އިސްކަންދަރު ކޮށީގައި ފުލުހުންގެ އިސްވެރިންނާާއެކު މިއަދު ބޭއްވި ބައްދަލުވުމަށްފަހު އިދިކޮޅުގެ ވަގުތީ ލީޑަރު އަބްދުއްރަހީމް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. (ދައުރު ފޮޓޯ)
ލީކުވި އޯޑިއޯތައް ތަހުލީލުކުރަން ބޭރުގެ އެހީ ހޯދާނެ ކަމުގެ ޔަގީންކަން ފުލުހުން ދިން: އިދިކޮޅު
ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންތަކެއް ދައްކަވާފައިވާ ކަމަށް ބުނާ ވާހަކަތަކެއްގެ އޯޑިއޯތައް ބޭރުގެ ތަޖުރިބާކާރުން ލައްވައި ތަހުލީލު ކުރާނެ ކަމުގެ ޔަގީންކަން ފުލުހުން ދިން ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ބުނެފި އެވެ.
މައްސަލައިގެ ފެށުން - ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި އެ މަނިކުފާނު 5 އަހަރަށް ޖަލަށް ލާން ހުކުމް ކުރި ކްރިމިނަލް ކޯޓުގެ ބެންޗުގައި ތިއްބެވި ތިން ފަނޑިޔާރުން ވާހަކަދައްކަވާ ކަމަށް ބުނާ އޯޑިއޯތަކެއް މިދިޔަ މަހު ވަނީ ލީކުކޮށްލާފަ އެވެ.
އޯޑިއޯތަކުގައި ވާހަކަދައްކާ ކަމަށް ބުނަނީ:
-
ހުސައިން ފައިޒު ރަޝާދު
-
އަލީ އާދަމް
-
މުހައްމަދު ސަމީރު (ޑްރަގު ކޯޓުގެ މިހާރުގެ ފަނޑިޔާރު)
އިދިކޮޅުން ފާހަގަކުރާ ކަންކަން:
-
އެ އޯޑިއޯތަކުގައި ވާހަކަ ދައްކާ ފަރާތްތަކުން ބުނެފައި ވަނީ، ޔާމީންގެ މައްޗަށް ހުކުމް އިއްވީ ސަރުކާރުން ނުފޫޒު ފޯރުވައިގެން ކަމަށް
-
އެ ފަނޑިޔާރުންގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދި، ޔާމީނަށް އިއްވި ހުކުމަކީ ނޫފޯޒު ފޯރުވައިގެން ކުރި ހުކުމެއް ކަމަށް އިދިކޮޅުން ބުނޭ
-
އޯޑިއޯތަކުގެ މައްސަލައިގައި އިދިކޮޅުން މިދިޔަ ހަފްތާގައި ވަނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމާވެސް ބައްދަލުކޮށްފައި
ވީ ކިހިނެއް؟ - މިއަދު އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕުން ވަނީ އޯޑިއޯތަކުގެ މައްސަލައިގައި އިސްކަންދަރު ކޮށީގައި ފުލުހުންގެ އިސްވެރިންނާ ބައްދަލުކޮށްފަ އެވެ. ގަޑިއެއްހާއިރަށް ދިގު ދެމިގެން ދިޔަ އެ ބައްދަލުވުމަށް ފަހު، އިސްކަންދަރު ކޮށީ ބޭރުގައި ހުންނަވައި، އިދިކޮޅު ކޯލިޝަންގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވަނީ ނޫސްވެރިންނާ ބައްދަލުކުރައްވާފަ އެވެ.
ބުނީ ކީކޭ؟ - ނޫސްވެރިންނާ ބައްދަލުކުރައްވައި އަބްދުއްރަހީމް ވިދާޅުވީ:
-
ފުލުހުންގެ އިސްވެރިންނާ ބައްދަލުކުރީ އޯޑިއޯތަކުގެ ތަހުގީގާ ގުޅޭ ގޮތުން މައުލޫމާތު ހޯދުމަށާއި އަމިއްލަ ފަރާތެއް މެދުވެރިކޮށް ތަހުލީލު ކުރާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަން
-
އޯޑިއޯތަކުގެ ތަހުގީގު ނުނިމެނީސް ސުޕްރީމް ކޯޓުގައި ހިނގަމުން އަންނަ ޔާމީންގެ އިސްތިއުނާފް ޝަރީއަތް ކުރިއަށްގެންދިއުމަކީ ކަންބޮޑުުވާ ކަމެއްކަން
-
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ރިޔާޒު ވެސް ބައިވެރިވެވަޑައިގަތް
-
ބޭރުގެ ފަރާތްތަކުގެ އެހީގައި އޯޑިއޯތައް ތަހުލީލުކުރަން އެދުނު
"އެ ބޭފުޅުން [ފުލުހުން] ވިދާޅުވި މިހާރު މާލޭގައި އަމިއްލަ ފަރާތެއްގެ އެހީގައި ކުރާ އެ ތަހުގީގު 3 ދުވަހާއި 5 ދުވަސް ތެރޭ ނިމޭނެ ކަމަށް،" އަބްދުއްރަހީމް ވިދާޅުވި އެވެ.
"ސީޕީ ހަމީދު ޔަގީންކަން ދެއްވި ބައިނަލްއަގުވާމީ ތަހުގީގުކުރުމުގެ ގާބިލުކަން ހުރި ފަރާތެއްގެ އެހީގައި ތަހުލީލުކޮށްދެއްވާނެކަން. އެ ކަށަވަރުކަން އަޅުގަނޑުމެންނަށް ދެއްވި."
އެ ބައްދަލުވުމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެ އެެވެ.
ގުޅުން ހުރި ކަމެއް - ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ވެސް އަންނަނީ އޯޑިއޯތަކުގެ މައްސަލަ ބަލަމުންނެވެ. އަދި ތުހުމަތުތަކަށް އިންކާރުކޮށް، މައްސަލައިގެ ތަހުގީގަށް ފަނޑިޔާރުން ވަނީ އަޑުގެ ސާމްޕަލް ވެސް ދެއްވާފަ އެވެ. ޖޭއެސްސީން މިހާރު ވަނީ އެ ސާމްޕަލްތައް ފުލުހަށް ހުށަހަޅާފަ އެވެ.