'މަހާރާޖާ' ނަމަކަށް ކިޔާ ޕްލެޓްފޯމު ބޭނުންކޮށްގެން ތަނބު ޖެހުމުގެ މަސައްކަތް ކުރަނީ. (ފޮޓޯ/ބްރިޖު އޮފީސް)

ވިލިމާލެ ބްރިޖު

ބްރިޖުގެ މާލެ-ވިލިމާލެ ބައިގެ ތިލަ ތަނުގައި ޖަހާ 24 ތަނބެއްގެ މަސައްކަތް ފަށައިފި

މި ތަނބުތައް ޖަހަނީ 'މަހާރާޖާ' ނަމަކަށް ކިޔާ ޕްލެޓްފޯމެއް ބޭނުންކޮށްގެން؛ އެފްކޮންސް އިން މިއަދު ވަނީ އެ ޕްލެޓްފޯމް މޫދަށް ބާލާފައި

ތިލަމާލެ ބުރިޖު މަޝްރޫއުގެ ދަށުން މާލެ އާއި ވިލިމާލެއާ ދެމެދު އޮންނަ ކަނޑުގެ ތިލަ ހިސާބުތަކުގައި ޖަހާ ތަނބުތައް ޖެހުމަށް ހާއްސަކޮށް ޕްލެޓްފޯމެއް ރާއްޖެ ގެނެސް، އެ ތަނބުތައް ޖެހުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

ވީ ކިހިނެއް؟ - ބްރިޖުގެ މަސައްކަތް ކުރާ އިންޑިއާގެ އެފްކޮންސް ކުންފުނިން ގެނައި، 'މަހާރާޖާ' ނަމަކަށް ކިޔާ މި ޕްލެޓްފޯމު މިއަދު ވަނީ މޫދަށް ބާލާފަ އެވެ. އެ ޕްލެޓްފޯމު ބޭނުންކޮށްގެން، މާލެ އާއި ވިލިމާލެއާ ދެމެދު އޮންނަ ތިލަ ސަރަހައްދުތަކުގައި ޖުމްލަ 24 ތަނބު ޖެހުމުގެ މަސައްކަތް ކުރާނެ އެވެ.

ތަފްސީލު - ބްރިޖު މަޝްރޫއު ވިލަރެސްކުރާ އޮފީހުން ބުނާ ގޮތުގައި:

  • ފްލޯޓިން ޕްލެޓްފޯމުގައި 650 ޓަނު ހުރޭ

  • 350 ޓަނާ ހަމައަށް އުފުލުމުގެ ގާބިލުކަން ލިބިފައިވޭ

މި ޕްލެޓްފޯމު ބޭނުންކޮށްގެން ތިލަ ސަރަހައްދުތަކުގައި ތަނބު ޖަހާއިރު، ފުން ހިސާބުތަކުގައި ޖަހާ ތަނބުތަކަށް ހާއްސަ ބޮޑު ޕްލެޓްފޯމެއް ވަރަށް އަވަހަށް ގެންނާނެ ކަމަށް ވެސް އެ ތަނުން ބުންޏެވެ.

މީގެ ކުރިން އެފްކޮންސް އިން ވަނީ 'މަހަރާނީ'ގެ ނަން ދިފައިވާ މިފަދަ ޕްލެޓްފޯމެއް ވެސް ބޭނުންކޮށްފަ އެވެ. އަދި 'ރުމެއިލާ' ކިޔާ ބޮޑު ޕްލެޓްފޯމެއް ވެސް ބޭނުންކޮށްފައިވެ އެވެ.

ތިލަމާލެ ބްރިޖުގެ މަސައްކަތުގައި މީގެ ކުރިން ބޭނުންކުރި 'ރުމެއިލާ' ޕްލެޓްފޯމް. (ދައުރު ފައިލް ފޮޓޯ/ އިބްރާހިމް އިފާޒް)

ގުޅުން ހުރި ކަމެއް - މާލެ އާއި ވިލިމާލެއާ ދެމެދު ކަނޑުގައި ޖަހާ ތަނބުތަކުގެ މަސައްކަތް ފެށިއިރު، އެއްގަމުގައި ޖަހާ ދާއިމީ ތަނބުތަކުގެ މަސައްކަތް މިހާރު ވެސް އަންނަނީ ކުރަމުންނެވެ. އެގޮތުން:

  • މާލޭ ކޮޅުން އެއްގަމުގައި ޖަހަން ޖެހޭ ހަތަރު ތަނބެއްގެ މަސައްކަތް ވަނީ ނިމިފައި 

  • މާލޭ ކޮޅުން ބްރިޖަށް އަރަން ދާ މަގުގެ ބައިގެ މަސައްކަތް ކުރިއަށް ދޭ

އެނގުން މުހިންމު - މާލެ-ވިލިމާލެ ބައިގެ މަސައްކަތް މި މަހުގެ ނިޔަލަށް ނިންމަން ކުރިން ތާވަލުކޮށްފައި އޮތް ނަމަވެސް، އެ މަސައްކަތް ލަސްވެފައިވާ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވެސް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. މިހާރު އަންދާޒާކުރާ ގޮތުން އެ ބައިގެ މަސައްކަތް ނިމޭނީ އަންނަ އަހަރުގެ ކުރީކޮޅުގަ އެވެ.

ބްރިޖުގެ މުހިންމު ތަފާސްހިސާބުތައް:

  • 500 މިލިއަން ޑޮލަރު (6.2 ބިލިއަން ރުފިޔާ)ގެ މަޝްރޫއެއް

  • 100 މިލިއަން ޑޮލަރު (1.55 ބިލިއަން ރުފިޔާ) އަކީ އިންޑިއާގެ ހިލޭ އެހީ

  • ބާކީ ބައި ހަމަޖައްސަނީ އިންޑިއާގެ އެގްޒިމް ބޭންކުން ދޭ ކްރެޑިޓް ލައިނަކުން

  • އެފްކޮންސްއާ މަޝްރޫއު ހަވާލުކުރީ 26 އޮގަސްޓް 2021ގައި

  • 88 އިންޖިނިއަރުން މިވަގުތު ހަރަކާތްތެރިވޭ

  •  މި އަހަރު ނިމޭއިރު 164 އިންޖިނިއަރުން ތިބޭނެ

  • ބްރިޖުގެ މަސައްކަތުގައި ތުރުކީ، ޖަރުމަން އަދި އޮސްޓްރޭލިޔާގެ މާހިރުން ވެސް ބައިވެރިވޭ

  • މި އަހަރު ނިމޭއިރު ބްރިޖްގެ މަސައްކަތުގައި 1،227 މުވައްޒަފުން އުޅޭނެ

  • މުޅި ބްރިޖުގެ ދިގުމިން: 3.6 ކިލޯމީޓަރު

  • 220،000 ކިއުބިކް މީޓަރުގެ ސަރަހައްދެއް ހިއްކައި ތޮށިލާނެ

  • ބްރިޖާ ގުޅިގެންދާ 3 ކިލޯމީޓަރުގެ މަގާއި ފާލަން ހަދާނެ

އިތުރު އާޓިކަލް

އިތުރު އާޓިކަލް