ކުޑަހުވަދޫގައި ރޭ ބޭއްވި ޖަލްސާގައި މުއިއްޒު ވާހަކަ ދައްކަވަނީ (ފޮޓޯ/ ޕީޕިއެމް)

މުއިއްޒު ތިލަމާލެ ބުރިޖު މަޝްރޫއުގެ ފެންވަރާ މެދު ސުވާލު އުފައްދައިފި

މުއިއްޒު ވަނީ އޭނާ ކިޔަވާވިދާޅުވެގެން ހުންނެވި އިންޖިނިއަރިންގެ މިންގަނޑުން ބަލާއިރު ވެސް ބްރިޖުގެ ތަނބުތައް ޖަހަން ކޮންކްރީޓް އަޅަނީ ބަލައިގަނެވޭނެ ގޮތަކަށް ނޫން ކަމަށް

މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލުމަށް އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދާ، ގްރޭޓާ މާލޭ ކަނެކްޓިވިޓީ ބްރިޖު ނުވަތަ ތިލަމާލެ ބުރިޖު މަޝްރޫއުގެ ފެންވަރާ މެދު ސުވާލު އުފައްދައި އެ މަޝްރޫއު ހިންގަނީ ދިވެހިންނަށް އެންމެ ފައިދާ ހުރި ގޮތަށް ނޫން ކަމަށް، ޕީޕިއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މުއިއްޒު އެހެން ވިދާޅުވީ، އަންނަ މަހުގެ 9ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މެދު ރާއްޖެތެރޭގެ ހަތަރު އަތޮޅަކަށް އިއްޔެ ފެއްޓެވި ދަތުރުގެ ފުރަތަމަ މަންޒިލް ކަމަށްވާ ދ. ކުޑަހުވަދޫގައި ރޭ ބޭއްވި ޖަލްސާ އެވެ.

ވެރިކަމުގެ ދެވަނަ ދައުރަކަށް ކެމްޕެއިން ކުރައްވަމުން ގެންވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ހިންގާ އެންމެ ބިޔަ މަޝްރޫއަށް، މިދިޔަ ސަރުކާރުގައި އެޅި ސިނަމާލެ ބްރިޖު މަޝްރޫއު ހައުސިން މިނިސްޓަރަކަށް ހުންނަވައިގެން އަމަލީ ގޮތުން ހިންގެވި މުއިއްޒު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ.

ބުނީ ކީކޭ؟ - "އަޅުގަނޑުުގެ ޕްރެފެޝަނަލް ބެކްރައުންޑުން ވިސްނާއިރު، އެ ޕްރޮފެޝަނަލް ވިސްނުމުން ވިސްނާއިރު، [އަދި] އިންޖިނިއަރިންގެ ގޮތުން ވިސްނާއިރު ވެސް، ހަގީގަތުގައި ވެސް އެބަހުރި ވަރަށް ކަންބޮޑުވުން އެ މަޝްރޫއު ކުރިއަށް ގެންދާ ގޮތާ މެދު. ސިޔާސީ ވިސްނުމާއި އެ ކަހަލަ ހުރިހާ ކަމެއް ދޫކޮށްލާފައި ވިސްނާއިރު ވެސް، އިންޖިނިއަރެއްގެ ގޮތުގައި މަސައްކަތް ކުރާ ހުރިހާ އެންމެން އަޅުގަނޑާ މިކަމުގައި އެއްބަސްް ވާނެ،" އިނގިރޭސިވިލާތުން ސިވިލް އިންޖިނިއަރިން ދާއިރާއިން ޕީއެޗްޑީ ހާސިލްކުރައްވައިގެން ހުންނެވި މުއިއްޒު، މި ސަރުކާރުގެ ބުރިޖުގެ މަޝްރޫއުގެ ވާހަކަ ފައްޓަވަމުން ވިދާޅުވި އެވެ.

ކުޑަހުވަދޫގައި ރޭ ބޭއްވި ޖަލްސާގައި މުއިއްޒު ވާހަކަ ދައްކަވަނީ (ފޮޓޯ/ ޕީޕިއެމް)

ތަފްސީލު - އެ ޖަލްސާގައި މުއިއްޒު ސުވާލު އުފެއްދީ، މަޝްރޫއު ކުރިއަށްދާ ފެންވަރާ މެދު އެވެ. އަދި އެކަން ކުރަނީ ދުނިޔޭގެ އެހެން ތަންތަނުގައި އެކަން ކުރާ ގޮތަށް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ކުޑަ މިސާލެއް ނަންގަވަމުން މުއިއްޒު ވިދާޅުވީ:

  • އެ ޕްރޮޖެކްޓަށް ބޭނުންވާ ތަނބުތައް ޖެހުމަށް ކޮންކްރީޓް އަޅަނީ "އިންޖިނިއަރިން މިންގަނޑުތަކުން ބަލާއިރު އެއް ގޮތަކަށް ވެސް ބަލައިގަނެވޭނެ ގޮތަކަށް ނޫން"

  • ބްރިޖުގެ ބައިތައް ހަދަމުން ދަނީ، ލޮނުގެ އަސަރުކޮށް، ވާރެ އާއި ހޫނުގެ އަސަރު ކުރާނެ ހުޅުވާލެވިފައިވާ މާހައުލެއްގައި؛ ދެން އެ ބައިތައް ގުޅުވަން ބަލާއިރު، ހުންނަންވާނެ ގޮތާ މެދު ވިސްނަން އެބަ ޖެހޭ

"ދުނިޔޭގެ އެއްވެސް ތާކު އެކަން ކުރާ ގޮތެއް ނޫން އެއީ. ބްރިޖެއްގެ ބައިބައި ވަކިން ހަދައިގެން އައިސް ގުޅުވަންޏާ ހަދާނީ ފެކްޓްރީއެއްގެ ތެރޭގައި. ކަވަރު ކުރެވިގެން ހުރިހާ ކަމެއް ކޮންޓްރޯލް ކޮށްގެން،" ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މާލެ އާއި ހުޅުމާލެއާ ދެމެދު އެޅި ސިނަމާލެ ބްރިޖު މަޝްރޫއު ކުރިއަށް ގެންދިޔަ އިރު އޭރުގެ ހައުސިން މިނިސްޓަރަކަށް ހުންނެވި މުއިއްޒު ވިދާޅުވި އެވެ.

ތިލަމާލެ ބްރިޖުގެ މަސައްކަތް 21 ސެޕްޓެމްބަރު 2022 ވަނަ ދުވަހު ކުރިއަށް ދަނީ. (ދައުރު ފޮޓޯ/ އިބްރާހިމް އިފާޒް)
ގްރޭޓާ މާލޭ ބްރިޖުގެ ޑެކްގެ ސެގްމަންޓް ޔުނިޓްސްތައް ޕްރީ ކާސްޓް ނުވަތަ ހެދުމުގެ މަސައްކަތް ގުޅިފަޅު ކާސްޓިން ޔާޑްގައި އެފްކޮންސްއިން ކުރަނީ.

އެފަދަ އެތައް ގޯސްތަކަކާ އެކު، އިންޖިނިއަރިން މިންގަނޑަކުން ވިސްނިޔަސް، އެ "ޕްރޮޖެޓް ހިނގަނީ ވަރަށް ގޯސްކޮށް" ކަމަށް މުއިއްޒު ދެ ފަހަރަށް ވިދާޅުވި އެވެ.

"ސިޔާސީ ގޮތުން އަދި ގައުމީ ތަރައްގީގެ ގޮތުން ވިސްނިޔަސް، އެ ޕްރޮޖެކްޓް އެ ހިނގަނީ ރައްޔިތުންނަށް އެއްވެސް ފައިދާ ވާނެ ގޮތަކަށް ނޫން،" ފެބްރުއަރީ 2012 އިން ނޮވެމްބަރު 2018އަށް ހައުސިން މިނިސްޓަރުކަމުގައި ހުންނެވި މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު (ކ-2)، އޭރުގެ ރައީސް ޔާމީންއާ އެކު ސިނަމާލެ ބުރިޖުގެ މަސައްކަތް ކުރިއަށް ދިޔައިރު، މަޝްރޫއު ކުރިއަށްދާ ގޮތް ބައްލަވާލައްވަނީ. (ފައިލް ފޮޓޯ/ ރައީސް އޮފީސް)
މުއިއްޒު (ކ-2)، އޭރުގެ ރައީސް ޔާމީންއާ އެކު ސިނަމާލެ މަޝްރޫއު ކުރިއަށްދާ ގޮތް ބައްލަވާލައްވަނީ. (ފައިލް ފޮޓޯ/ ރައީސް އޮފީސް)

މުއިއްޒު ވިދާޅުވީ، ސަރުކާރުން ކުރިން ބުނެފައިވާ ގޮތުން މިދިޔަ މަސް ތެރޭ މާލެ އާއި ވިލިމާލެއާ ދެމެދު ގުޅާލައި ބޭނުން ކުރެވޭނެ ކަމަށެވެ. ނަމަވެސް، ޖުލައި މަސް ނިމި، އޮގަސްޓު މަސް ނިމެން ކައިރިވެފައި ވާއިރު، "އެންމެ ތަނބެއް ވެސް ނުނިމޭ" ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"މިއީ ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު ގެއްލުމެއް. ރައްޔިތުންގެ 600 [ނުވަތަ] 700 މިލިއަން ޑޮލަރަށް ވެވޭ އިހުމާލެއް. މިއީ، މި ސަރުކާރުގެ ތަރައްގީގެ ކަންކަން ހިނގަމުންދާ ގޮތަކީ،" އިންޑިއާގެ އެގްޒިމް ބޭންކުން ލޯނު ނަގައިގެން ކުރިއަށް ގެންދާ އެ މަޝްރޫއަށް ފާޑުވިދާޅުވަމުން މުއިއްޒު ވިދާޅުވި އެވެ.

"މިއީ ރައްޔިތުންނަށް އެއްގޮތަކަށް ވެސް، އެއްގޮތަކަށް ވެސް ހައްގުވެގެންވާ މިންވަރެއް ނޫން."

ރިޔާސީ އިންތިހާބުގައި ގޮތެއް ނިންމާއިރު މިފަދަ ކަންކަމާ މެދު "ވަރަށް ސީރިއަސްކޮށް ވިސްނުމަށް" ރައްޔިތުންގެ ކިބައިން މުއިއްޒު އެދިވަޑައިގެންނެވި އެވެ. އޭނާ މި ސަރުކާރު ސިފަކުރެއްވީ، "ނާގާބިލު ސަރުކާރެއް"ގެ ގޮތުގަ އެވެ.

"އަޅުގަނޑުމެން ގައުމުގެ މުސްތަގުބަލު ނިންމާނީ، އަޅުގަނޑުމެން އަމިއްލައަށް. ތަރައްގީގެ ގޮތުން ވިސްނިޔަސް، ގައުމު މި އޮތީ އޮޔާ ގޮސްފައި. އުމްރާނީ ތަރައްގީ އެކަންޏެއް ނޫން، އިގްތިސާދީ ތަރައްގީ ވެސް މި އޮތީ، މުޅިން އަދަނވަޅަކަށް ވެއްޓިފައި. އަޅުގަނޑުމެންގެ މިނިވަންކަން މި އޮތީ އޮޔާދާ ހިސާބުގައި،" 'ދިވެހިންގެ ރާާއްޖެ' ޝިއާރާއާ އެކު ކެމްޕެއިން ކުރައްވަމުން ގެންދަވާ މުއިއްޒު ވިދާޅުވި އެވެ.

"މި ހުރިހާ ކަމެއް މި ހުރީ މިހެން. އެހެންވީމަ، ގައުމީ ވިސްނުމެއްގައި ގޮތް ނިންމަވަން ޖެހޭ އަޅުގަނޑުމެން. އެ ނިންމުން ނިންމުމުގެ ދުވަސް 9 ސެޕްޓެމްބަރު މިއީ."

ތިލަމާލެ ބުރިޖާ ގުޅޭ އިތުރު ހަބަރުތައް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް