގެ އުފާ ފާޅުކުރުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ސޯޝަލް ސެންޓަރުގައި ބޭއްވި އުފާ ފާޅުކުރުމުގެ ހަރަކާތް. (ދައުރު ފޮޓޯ/ ހުސައިން ސުނޭން)

ޔާމީން ސަޕޯޓަރުންގެ ކިބައިން އެދިވަޑައިގެންނެވީ ޕާޓީގެ ތެރެއިން ވެސް ކުރިއަށް އޮތް މަޖިލީހަށް ނިކުންނަ ބޭފުޅުން ވޯޓް ހޯދަން އައުމުން ޔާމީން މިނިވަން ކުރަން މަގުމަތީ ހަރަކާތްތަކުގައި ނުތިބީ ކީއްވެތޯ ސުވާލުކުރުމަށެވެ. އެފަދަ ހަރަކާތްތަކުގައި އުޅެން ނުކުރުނު ބޭފުޅުންނަކީ ގައުމީ މަސައްކަތެއް ކުރަން ނިކުމެ ތިބި ބޭފުޅުން ކަމާ މެދު ޔާމީން ސުވާލު އުފެއްދެވި އެވެ. އަދި ވިދާޅުވީ ޖަލުން ސަލާމަތްވާން އާ ސަރުކާރުގައި ވެސް އާދޭސް ނުކުރައްވާނޭ ކަމަށެވެ.

"ބޮޑުވަރަކަށް އަޅުގަނޑު އަނެއްކާ ޖަލަށްތާ ލާނީ. އަޅުގަނޑު ނިންމައިފިން މިހާރު އެއީ އަޅުގަނޑުގެ ސެކަންޑް ހޯމް ކަމަށް،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ޔަގީންކަން ދެއްވީ އެ މަނިކުފާނުގެ މައުސޫމްކަން ކޯޓް މަރުހަލާތައް ނިމުމުން އެންމެންނަށް ވެސް ސާފުވާނޭ ކަމަށެވެ. އެ މަނިކުފާނު ދެން ސުވާލު އުފެއްދެވީ މީގެ ކުރިން ސިޔާސީ މީހުންނަށް އިއްވި ހުކުމުތަކުން އެ މީހުން ކަފާލާތުގެ ދަށުން މިނިވަންކޮށްދިން ނަމަވެސް އެ މަނިކުފާނަށް އަދިވެސް އެ ފުރުސަތު ލިބިފައި ނުވުމެވެ. 

"އަޅުގަނޑާ ޖެހުނީމާ ކަފާލާތެއް ވެސް ނުލިބޭ،" ޔާމީން ވިދާޅުވި އެވެ.

ނަމަވެސް، ޔާމީން ވިދާޅުވީ އެ މަނިކުފާނަށް އޮތް އެންމެ ބޮޑު އުފަލަކީ މި ސަރުކާރު ނިމުމަކަށް އައުން ކަމަށެވެ. އެ ކަމުގައި ސަޕޯޓަރުންނާއި އާންމު ރައްޔިތުންނަށް ޝުކުރު އަދާ ކުރާނޭ ގޮތެއް ވެސް ނޭނގޭ ކަމަށް ވިދާޅުވެ، އާ ރައީސްއަށް ދެއްވެން އޮތް އެއް ބާރުލުމެއް ދެއްވާނޭ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

އެހެން ވިދާޅުވުމަށް ފަހު ޔާމީން ވިދާޅުވީ މަގުމަތީ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ލީޑަޝިޕްގައި ތިއްބަވާ ބޭފުޅުން ހިތްވަރު ދެއްވަން ޖެހޭ ކަމަށެވެ. އަދި އެކަމަށް ހިތްވަރު ދިނުމަކީ އާންމު މެންބަރުންނެކޭ އެއްގޮތަށް ލީޑަޝިޕްގެ ބޭފުޅުން ވެސް މަގުމައްޗަށް ނިކުތުން ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި ހިނި ފަރުބަދަވެސް ކެނޑިގެން ފާހަގަ ކުރައްވާ ސަޕޯޓަރުންނަށް ހިތްވަރު ދެއްވަމުން ވިދާޅުވީ އެކަކު ދެ މީހަކު ތިބި ނަމަވެސް މަގުމަތީ ހަރަކާތުގެ މަގުސަދު ހާސިލްވަންދެން ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ. އަދި މަގުމަތީ ހަރަކާތް ހުއްޓާނުލުމަށް ތަކުރާރުކޮށް އިރުޝާދު ދެއްވި އެވެ.

"ކީއްވެތޯ ރައްޔިތުންގެ ހައްގުގައި މަސައްކަތެއް ކުރާއިރު ތިބޭފުޅުންނާ އެ ބޭފުޅުންނާ [ލީޑަޝިޕްގެ ބޭފުޅުންނާ] ތަފާތުވާންވީ. އެބޭފުޅުން ތި ދައްކަވާ ހިތްވަރު ހަމަ އެއިން ކޮންމެ ބޭފުޅަކު ވެސް ދައްކަވަން ވާނެ. އާންމުކޮށް މުހާވިރާ ބަހެއްގައި މި ބުނަނީ ކުދި ސޯބު އެނބުރޭނީ ބޮޑު ސޯބު އެނބުރޭ ގޮތަށޭ. އެހެންވީމާ ބޮޑެތި ސޯބުތައް އެނބުރެން އެބަ ޖެހޭ ކުދި ސޯބުތައް ގިނަކޮށް ބާރަށް އެނބުރެން،" ޔާމީން ވިދާޅުވި އެވެ. 

"މިކަން ކުރީމާ އަޅުގަނޑުމެންނަށް މިހާރަށް ވުރެ ފޯރިގަދަ ކުރެވޭނީ، ސަރުކާރަށް އަޅުގަނޑު ދޫކުރަން ފަސޭހަވާނެ... އަޅުގަނޑުމެން ޕާޓީގެ ބޭފުޅުން ވެސް ތިބޭފުޅުން ވެސް މަސައްކަތް ކުރަންވީ މަގުމަތީ ހަރަކާތްތައް ވަރުގަދަކުރަން. މިހާރު ތިބޭފުޅުން އުކާލަން ސިފައިންނެއް ނާންނާނެ. ނުކެރޭނެ އަންނާކަށް. އެ މީހުން ބޭނުން ވެގެނެއް ނޫން ކުރިން ވެސް އައީ. މިއަދަދުތައް ގިނަކުރައްވާ. އިތުރުކުރައްވާ." 

ބޮޑެތި ގޮނޑިތަކުގައި ތިބޭ މީހުންނަށް އެ ފަސޭހަކަން ލިބިގެން އެ ދިޔައީ ރައީސް ޔާމީން މި ޓީމުން ކުރި މަސައްކަތުން. އިންސާނީ ތޮބީއަތުގައި ދެރަކަމަކަށް މި ވަނީ މަގާމުތަކަށް އާދެވުނީމާ އެކަން ހަނދާން ނެތޭތީ.

އަބްދުﷲ ޔާމީން / ކުރީގެ ރައީސް

ޔާމީން ދެކެވަޑައިގަންނަވާ ގޮތުގައި، މި ސަރުކާރުގެ އިސް ސަފުގައި ތިބި އެއްވެސް މީހަކު ސަލާމަތް ނުވާ ވަރަށް ކޮރަޕްޝަންގެ ކަންކަން ވަނީ ހިންގައިފަ އެވެ. އެ ކަންކަން ބަލަން ފެށުމުން "ފައިސާ ގެންދިޔައީ ލޯރިލޯރީގައިތޯ" ވެސް ސާފުވާނޭ ކަމަށް ވިދާޅުވި އެވެ. އަދި އެ ކަންކަން ބަލަން، "އަޅުގަނޑުމެންގެ އާ ސަރުކާރަށް ކެރެންވާނެ" ކަމަށް ވިދާޅުވި އެވެ. 

ޔާމީން ވިދާޅުވީ އެ މަނިކުފާނަށް އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު "ގެއްލުވާލީ" އިންތިހާބު އެއްބުރުން ނެގޭނޭ ކަމަށް ރާވައިގެން މި ސަރުކާރާއި އިންޑިއާ އިން ކަމަށެވެ. އެކަމަކު އެއަށް ވުރެ މާތްﷲގެ ރޭވުންތެރިކަން މޮޅު ކަމަށް ޔާމީން ވިދާޅުވި އެވެ. 

"އެ ބޭފުޅުންނަށް ވެސް އެނގެން ވަނީ އެ ބޭފުޅުން ކިތަންމެ ވަރަކަށް ކަންތައްތަކެއް ފިކުރުކޮށް، ކަންތައްތަކެއް ކުރިއަސް އެބޭފުޅުންގެ މަގުސަދު، ނިޔަތް ރަނގަޅު ނޫން ކަމަށް ވަންޏާ އެ ބޭފުޅުން އެ ދައްކަވާ ކަންތަކުގައި އެއްވެސް ކަހަލަ ކުލައެއް ނުޖެހޭނެކަން،" ޔާމީން ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައެއްގައި ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކުރުން. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

އިންޑިއާ ސިފައިންނަށް މި ގައުމުން ވެލި މުށެއް ވެސް ލިބެން ނުޖެހޭނޭ ކަމަށް ވިދާޅުވާ ވާހަކަ ތަކުރާރުކުރައްވައި ޔާމީން ވަނީ އިންޑިއާ ސިފައިން ޖެހޭނީ ހަމަ ފައިބަން ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ވަކާލާތު ހުއްޓާނުލައްވާނޭ ކަަމަށާއި ގައުމީ މަސައްކަތެއް ކުރާ ނަމަ ތިބެން ޖެހޭނީ ސާބިތުކަމާ އެކު ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ދެން ވެސް ވެރިކަން ކުރުމުގެ ފުރުސަތެއް ލިބިއްޖެ ނަމަ މަސައްކަތް ކުރައްވާނީ ރައްޔިތުންގެ ހައްގުގައި ކަމަށް ވިދާޅުވި އެވެ. އެހެން ނަމަވެސް އެ މަނިކުފާނު އުޅުއްވަނީ "މާ ރައީސްކަން ކުރާ ހިތުން ނޫން" ކަމަށް ވެސް ވިދާޅުވި އެވެ. އަދި ޖަލުގައި ހުންނަވަން ކެރިވަޑައިގަތް ބޭފުޅަކީ އެ މަނިކުފާނު ކަމަށާއި ޑީލެއް ހައްދަވައިގެން ސަލާމަތްވެވަޑައިގެން ނޫޅުއްވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އަދި ސިޔާސީ މައިދާނުގައި ދެން ތިބި އެންމެންނަކީ ވެސް "ކޮނުނު ކޮނުނުހެން ފަސް ގިނަވާނެ" މީހުން ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ. 

ކޮމެންޓް (4)

ހޯހޯ

5 އޮކްޓޯބަރު 2023
ޔާމީނުގެ ކިބުރުވެރިކަން ހުރި ހިސާބު މިފެންނަނީ. "މަގުމަތީގެ " މާނަ އަކީ އެހެން މާނައެއް ކޮއިފުޅުމެންނޭ. .....
1 2

ހިސާން

5 އޮކްޓޯބަރު 2023
ޔާންބެ ވ. އަވަހަށް މުއިޒް ކޮންޓްރޯލް ނަގާނެ. ސޮރީ ޔާންބެ!!!
3 1

ޗޮއް

5 އޮކްޓޯބަރު 2023
ޔާމީނު ކީއްވެ ދުވަހަކުވެސް މަގުމަތީ ނުހުރީ؟
3 1

މުއާޒް

5 އޮކްޓޯބަރު 2023
ބަލަގަ ލީޑަރޝިޕުން މަގުމަތީގަ ތިބެންޖެހިގެން ތިބެގެން ނޫންތޯ ގެޔާ ހަމަ އަށް އާދެވިފަ ތިހިރީ. ދެން ސަރުކާރަށް ވަގުތުކޮޅެއް ދީގެން ނޫންތޯ މިތިބީ މައްސަލަ އަށް ސިޔާސީ ހައްލެއް ހޯދަން. ނޮވެމްބަރ 17 އާއި ހަމައަށް ސަރުކާރަށް ވަގުތު ދީގެން މަގު އަމާންކޮށްގެން ތިބުމަކީ އެންމެ ރަނގު ގޮތެވެ. އަދި އިންތިޚާބީ ރައީސް އެދިފައިވަނީ އެކަން ހައްލުކުރަން ތިމަންނާ އަށް ފުރުސަތު ދެއްވާށޭ. ވީމާ އެންމެ މަސްލަހަތު ރަނގަޅު ގޮތަކީ އެއީއެވެ.
11 3

އިތުރު އާޓިކަލް

އިތުރު އާޓިކަލް