ފަނޑިޔާރުންގެ އޯޑިއޯތަކާ ބެހޭގޮތުން ޕީޕީއެމް/ޕީއެންސީ އިން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވާހަކަދައްކަވާ އިރު އެހެން ބައެއް ބޭފުޅުން އަޑުއައްސަވަނީ. (ދައުރު ފޮޓޯ/އަނާމް އަޒްމީލް)

ޖޭއެސްސީގެ ނިންމުން ގަބޫލެއް ނުކުރަން، ސުޕްރީމް ކޯޓުން ބަލަން ޖެހޭ: އިދިކޮޅު

ތިން ފަނޑިޔާރުންގެ ތެރެއިން އެއް ފަނޑިޔާރެއްގެ އަޑު ސައްހަ ކަމަށް ޖޭއެސްސީން ބުނެފައިވާތީ އިދިކޮޅުން ބުނަނީ އެއީ ޔާމީންގެ މައްސަލައަށް ނުފޫޒު ފޯރުވި ކަމުގެ ހެއްކެއް ކަމަށް

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންތަކެއް ވާހަކަދައްކާ އަޑު ކަމަށް ބުނާ އޯޑިއޯތަކުގެ މައްސަލައިގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ނިންމުން ގަބޫލު ނުކުރާ ކަމަށާއި އެ މައްސަލަ ސުޕްރީމް ކޯޓުން ބަލަން ޖެހޭ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ބުނެފި އެވެ.

މައްސަލައިގެ ފެށުން - ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި އެ މަނިކުފާނު ފަސް އަހަރަށް ޖަލަށް ލާން ހުކުމް ކުރި ކްރިމިނަލް ކޯޓުގެ ބެންޗުގައި ތިއްބެވި ތިން ފަނޑިޔާރުން ވާހަކަދައްކަވާ ކަމަށް ބުނާ އޯޑިއޯތަކެއް މިދިޔަ އޯގަސްޓު މަހު ވަނީ ލީކުކޮށްލާފަ އެވެ.

އޯޑިއޯތަކުގައި ވާހަކަދައްކަވާ ކަމަށް ބުނާ ފަނޑިޔާރުންނަކީ:

  • ހުސައިން ފައިޒު ރަޝާދު

  • އަލީ އާދަމް

  • މުހައްމަދު ސަމީރު (މިހާރު ޑްރަގު ކޯޓުގެ ފަނޑިޔާރެއް)

ތިިން ފަނޑިޔާރުން ވެސް ވަނީ އެކަން ދޮގުކުރައްވައިފަ އެވެ. ނަމަވެސް އެ އޯޑިއޯތަކުގެ ސަބަބުން، އެ ފަނޑިޔާރުންގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދި، ޔާމީނަށް އިއްވި ހުކުމާ މެދު އިދިކޮޅުން ސުވާލު އުފެއްދި އެވެ.

ވީ ކިހިނެއް؟ - އޯޑިއޯތައް ލީކުކޮށްލިތާ ދެ މަހަށް ވުރެ ގިނަ ދުވަސް ފަހުން ޖޭއެސްސީން ރޭ ނެރުނު ބަޔާނެއްގައި ބުނީ، ތިން ފަނޑިޔާރުންގެ އޯޑިއޯގެ ފޮރެންސިކް ތަހުލީލު މިހާރު ނިމިފައިވާ ކަމަށެވެ. ޖޭއެސްސީން ބުނިގޮތުގައި:

  • އެ އޯޑިއޯތަކަކީ، ރެކޯޑިންގައިވާ ވަކި ބައެއް ޑިލީޓްކޮށް، ވަކިވަކި ކްލިޕްތަކަކުން ގުޅުވައިފައިވާ އޯޑިއޯތަކެއްކަން ވަނީ ހާމަވެފައި

  •  ނަމަވެސް ގާޒީ ފައިޒުގެ އަޑާ އޯޑިއޯގެ އަޑު ދިމާވާތީ، އެ މައްސަލަ ބަލަން ވަނީ ނިންމާފައި

  • ގާޒީ ފައިޒުގެ އޯޑިއޯގައި، ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވާ ކަމުގެ އެއްވެސް ވާހަކައެއް ދައްކަވައިފައެއް ނުވޭ

ޖޭއެސްސީގެ ނިންމުމާ ގުޅިގެން އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕުން މިއަދު އެ ކޯލިޝަންގެ އޮފީހުގައި ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި އެވެ.

ބުނީ ކީކޭ؟ - އިދިކޮޅު ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، "ކުއްލި ގޮތަކަށް" ރޭ ޖޭއެސްސީން ބަޔާނެއް ނެރުނީ އިއްޔެ އެ ކޯލިޝަނުން އެކަމާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް ވާހަކަ ދެއްކުމުން ކަމަށެވެ. އެ ބަޔާނަކީ އެކަމަށް ރައްދު ދިނުމުގެ ގޮތުން "ވަރަށް ތާކުންތާކު ނުޖެހޭ ގޮތަށް ކޮށްފައި އޮތް" ކަމެއްގެ ގޮތުގައި އަބްދުއްރަހީމް ސިފަ ކުރެއްވި އެވެ.

"އަޅުގަނޑުމެންނަށް އިއްޔެ ލިބުނު މައުމުލޫމާތަކީ ރޭގައި އެ ސާމްޕަލް ހިފައިގެން [ތަހުލީލު ކުރުމަށް] ބޭރަށް ފުރަން އުޅޭ ވާހަކަ. އެހެން އޮއްވާ ކިހިނެއްތޯ ކުއްލިއަކަށް ރޭގެ ވަގުތެއްގައި އަޑުތައް ކަށަވަރުކޮށްފައި، ބަޔާން ނެެެރެންވީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

"ޖޭއެސްސީގެ ބަޔާނަކީ އަޅުގަނޑުމެން ގަބޫލު ކުރާނެ ނިންމުމެއް ނޫން."

ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް މިއަދު ވާހަކަ ދައްކަވަނީ: އެ ބައްދަލުވުމުގައި ދެ ޕާޓީގެ އިސްވެރިން ބައިވެރިވި (ދައުރު ފޮޓޯ/އަނާމް އަޒްމީލް)

އެނގުން މުހިންމު - މީގެ ކުރިން އިދިކޮޅުން ވަނީ އޯޑިއޯތަކުގެ މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އާއި ފުލުހުންގެ އިސްވެރިންނާ ބަައްދަލުކޮށް، ބޭރުގެ އެހީީގައި އޯޑީއޯތައް ތަހުލީލު ކުރުމަށް އެދިފަ އެވެ. އެ މައްސަކަތް އެގޮތަށް ކުރާނެ ކަމުގެ ޔަގީންކަން ފުލުހުން ދީފައިވާ ކަމަށް އިދިކޮޅުން ވަނީ ބުނެފަ އެވެ.

މުހިންމު ވާހަކައެއް - ތިން ފަނޑިޔާރުންގެ އޯޑިއޯގެ ތެރެއިން އެއް ފަނޑިޔާރެއްގެ އޯޑިއޯކަން އެނގޭ ހިސާބުން މައްސަލަ ބާތިލުވީ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. ޔާމިންގެ ނަން ނުގެންނެވިޔަސް، ދައުލަތުން ކޯޓުތަކަށް ނުފޫޒު ފޯރުވާ ކަމަށް ފައިޒު އެ އޯޑިއޯގައި ވިދާޅުވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"އެ އެއް ފަނޑިޔާރުގެ އަޑަކީ ސައްހަ އަޑެއްކަން ޖޭއެސްސީގެ ބަޔާނުގައި ބުނޭ. އެހެންވީމަ ސުޕްރީމް ކޯޓުން އެބަ ޖެހޭ އިސްނަގައިގެން މީގެ ތެރެއަށް ވަދެވަޑައިގަންނަވަން. އެއީ، ރައީސް ޔާމީން ވެގެންނެއް ނޫން. ދިވެހި ރައްޔިތެއްގެ ވަރަށް ބޮޑު ހައްގެއް ގެއްލިގެން މި ދަނީ،" އަބްދުއް ރަހީމް ވިދާޅުވި އެވެ.

އޭނާ އިތުރަށް ދެއްކެވި ވާހަކައިގައި:

  • ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގުޅިގެން ކަމަށް ތުހުމަތު ކުރެއްވި

  • މައްސަލަ ބެލުމުގައި ރަނގަޅު އެއްވެސް ނިޔަތެއް ނެތް ކަމަށް ވިދާޅުވި

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް