ގްރޭޓާ މާލޭ ބްރިޖް އެޅުމުގެ މަސައްކަތުގެ ދަށުން ކަނޑުގައި ތަނބެއް ޖެހުމަށް ކޮންކްރީޓް އަޅާނޭ ހޮޅި ޖެހުމުގެ މަސައްކަތް މިއަދު ކުރަނީ: ބްރިޖްގެ ފުރަތަމަ ބައިގައި 50 ތަނބު ޖަހަން ޖެހޭ (ދައުރު ފޮޓޯ/އަހުމަދު ނާއިފް)

ވިލިމާލެ ބްރިޖު

ބްރިޖް މަސައްކަތުގެ ބޮޑު މަންޒަރު: އެއްފަހަރާ 12 ތަނބު

ކަނޑައަޅާފައިވާ ތާރީހަށް ބްރިޖު ނިންމުމަށް ކޮންމެ ދުވަހަކުވެސް ބޮޑެތި މަސައްކަތްތަކުން ހިނގަމުންދާ ކަމަށް ސަރުކާރުން ބުނި
14 ފެބްރުއަރީ 2023
4

މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލުމަށް އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދާ، ގްރޭޓާ މާލޭ ކަނެކްޓިވިޓީ ބްރިޖްގެ މަސައްކަތަށް އެކި ކަންކަމުން ހިޔަނި އެޅިފައިވެ އެވެ. އިންޑިއާގެ އެގްޒިމް ބޭންކުން 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ ލޯނެއް ނަގައިގެން ކުރިއަށް ގެންދާ އެ މަޝްރޫއުގެ ސްޕީޑާއި ފެންވަރާ މެދު އާންމުންގެ މެދުގައި ޝައްކުތައް އެބަ އޮތެވެ. އެފްކޮންސްއަކީ ބްރިޖް އެޅޭނޭ ގާބިލް ކުންފުންޏެއްކަމާ މެދު ސުވާލު އުފައްދާ މީހުން އެބަ ތިއްބެވެ.

އެ ހުރިހާ ޝައްކުތަކާއި ސުވާލުތަކަށް ސަރުކާރުން މިއަދު ޖަވާބު ދިނީ ބްރިޖްގެ މަސައްކަތް ހިނގާ ސައިޓްތަކަށް ނޫސްވެރިން ފުރަތަމަ ފަހަރަށް ގެންގޮސް އެ ތަންތަން ދައްކާލައިގެންނެވެ. އެންމެ ފުރަތަމަ ވެސް ދައްކާލީ މާލޭ ކޮޅުން ބްރިޖް ފެށޭ ހިސާބުގައި ކުރިއަށް ދާ މަސައްކަތްތަކެވެ.

މާލޭގެ ހުޅަނގުދެކުނު ކޮޅުން އިންޑަސްޓްރިއަލް ވިލެޖްގައި ހުންނަ ވިލާ ޕެޓްރޯލް ޝެޑާ ކައިރީގައި ކުރަމުން އަންނަނީ މާލޭ ކޮޅުން ބްރިޖް ފެށޭ ހިސާބުގައި އެއްގަމުގައި ތަނބު ޖެހުމުގެ މަސައްކަތެވެ. ވަށައިގެން ޓިނު ޖަހައި ބަންދުކޮށްފައިވާ އެތަނުގެ ތެރޭގައި، ގާތްގަނޑަކަށް ބޮޑުމިނުގައި 1.5 މީޓަރު ހުންނަ ތަނބުތައް ޖެހުމުގެ ބޮޑެތި މަސައްކަތްތަކެއް އަންނަނީ ހިނގަމުންނެވެ.

ގްރޭޓާ މާލޭ ބްރިޖް އެޅުމުގެ މަސައްކަތުގެ ދަށުން މާލޭ ކޮޅުގައި ޖަހާފައިވާ ތަނބެއް: ބްރިޖްގެ 12 ތަނބެއްގެ މަސައްކަތް ބާރަށް ކުރިއަށް އެބަ ދޭ (ދައުރު ފޮޓޯ/އަހުމަދު ނާއިފް)
ގްރޭޓާ މާލޭ ބްރިޖް އެޅުމުގެ މަސައްކަތުގެ ދަށުން މާލޭ ކޮޅުގައި ޖަހާ ތަނބެއް ހެދުމުގެ މަސައްކަތް ކުރަނީ: ބްރިޖްގެ 12 ތަނބެއްގެ މަސައްކަތް ބާރަށް ކުރިއަށް އެބަ ދޭ (ދައުރު ފޮޓޯ/އަހުމަދު ނާއިފް)

އެ މަސައްކަތް ދައްކާލައްވަމުން އެ ޕްރޮޖެކްޓް މެނޭޖަރު މުހައްމަދު ޖިނާން ވިދާޅުވީ މާލޭ ކޮޅުން އެއްގަމުގައި ޖުމްލަ އަށް ތަނބެއް ޖަހާނޭ ކަމަށެވެ. އެ ތަނބުތަކުގެ ޕައިލިން ނުވަތަ ފައުންޑޭޝަން އެޅުމުގެ މަސައްކަތް މިހާރު އެކީ ނިމިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޕައިލިން މަސައްކަތްތަކަށް ފަހު، ކޮންކްރީޓް އަޅާ ނިމިފައިވާ ހަތަރު ތަނބެއް ނޫސްވެރިންނަށް ދައްކާލި އެވެ. 

"މާލޭ ކޮޅުން އެއްގަމުގައި ޖަހަން ޖެހޭ ތަނބުތަކުގެ ބޮޑު މަސައްކަތް އެހުރީ މިހާރު ގާތްގަނޑަކަށް ނިމިފައި. ޝެޑިއުލްއިން އަދި ކައްސާލައިގެނެއް ނުދޭ،" ޖިނާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި އެއްގަމުގައި ޖަހަން ޖެހޭ ތަނބުތަކުގެ މަސައްކަތާ އެކުއެކީހެން މޫދާއި ކަނޑުގައި ޖަހަން ޖެހޭ ތަނބުތަކުގެ މަސައްކަތް ވެސް ވަނީ މިހާރު ފަށައިފަ އެވެ. މާލެ ކައިރިން މޫދުގައި ފުރަތަމަ ތަނބު ޖެހުމުގެ މަސައްކަތް ކުރިއަށް ދާ ތަން ދައްކާލައްވަމުން އޭނާ ވިދާޅުވީ މޫދުގައި ތަނބު ޖަހާނީ ވަގުތީ ފާލަމެއް އަޅައިގެން އޭގެ އެހީގައި ކަމަށެވެ. 

މޫދުގައި ޖަހާ ދެ ތަނބަކަށް ކޮންކްރީޓް އެޅުމަށް މޫދަށް ޖަހަން ޖެހޭ ހޮޅި ނުވަތަ ލައިނާ ޖެހުމުގެ މަސައްކަތް މިހާރު ނިމި ދެން އޮތީ ކޮންކްރީޓް އެޅުން ކަމަށް ޖިނާން ވިދާޅުވި އެވެ. އަދި އަނެއް ތަނބުގެ ކޮންކްރީޓް މަސައްކަތް ފެށުމަށް ހޮޅިޖެހުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ތެރެއިން އެއް ތަނބަކީ ކަނޑުގެ ވަރަށް ފުނަށް ޖަހާ ތަނބެކެވެ. އެހެންކަމުން މިހާރު އެންމެ ބާރަށް ކުރިއަށް ދަނީ ސީދާ ކަނޑުގެ އަޑިއަށް ޖަހާ ފުރަތަމަ ތަނބުގެ މަސައްކަތެވެ. އެ މަސައްކަތް ކުރުމުގައި ބާޖްތަކާއި ކެރޭނު ފަދަ ތަކެތި މާލެ ވިލިމާލެއާ ދޭތެރޭ ހަރަކާތްތެރިވާތަން ފެނެ އެވެ.

ގްރޭޓާ މާލޭ ބްރިޖް އެޅުމުގެ މަސައްކަތުގެ ދަށުން ކަނޑުގައި ޖަހާ ތަނބެއް ޖެހުމަށް ކޮންކްރީޓް އަޅާނޭ ހޮޅި ޖެހުމުގެ މަސައްކަތް ކުރަނީ: ބްރިޖްގެ ފުރަތަމަ ބައިގައި 50 ތަނބު ޖަހަން ޖެހޭ (ދައުރު ފޮޓޯ/އަހުމަދު ނާއިފް)
ގްރޭޓާ މާލޭ ބްރިޖް އެޅުމުގެ މަސައްކަތުގެ ދަށުން ކަނޑުގައި ޖަހާ ތަނބެއް ޖެހުމަށް ކޮންކްރީޓް އަޅާނޭ ހޮޅި ޖެހުމުގެ މަސައްކަތް ކުރަނީ: ބްރިޖްގެ ފުރަތަމަ ބައިގައި 50 ތަނބު ޖަހަން ޖެހޭ (ދައުރު ފޮޓޯ/އަހުމަދު ނާއިފް)

"ޖުމްލަ އެބަ ދޭ 12 ތަނބެއްގެ މަސައްކަތް ނިންމުމުގެ މަސައްކަތް ބާރަށް ކުރިއަށް. ޕައިލިން މަސައްކަތަށް ފަހު މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށް ދާނެ،" ޖިނާން ވިދާޅުވި އެވެ.

"ދުރުން ބަލަން ހުންނަ މީހާއަށް މަސައްކަތެއް ކުރާތަން ނުފެނިދާނެ. އެކަމަކު ހަމަ ކޮންމެ ދުވަހަކުވެސް މި މަސައްކަތްތައް، ވަރަށް ބޮޑެތި މަސައްކަތްތައް މި ދަނީ ކުރިއަށް."

ގްރޭޓާ މާލޭ ކަނެކްޓިވިޓީ ބްރިޖްގައި އެންމެ ފުރަތަމަ ނިންމަން ކަނޑައަޅާފައިވާ ސެގްމަންޓް އޭގައި މާލެއިން ފެށިގެން ބްރިޖް ދަމާލާ ވިލިމާލެ އަދި ގުޅިފަޅާ ހަމައަށް އެކި ފުންމިނުގައި 50 ތަނބު ޖަހާނެ އެވެ. ޖިނާން ވިދާޅުވީ ވިލިމާލޭ ކޮޅުން ބްރިޖް ގުޅޭ ސަރަހައްދު ހިއްކުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ގްރޭޓާ މާލޭ ބްރިޖް ޕްރޮޖެކްޓްގެ މެނޭޖަރު ޖިނާން މިއަދު މީޑިއާތަކަށް ބްރިޖް ސައިޓްގައި މައުލޫމާތު ދެއްވަނީ (ދައުރު ފޮޓޯ/އަހުމަދު ނާއިފް)
ގްރޭޓާ މާލޭ ބްރިޖްގެ ކުރެހުންތަކެއް ނޫސްވެރިންނަށް މިއަދު ދައްކާލަނީ (ދައުރު ފޮޓޯ/އަހުމަދު ނާއިފް)

ތަނބުތަކުގެ މަސައްކަތްތައް ނިމެންވާއިރަށް، ގުޅިފަޅުގައި ހުރި އެފްކޮންސްގެ ސައިޓް މިހާރު ތައްޔާރުކޮށްފައި ވަނީ ބްރިޖްގެ ތަނބުތަކުގެ މަތީގައި އަތުރާލާ ވަރުގަދަ ކޮންކްރީޓް ޝީޓްތައް ތައްޔާރު ކުރުމަށެވެ. އެކަމަށް ބޭނުންވާ ބޮޑެތި ކެރޭންތަކާއި ތައްގަނޑުތައް މިހާރު ވަނީ ސައިޓްގައި އަތުރައިފަ އެވެ. ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި އެ މަސައްކަތް ފެށޭނޭ ކަމަށް އޭނާ ވިދާޅުވި އެވެ. ޝީޓްތައް ތައްޔާރުކުރުމަށް ފަހު އެ ތަކެތި ގެނެސް ތަނބުތައް މަތީ އަތުރާލާނީ އެވެ. އަދި މާލޭ ކޮޅުން އެއްގަމުގައި ހަދާ ތަނބުތަކުގައި ބަހައްޓަން ޖެހޭ ޝީޓްތައް ތައްޔާރު ކުރަނީ މާލޭ ސައިޓްގައި ކަމަށް ޖިނާން ވިދާޅުވި އެވެ.

  • ގްރޭޓާ މާލޭ ބްރިޖްގެ މަތީގައި އަތުރާ ޝީޓްތައް އެޅުމަށް ގުޅިފަޅު ތައްޔާރުކޮށްފައި: ތަނބުތައް ނިމެންވާއިރަށް އެ މަސައްކަތް ކުރަން ފަށާނޭ ކަމަށް އެފްކޮންސްއިން ބުނޭ (ދައުރު ފޮޓޯ/އަހުމަދު ނާއިފް)
  • ގްރޭޓާ މާލޭ ބްރިޖްގެ މަތީގައި އަތުރާ ޝީޓްތައް އެޅުމަށް ގުޅިފަޅު ތައްޔާރުކޮށްފައި (ދައުރު ފޮޓޯ/އަހުމަދު ނާއިފް)
  • ގްރޭޓާ މާލޭ ބްރިޖްގެ މަތީގައި އަތުރާ ޝީޓްތައް އެޅުމަށް ގުޅިފަޅު ތައްޔާރުކޮށްފައި (ދައުރު ފޮޓޯ/އަހުމަދު ނާއިފް)

އޭނާ ވިދާޅުވި ގޮތުގައި ފުރަތަމަ ސެގްމަންޓަށް ކުޑަ ދެ ޝީޓާއި ދިގު 10 ޝީޓް ތައްޔާރުކުރާނެ އެވެ. އެތަކެތީގެ ބޮޑުމިނުގައި 2.5-4 މީޓަރު ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޝެޑިއުލްއާ އެއްގޮތަށް މަސައްކަތް ދާތީ ވިލިމާލެ ގުޅާލައި ގުޅިފަޅުގެ ކޮޅާ ހަމައަށް ޑިސެމްބަރު 2023އަށް ނިންމާލެވޭނެ. އެ ޔަގީންކަން އަދި އެބައޮތް،" ޖިނާން ވިދާޅުވި އެވެ.

ކޮމެންޓް (4)

މުރާސިލް ޚާން

18 ފެބްރުއަރީ 2023
ހައްތަހާ އެއްގަމުގަ ތަނބުޖަހަނީ. ތިޔަ އެއްގަމުގަ ޖަހާ ތަނބުތައް ވެސް އަމީން ކޮންސްޓްރަކުޝަން ނޫނީ އެލިއާ އާ ހަވާލުކުރި ނަމަ މުޅިން ނިންމާލީސް . މާރީތިކޮށް މާ ފެންވަރު ރަނގަޅުކޮށް. ބަލަގަ ކަނޑުގަ ޖަހަން ދަސްކުރާ ކުލާހަށް ގޮސްގެން އަދި ވެސް ދަސްވާވަރު ނުވަނީތޯ
0 0

ޏަމްޏަމްބެ

14 ފެބްރުއަރީ 2023
1 އަހަރުން އެއްގަމަށް 4 ތަނބު ޖެހުން ތީ ލައްކަ ބޮޑުވަރު. ތިޔަ ކަމެއް ނުވާނެ އަދި 4-5 އަހަރުން ވެސް.. އ
3 2

ީިެދީބަލަ ތަބެއް

16 ފެބްރުއަރީ 2023
@ޏަމްޏަމްބެ @ޏަމްޏަމްބެ
0 0

ޙަސަނު

22 ފެބްރުއަރީ 2023
@ޏަމްޏަމްބެ ބަލަކަލޭމެނަށް ކޮންތަނބެއްތައެގޭނީ. ތީހަޑަސްބުރީގަ ދަގަނޑުން ވަޅެއްކޮންނަންވެސް އެގޭބައެއްނޫން
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް