އިދިކޮޅު ލީޑަޝިޕުން މިއަދު ޕީޖީ ޝަމީމާއެކު ބައްދަލުކުރަނީ: އޯޑިއޯތަކުގެ ފޮރެންސިކް ތަހުގީގެއް ހިންގުމަށް ވަނީ އެދިފައި. (ފޮޓޯ/ޕީޕީއެމް)
ފަނޑިޔާރުންގެ އޯޑިއޯތަކެއް ކަމަށް ބުނާ އޯޑިއޯތައް ބޭރުގެ އެހީިގައި ތަހުލީލުކޮށްދޭން އިދިކޮޅުން އެދިއްޖެ
ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންތަކެއް ދައްކަވާފައިވާ ވާހަކަތެއްގެ އޯޑިއޯތަކެއް ކަމަށް ބުނެ ދައުރުވި އޯޑިއޯތަކުގެ މައްސަލައިގައި، ބޭރުގެ ތަޖުރިބާކާރުން ލައްވައި އެ އޯޑިއޯތަކުގެ ތަހުލީލެއް ކުރުމަށް އިދިކޮޅު ކޯލިޝަނުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމްގެ އަރިހުގައި އެދެފި އެވެ.
މުހިންމުވަނީ ކީއްވެ؟ - ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި އެ މަނިކުފާނު 5 އަހަރަށް ޖަލަށް ލާން ހުކުމް ކުރި ކްރިމިނަލް ކޯޓުގެ ބެންޗުގައި ތިއްބެވި ތިން ފަނޑިޔާރުން ވާހަކަދައްކާ ކަމަށް ބުނާ އޯޑިއޯތަކެއް މިދިޔަ މަހު ވަނީ ލީކުކޮށްލާފަ އެވެ.
އޯޑިއޯތަކުގައި ވާހަކަދައްކާ ކަމަށް ބުނަނީ:
-
ހުސައިން ފައިޒު ރަޝާދު
-
އަލީ އާދަމް
-
މުހައްމަދު ސަމީރު (ޑްރަގް ކޯޓުގެ މިހާރުގެ ފަނޑިޔާރު)
ވީ ކިހިނެއް؟ - އެ އޯޑިއޯތަކުގައި ވާހަކަ ދައްކާ ފަރާތްތަކުން ބުނެފައި ވަނީ، ޔާމީންގެ މައްޗަށް ހުކުމް އިއްވީ ސަރުކާރުން ނުފޫޒު ފޯރުވައިގެން ކަމަށެވެ. އޭގެ ސަބަބުން، އެ ފަނޑިޔާރުންގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދި، ޔާމީނަށް އިއްވި ހުކުމަކީ ނޫފޯޒު ފޯރުވައިގެން ކުރި ހުކުމެއް ކަމަށް އިދިކޮޅުން ބުނާ ބުނުމަށް ބާރުދޭ ކަމަށެވެ.
މިއަދު އިދިކޮޅު ޕީޕީއެމް/ޕީއެންސީން ވަނީ އޯޑިއޯތަކުގެ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް، އެ ބޭފުޅުން ބޭނުންވާ ގޮތް ހާމަކުރުމަށް ޕީޖީ ޝަމީމްއާ ބައްދަލުކޮށްފަ އެވެ.
ބުނީ ކީކޭ؟ - އެ ބައްދަލުވުމުވަށްފަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ:
-
އެއީ ސައްހަ އޯޑިއޯތަކެއްކަން އިދިކޮޅަށް ގަބޫލު ކުރެވޭ ކަމަށް
-
އެކަމަކު، އެކަން އިތުރަށް ކަށަވަރުކުުރަން އިތުބާރު ކުރެވޭ ސައްހަ ތަހުގީގެއް ހިންގައިދޭން އެދޭ ކަމަށް
-
އޯޑިއޯތަކުގެ ފޮރެންސިކް ތަހުލީލެއް ކުރުމަށް ޕީޖީގެ އަރިިހުގައި އެދުނު ކަމަށް
"ބައިނަލްގުވާމީ ދުނިޔޭން މިކަމަށް ގާބިލު، އިތުބާރު ކުރެވޭ ބަޔަކު ހޯދައިގެން އެ ބަޔަކު ލައްވާ މިކަން ކުރުމޭ އަޅުގަނޑުމެން އެދޭ ގޮތަކީ. ޕީޖީ ވިދާޅުވި އޯޑިއޯތަކުގެ މައްސަލަ ގާތުން ބަލާނެ ކަމަށް އަދި އެކަން ކުރިއަށް ދާ ގޮތުގެ މައުލޫމާތު ހިއްސާ ކުރާނެ ކަމަށް،" އިދިކޮޅު ކޯލިޝަން ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް ވިދާޅުވި އެވެ.
ގުޅުން ހުރި ކަމެއް - ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ވަނީ އޯޑިއޯތަކުގެ މައްސަލަ ބަލަމުންދާ ކަމަށް ބުނެފަ އެވެ. އަދި އެ ތުހުމަތުތަކަށް އިންކާރުކޮށް، މައްސަލައިގެ ތަހުގީގަށް އެ ފަނޑިޔާރުން ވަނީ އަޑުގެ ސާމްޕަލްވެސް ދެއްވާފަ އެވެ. ޖޭއެސްސީން މިހާރު ވަނީ އެ ސާމްޕަލްތައް ފުލުހަށް ހުށަހަޅާފަ އެވެ.
ޖޭއެސްސީގެ ތަހުގީގަށް އިދިކޮޅުގެ އިތުބާރެއް ނެތް
އަބްދުއްރަހީމް ތުހުމަތު ކުރެއްވި ގޮތުގައި، ޖޭއެސްސީން މަސައްކަތް ކުރަނީ އޯޑިއޯތައް ތަހުލީލު ކުރުމަށް އަމިއްލަ ފަރާތަކާ ހަވާލުކުމަށެވެ. އަދި އެއީ "ކޮން ބައެއް ކަމެއް ވެސް ނޭނގޭ ކަމަށާއި އެ މީހުންގެ ހުރި ގާބިލު ކަމެއްވެސް ނޭނގޭ" ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
"މިހާތަނަށް އައި އިރު، އެ އޯޑިއޯތަކުގެ ތަހުގީގެއް ކުރާ ކަމެއްވެސް އަޅުގަނޑުމެންނަކަށް ނޭނގެ،" އޭނާ ވިދާޅުވި އެވެ.
"ޕީޖީވެސް ވިދާޅުވި އަމިއްލަ ފަރާތަކާ [އޯޑިއޯތައް ތަހުލީލު ކުރަން] ހަވާލުކުރިކަން އެނގިވަޑައިގަންނަވާ ކަމަށް. އެކަމަކު އެއީ ކޮން ފަރާތެއްކަން އެނގިވަޑައި ނުގަންވާ ކަމަށް ޕީޖީ ވިދާޅުވި."
ޕީޖީގެ ބަސް - އަބްދުއްރަހީމްގެ ވާހަކަތަކާ ގުޅިގެން ޕީޖީ ޝަމީމް 'ދައުރު'އަށް ވިދާޅުވީ، އަމިއްލަ ފަރާތަކަށް އޯޑިއޯތައް ތަހުލީލުކުރަން ދިންކަން އެނގިވަޑައިގަންވާ ކަމަށް އޭނާ ބުނެފައި ނުވާނެ ކަމަށެވެ. ނަމަވެސް، އާންމު އުސޫލުން އޯޑިއޯތައް ތަހުލީލުކުރަން ފުލުހުން، އަމިއްލަ ފަރާތްތަކާ ހަވާލު ކުރުމަކީ ކުރިންވެސް ކުރަމުން އަންނަ ކަމެއްކަން އެބޭފުޅުންގެ އަރިހުގައި ދެންނެވިންކަމަށް ޝަމީމް ވިދާޅުވި އެވެ.
"އެ މައްސަލަ ގާތުން ބަލާނެ ކަމުގެ ޔަގީންކަން އެ ބޭފުޅުންނަށް ދިނިން،" ޝަމީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް އިތުރަށް ވިދާޅުވީ:
-
ޝަމީމަށް ވެސް އިތުބާރު ނުކުރާ ކަމަށާއި އެކަމަކު ބައްދަލު ކުރީ ޕީޖީގެ މަގާމުގައި ޝަމީމް ހުންނެވީތީ ކަމަށް
-
ވަރަށް ފަސޭހައިން ޕީޖީ ބައްދަލު ކުރެއްވި ކަމަށް
-
ދައުލަތުގެ ކަމާ ބެހޭ އެހެން މުއައްސަސާތަކުގެ ވެރިންނާ ވެސް ބައްދަލު ކުރަން ހުށަހެޅިޔަސް އަދި ޖަވާބު ނުލިބޭ ކަމަށް؛ އޭގެ ތެރޭގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވެސް ހިމެނޭ
-
ސުޕްރީމް ކޯޓުގައި ޔާމީންގެ އިސްތިއުނާފު މައްސަލަ މިހާރު ހިނގަމުން އަންނައިރު ވީހާ ވެސް އަވަހަކަށް އޯޑިއޯގެ ސައްހަކަން ކަށަވަރު ކުރަންޖެހޭ ކަމަށް