އޯޑިއޯތައް ދޮގުކޮށް، ތިން ފަނޑިޔާރުން އަޑުގެ ސާމްޕަލް ދީފި
ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ އޯޑިއޯ ރެކޯޑިން ތަކެއް ކަމަށް ބުނެ މީޑިއާގައި ދައުރުވި އޯޑިއޯތަކުގައި އަސްލެއް ނެތް ކަމަށް ވިދާޅުވެ، މައްސަލައިގެ ތަހުގީގަށް ތިން ފަނޑިޔާރުން ފުލުހުންނަށް އަޑުގެ ސާމްޕަލް ދެއްވައިފި އެވެ.
މައްސަލަގެ މުހިންމުކަން - ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި އެ މަނިކުފާނު ފަސް އަހަރަށް ޖަލަށް ލާން ހުކުމް ކުރި ކްރިމިނަލް ކޯޓުގެ ބެންޗުގައި ތިއްބެވި ތިން ފަނޑިޔާރުން ވާހަކަ ދައްކާ ކަމަށް ބެލެވޭ އޯޑިއޯތަކެއް ލީކުވެ އެ މައްސަލަ ހޫނުވި އެވެ. އެ އޯޑިއޯގައި ވާހަކަ ދައްކާ ފަރާތްތަކުން ބުނެފައި ވަނީ ރައީސް ޔާމީންގެ މައްޗަށް ހުކުމް އިއްވީ ސަރުކާރުން ނުފޫޒު ފޯރުވައިގެން ކަމަށެވެ.
އޯޑިއޯތަކުގައި ވާހަކަ ދައްކާ ކަމަށް ތުހުމަތު ވަނީ؛
-
ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފައިޒު ރަޝާދު
-
ފަނޑިޔާރު އަލީ އާދަމް
-
މުހައްމަދު ސަމީރު، ޑްރަގް ކޯޓުގެ މިހާރުގެ ފަނޑިޔާރު
އެ އޯޑިއޯތަކުގެ ސަބަބުން، އެ ފަނޑިޔާރުންގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދި، ޔާމީނަށް އިއްވި ހުކުމާ މެދު ވެސް ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.
ޖޭއެސްސީގެ ބަސް - އެ އޯޑިއޯތަކުގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަނުން މިހާރު އަންނަނީ ބަލަމުންނެވެ. ޖޭއެސްސީ އިން ނެރުނު ބަޔާނެއްގައި ބުނީ މީޑިއާގައި ދައުރުވަމުންދާ އޯޑިއޯތަކަކީ ސައްހަ އޯޑިއޯތަކެއް ނޫންކަމަށާއި އެފަދަ ވާހަކަތަކެއް ދައްކާފައި ނުވާނެކަމަށް ތިން ފަނޑިޔާރުން ވިދާޅުވެފައިވާ ކަމަށެވެ.
މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް ޔާމީންގެ މައްސަލަ ބެއްލެވި ބެންޗުގައި ދެން ހިމެނިވަޑައިގަންނެވި ދެ ފަނޑިޔާރުން ކަމުގައިވާ ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު އަހުމަދު ޝަކީލާ ސުވާލުކޮށް މައުލޫމާތު ސާފުކޮށްފައިވާ ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.
"އެ އޯޑިއޯތަކުގައިކޮށްފައިވާ ތުހުމަތުތައް މި ދެ ފަނޑިޔާރުންވެސް ދޮގުކުރެއްވި އެވެ." ބަޔާނުގައިވެ އެވެ.
މައްސަލައިގެ ތަހުގީގު އިތުރަށް ކުރިއަށް ގެންދިއުމަށްޓަކައި، މީޑީގައި ދައުރުވަމުންދާ އޯޑިއޯތަކުގެ އެނަލިސިސް ހެދުމަށް ފުލުހުންގެ އިދާރާގައި ކޮމިޝަނުގެ ފަރާތުން އެދިފައިވާނެ ކަމަށް ވެސް ބަޔާނުގައިވެ އެވެ. އަދި މިހާރު އެ ތިން ފަނޑިޔާރުންގެ ރުހުމާއެކު، ތަހުގީގަށް ބޭނުންވާ އޯޑިއޯ ސާމްޕަލް ފުލުހުންނަށް ވަނީ ދީފަ އެވެ.
ބާރުދޭ ވާހަކައެއް - އެ އޯޑިއޯތަކާ ގުޅިގެން ތަހުގީގު ކުރިއަށްދާއިރު، ރައީސް ޔާމީނަށް އިއްވި ހުކުމަކީ ބާތިލު އެއްޗެއްކަން ސާބިތުވާ ކަމަށާއި އެހެންކަމުން އެމަނިކުފާނު މިހާރުން މިހާރަށް މިނިވަންކުރަން ޖެހޭ ކަމަށް އިދިކޮޅުން އަންނަނީ ގޮވާލަމުންނެވެ.