އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައެއްގައި ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކުރުން. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ޔާމީން މިނިވަންކުރަން މުޒާހަރާނުކޮށް އަޅުގަނޑަށް ފުރުސަތުދީ: މުއިއްޒު

ރައީސް ޔާމީން މިނިވަން ކުރުމަށް މަގުމައްޗަށް ނުކުމެ ނުހަދަން ސަޕޯޓަރުންގެ ކިބައިން މުއިއްޒު އެދިވަޑައިގެންނެވި އިރު، ރޭގެ ބައްދަލުވުން ނިމުމާ އެކު ޔާމީންގެ ސަޕޯޓަރުން ވަނީ ހ. ދޫވެހި ކައިރި އަށް އެއްވެ، ޔާމީން މިނިވަން ކުރަން ގޮވާލާ އަޑު އުފުލާފައި

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައެއްގައި 11 އަހަރުގެ ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިނިވަންކުރަން މުޒާހަރާ ނުކޮށް ރަނގަޅު ގޮތުގައި އެމަނިކުފާނު މިނިވަންކުރުމުގެ މަސައްކަތް ކުރުމަށް ފުރުސަތު ދޭން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.

ވީ ކިހިނެއް؟ - ރިޔާސީ އިންތިހާބުގައި ޕީޕީއެމް-ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރަން ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި މުއިއްޒު ވަނީ ޔާމީން މިނިވަންކުރުމުގެ ކަންތައް ރީތިކޮށް ކުރިއަށް ގެންދިޔުމަށް ދެ ޕާޓީގެ މެންބަރުންގެ ފަރާތުން އެެދިވަޑައިގެންފަ އެވެ.

ތަފްސީލް - އެމަނިކުފާނު ކެމްޕޭނު ތެރޭ ވިދާޅުވި ގޮތަށް ވެރިކަން ލިބުނުތާ ފުރަތަމަ ދުވަހު ރައީސް ޔާމީން ގެއަށް ބަދަލުކޮށްފައިވާކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ، ވެރިކަން ލިބުނުކަން ކަށަވަރުވުމުން މީޑިއާއާ ބައްދަލުކޮށް ޔާމީން މިނިވަންކުރަން ގޮވާލެއްވި ކަމަށެވެ.

"ފުރަތަމަ ދުވަހު ވެސް ފުރަތަމަ ވެސް އަޅުގަނޑު ދެންނެވިން އަޅުގަނޑު އިންތިހާބު ކުރައްވައިފި ނަމަ ފުރަތަމަ މީޑިއާއާ ބައްދަލުކުރައްވާ ވަގުތު ވެސް އަޅުގަނޑު ސަރުކާރަށް ގޮވާލާނަމޭ އެމަނިކުފާނު ގެއަށް ބަދަލުކޮށްދެއްވަން. އެގޮތަށް އަޅުގަނޑު އެކަން ކުރިން،" މުއިއްޒު ވިދާޅުވި އެވެ.

ނޮވެމްބަރު 17އާ ހަމައަށް ދާއިރު، މިހާރު އޮތް ނިޒާމުގެ ތެރެއިން ޔާމީން މިނިވަން ނުވާ ނަމަ އެކަން ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"މިނިވަން ނުވާނީ ސަރުކާރުން ނުފޫޒު ފޯރުވާތީ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކޯޓުތަކަށް ނުފޫޒު ފޯރުވާތީ. އެހެންވެ މި ދަންނަވަނީ އެ ދުވަސް ވާނީ އެ ނުފޫޒު ނިމުމަށް އަންނަ ދުވަހަށޭ. އެ ހިސާބުން އެމަނިކުފާނު މިނިވަން ވާނެ،" މުއިއްޒު ވިދާޅުވި އެވެ.

އުސޫލުގެ ތެރެއިން ޔާމީން މިނިވަން ކުރުމުގެ ފުރުސަތު ދިނުމަށް މުއިއްޒު ވަނީ ސަޕޯޓަރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

"ވީމާ މިގޮތަށް އަޅުގަނޑަށް މިކަން ކުރުމުގެ ފުރުސަތު ދެއްވުމަށް އެދެން. ހާއްސަކޮށް އަޅުގަނޑުމެންގެ ދެ ޕާޓީގެ މެންބަރުންގެ ކިބައިން އެދެން ފުރުސަތު ދެއްވުމަށް،" މުއިއްޒު ވިދާޅުވި އެވެ. 

"އޭގެން ބޭރުން މަގުމައްޗަށް ނުކުމެ އެކި ކަހަލަގެ ޖަލްސާތައް ބާއްވާ އަޑުގަދަކޮށް ހިނގާލުން ބާއްވައި ހެދުމަކަށް އަޅުގަނޑު ނޭދެން. އެކަން ނުކުރެއްވުމަށް އަޅުގަނޑު އެދެން. އަޅުގަނޑަށް މިކަން ރީތި ގޮތުގައި ކުރުމުގެ ފުރުސަތު ދެއްވުމަށް އަޅުގަނޑު އެދެން."

ވެރިކަން ހިންގަން ރައްޔިތުން މުއިއްޒާ ހަވާލު ކުރުމަށް ފަހު، ރައްޔިތުން އެހެން މަގަކުން ދިޔުމަކީ ގައުމުގެ ހަމަޖެހުން ގެއްލޭނެ ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ފާހަގަ ކުރެވޭ ކަމެއް - ރައީސް ޔާމީން މިނިވަން ކުރުމަށް މަގުމައްޗަށް ނުކުމެ ނުހެދުމަށް ސަޕޯޓަރުންގެ ކިބައިން މުއިއްޒު ރޭ އެދިވަޑައިގެންނެވި އިރު، ރޭގެ ބައްދަލުވުން ނިމުމާ އެކު ޔާމީންގެ ސަޕޯޓަރުން ވަނީ އެމަނިކުފާނު ދިރިއުޅުއްވާ ހ. ދޫވެހި ކައިރިއަށް އެއްވެ، ޔާމީން މިނިވަން ކުރަން ގޮވާލާ އަޑު އުފުލައިފަ އެވެ.

ޔާމީން ވަނީ ގޭގެ ކުޑަދޮރުން ސަޕޯޓަރުންނަށް ހަނާއަޅުއްވާ ހިތްވަރު ދެއްވައިފަ އެވެ.

ކޮމެންޓް (1)

އެޑަމް

3 އޮކްޓޯބަރު 2023
"އުސޫލުގެ ތެރެއިން ޔާމީން މިނިވަން ކުރުމުގެ ފުރުސަތު ދިނުމަށް މުއިއްޒު ވަނީ ސަޕޯޓަރުންގެ ކިބައިން އެދިލައްވައިފަ" ވަރަށް ވިސްނާފަ މިހެންބުނެފަ މިއޮތީ. ނަމަނަމަ ކޯޓްތަކަށް މުއިއްޒު ވެސް ގޮސްކޮށް އަތް ނުބާނާތި ކަމަކުނުދާނެ!!!!!!!!
2 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް