ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފައިޒު ރަޝާދު (ކ) އަދި ޑްރަގް ކޯޓުގެ މިހާރުގެ ފަނޑިޔާރު މުހައްމަދު ސަމީރު

ފަނޑިޔާރުންނަށް ތުހުމަތުކޮށް ދައުރުކުރީ ސައްހަ އޯޑިއޯތަކެއް ނޫން: ޖޭއެސްސީ

ތިން ފަނޑިޔާރުންނާ ގުޅޭ އޯޑިއޯ ވެސް ވަނީ ޓެމްޕާކޮށްފައި؛ ނަމަވެސް ގާޒީ ފާއިޒު ރަޝާދުގެ އަޑާ އޯޑިއޯގައި އަޑާ ދިމާވާތީ، އެ މައްސަލަ ބަލަން ވަނީ ނިންމާފައި.
2 ނޮވެމްބަރު 2021

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ އޯޑިއޯ ރެކޯޑިންތަކެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުކުރި އޯޑިއޯތަކުގެ ފޮރެންސިކް އެނާލިސިސް އިން، އެއީ ޓެމްޕާކޮށް ރެކޯޑިންގައިވާ ވަކި ބައެއް ޑިލީޓްކޮށް، ވަކިވަކި ކްލިޕްތަކަކުން ގުޅުވައިފައިވާ އޯޑިއޯތަކެއްކަން ހާމަވެފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިރޭ ބުނެފި އެވެ.

ވީ ކިހިނެއް؟ - ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި އެ މަނިކުފާނު ފަސް އަހަރަށް ޖަލަށް ލާން ހުކުމް ކުރި ކްރިމިނަލް ކޯޓުގެ ބެންޗުގައި ތިއްބެވި ތިން ފަނޑިޔާރުން ވާހަކަ ދައްކަވާ ކަމަށް ބުނާ އޯޑިއޯތަކެއް ލީކުވެ އެ މައްސަލަ ހޫނުވި އެވެ. އެ އޯޑިއޯތަކުގައި ވާހަކަ ދައްކާ ފަރާތްތަކުން ބުނެފައި ވަނީ ޔާމީންގެ މައްޗަށް ހުކުމް އިއްވީ ސަރުކާރުން ނުފޫޒު ފޯރުވައިގެން ކަމަށެވެ.

އޯޑިއޯތަކުގައި ވާހަކަ ދައްކާ ކަމަށް ތުހުމަތުކުރަނީ:

  • ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފައިޒު ރަޝާދު

  • ފަނޑިޔާރު އަލީ އާދަމް

  • މުހައްމަދު ސަމީރު (ޑްރަގް ކޯޓުގެ މިހާރުގެ ފަނޑިޔާރު)

އެ އޯޑިއޯތަކުގެ ސަބަބުން، އެ ފަނޑިޔާރުންގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފައްދައި، ޔާމީނަށް އިއްވި ހުކުމާ މެދު ވެސް ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ. 

ޖޭއެސްސީގެ ބަސް - ޖޭއެސްސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެ އޯޑިއޯތަކުގެ ފޮރެންސިކް އެނާލިސިސްގެ ނަތީޖާ މިއަދު ފުލުހުން އެ މިކޮމިޝަނަށް ފޮނުވި ކަމަށެވެ. އަދި އޯޑިއޯ އެނާލިސިސްގެ ނަތީޖާއިން އެނގޭ ގޮތުގައި ބައެއް މީޑިއާތަކުން ތުހުމަތު ރައްދުކުރި ތިން ފަނޑިޔާރުންގެ ތެރެއިން، ގާޒީ އަލީ އާދަމް އާއި ގާޒީ މުހައްމަދު ސަމީރުގެ އަޑާއި އެ އޯޑިއޯތަކުގައި ވާހަކަދައްކާފައިވާ މީހާގެ އަޑު ދިމާނުވާކަން ކަށަވަރުވާ ކަމަށް ބުންޏެވެ.

އޭގެ އިތުރުން، އެ ދެ ގާޒީންގެ މައްޗަށް އުފައްދާފައިވަނީ ދޮގު ތުހުމަތުތަކެއް ކަމަށާއި ތުހުމަތުކުރެވޭ މައްސަލައެއް ނެތްކަމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

"ފޮރެންސިކް ތަހުލީލަށް ފޮނުވި ތިން އޯޑިއޯއަކީ ވެސް ޓެމްޕަކޮށް ރެކޯޑިންގައިވާ ވަކި ބައެއް ޑިލީޓްކޮށް ނުވަތަ ވަކި ވަކި ކްލިޕްތަކަކުން ގުޅުވައިފައިވާ އޯޑިއޯތަކެއްކަން ފޮރެންސިކް އެނާލިސިސް އިން އެނގެ އެވެ،" ބަޔާނުގައި ބުންޏެވެ.

ތަފްސީލް - ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފައިޒު ރަޝާދުގެ އޯޑިއޯ ކަމަށް ބުނާ އޯޑިއޯއަކީ ވެސް ޓެމްޕާކޮށްފައިވާ އޯޑިއޯއެއްކަން ހާމަވި ނަމަވެސް އެ އޯޑިއޯގައިވާ އަޑާއި އެ ބޭފުޅާގެ އަޑާ ދިމާވާކަމަށް އޯޑިއޯ އެނާލިސިސްގައި ވަނީ ކަނޑައަޅައިފަ އެވެ.

އެހެންކަމުން ފައިޒު އެ ބޭފުޅާގެ އަޑުކަމާ މެދު އިންކާރުކުރެއްވި ނަމަވެސް އެ މައްސަލަ ކޮމިޝަންގެ އިސްނެގުމަށް ތަހުގީގުކުރަން ނިންމައި ތަހުގީގު ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.

ގާޒީ ފައިޒުގެ އަޑާ ދިމާވާ އޯޑިއޯގައި ދައްކާފައިހުރި ވާހަކަތަކުގައި ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހިންގި ޝަރީއަތާ ގުޅިގެން އެއްވެސް ފަރާތަކުން އެއްވެސް ފަނޑިޔާރަކާ ބައްދަލުކޮށްފައިވާކަމަށް، ނުވަތަ ބައްދަލު ކުރަން އެދިފައިވާ ކަމަށް ނުވަތަ އެ ޝަރީއަތަށް ނުފޫޒު ފޯރުވުމަށް އެއްވެސް މަސައްކަތެއް ކޮށްފައިވާ ކަމަށް ބުނެފައި ނުވާ ކަމަށް ޖޭއެސްސީން ބުންޏެވެ.

ނަމަވެސް، އެ އޯޑިއޯގައި ކޯޓުގެ ޝަރީއަތަކާ ގުޅޭގޮތުން ކޯޓުން ބޭރުގައި ގިނަ ވާހަކަތަކެއް ދައްކާފައިވާ ކަމާއި، އެގޮތަށް ފަނޑިޔާރު އަމަލު ބެހެއްޓެވުމުގެ ސަބަބުން، ބަޔަކަށް އޭގެ ނާޖާއިޒް ފައިދާ ނެގުމުގެ ފުރުސަތު ފަހިވެ، އެހެން ފަނޑިޔާރުންގެ އިތުބާރު ރައްޔިތުންގެ ކުރިމަތީގައި ގެއްލޭގޮތަށް، އޯޑިއޯތަކެއް ހަދައިގެން ދައުރުކުރުމުގެ އަމަލުހިންގުމަށް މަގު ފަހިވެގެން ދިޔަކަމަށް ޖޭއެސްސީން ބުންޏެވެ.

"ކޯޓުގެ ފަނޑިޔާރުންގެ އޯޑިއޯތަކެއް ކަމަށް ބުނެ، ބަޔަކު ހަދައިގެން ފަނޑިޔާރުންގެ މައްޗަށް ތުހުމަތުކޮށް ދައުރުކުރި ސައްހަ ނޫން އޯޑިއޯތަކާއި އެ މައްޗަށް ބިނާކޮށް ފަނޑިޔާރުންގެ މައްޗަށް މަތިކުރި ދޮގު ތުހުމަތުތައް މި ކޮމިޝަނުން ކުށްވެރިކުރަމެވެ،" ޖޭއެސްސީގެ ބަޔާނުގައިވެ އެވެ.

ޖޭއެސްސީން ވަނީ ކޯޓުތަކާ ފަނޑިޔާރުންނާ ގުޅޭ ގޮތުން މީޑިއާތަކުން ހަބަރު ލިޔާއިރު، މީޑިއާއަށް ލިބޭ މައުލޫމާތު އާންމުކުރުމުގެ ކުރިން އެ މައުލޫމާތަކީ އިތުބާރު ކުރެވޭ މަސްދަރުން ލިބޭ މައުލޫމާތުކަން ޒިންމާދާރުކަމާ އެކު ކަށަވަރުކުރުމަށް އިލްތިމާސްކޮށްފަ އެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް