ސްކޮޓްލަންޑުގެ ގްލާސްގޯގައި ކުރިއަށްދާ ކޮޕް26 ސަމިޓުގައި ރައީސް ސޯލިހް މިރޭ ތަގުރީރުކުރައްވަނީ. (ފޮޓޯ/ރައީސް އޮފީސް)
ހާލަތު ބަދަލު ނުވާ ނަމަ ދިވެހިންނަށް އޮތީ މަރުގެ ހުކުމެއް؛ އިޖާބަދޭނީ ކިހާ ވަރެއްވީމާތޯ: ރައީސް
ދިވެހިން މިހާރު ވެސް އުޅެމުން އަންނަނީ ރާއްޖެ ނެތިދިއުމުގެ ތުންފަތްމަތީގައި ކަމަށް ވިދާޅުވެ، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރަން ގޮވާލާ އަޑުތަކަށް އިޖާބަދެއްވާނީ ކިހާ ވަރެއް ވީމާތޯ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ދުނިޔޭގެ ލީޑަރުންނާ ސުވާލުކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ އދގެ ކޮންފަރެންސް ނުވަތަ ކޮޕް26 ސްކޮޓްލަންޑުގެ ގްލާސްގޯގައި މިއަދު ފެށި އިރު، ރައީސް ސޯލިހް ވަނީ މިރޭ ތަގުރީރުކުރައްވާފަ އެވެ. އެ ތަގުރީރުގައި އެ މަނިކުފާނު ވަނީ، ދުނިޔެ ހޫނުވުމާ ގުޅޭ ގޮތުން ސައެންސް ހެކިދޭ ކަންކަމުގެ އަސަރު ރާއްޖެއަށް ކުރަމުންދާ މިންވަރު ސިފަކޮށްދެއްވާފަ އެވެ.
އާދޭސްކޮށްފައި ބުނަން، މި ފުރުސަތު ނަގާނުލައްވާ.
ބުނީ ކީކޭ؟ - ރައީސް ވިދާޅުވީ މިރޭ ވެސް ދައްކަންޖެހިފައިވަނީ މީގެ ކުރިން ވެސް އެތައް ފަހަރަކު، އެކި ތަންތަނުގައި އެ މަނިކުފާނު ދައްކަވާފައިވާ ވާހަކަތަކެއް ކަމަށެވެ. ނަމަވެސް، އެ ވާހަކަތައް ތަކުރާރުކޮށް ދައްކަވަން ޖެހިވަޑައިގަންނަވަނީ، ރައީސް ވިދާޅުވި ގޮތުގައި، އިތުރު ގޮތެއް ނެތިގެންނެވެ.
"މި ހާލަތުގެ ނުރައްކާތެރިކަން ބޮޑުކަމުން. އަޅުގަނޑުމެން ދިރިތިބުން ނުރައްކަލަށް ހުށަހެޅިފައިވާތީ،" އެ މަނިކުފާނު ވިދާޅުވި އެވެ.
"ތިޔަ ބޭފުޅުން މި ވާހަކައަށް އިޖާބަދެއްވާނީ ކިހާ ވަރެއްވީމާތޯ؟"
ހާލަތު ބަދަލު ނުވާ ނަމަ މި ގަރުނު ނިމޭއިރު ރާއްޖެ ނޯންނާނެ
ރައީސް ވިދާޅުވީ، މޫސުމީ ކާރިސާގެ ސަބަބުން ދުނިޔޭގެ ޗާޓުން ފުހެވުމުގެ ބިރު އޮތް ގައުމެއްގެ މިސާލެއްގެ ގޮތުގައި ރާއްޖޭގެ ވާހަކަ އަބަދު ވެސް ދެކެވޭ ކަމަށެވެ. ނަމަވެސް، އެއީ މިހާރު ވެސް ދިވެހިން އުޅެމުންދާ ހަގީގަތްކަން ފާހަގަކުރައްވައި ރައީސް ވަނީ އެ މަނިކުފާނު މިފަހުން ރާއްޖޭގެ އެކި ރަށްރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ފެނިވަޑައިގެންނެވި މިސާލެއް ނަންގަވާފަ އެވެ.
"އަޅުގަނޑު ދިޔަ ހަ ރަށުގެ ތެރެއިން އެންމެ ރަށެއް ފިޔަވައި ހުރިހާ ރަށެއްގައި ވެސް ރަށްގިރުމުގެ މައްސަލަ ވަރަށް ބޮޑު،" ރަށަކަށް ފަހު ރަށެއް ގިރަމުންގޮސް ނެތިގެންދިއުމުގެ ބިރު އޮތްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ދުނިޔޭގެ ހޫނުމިން 1.5 އިން 2 ޑިގްރީއަށް އަރައިފި ނަމަ، އެއީ ރާއްޖެއަށް "މަރުގެ ހުކުމެއް" ކަމަށެވެ. އެ ގޮތަށް ވެއްޖެ ނަމަ، އެއީ ދުނިޔޭގެ އެހެން ގައުމުތަކުން ވެސް ކޮންމެވެސް ދުވަހަކުން ކުރިމަތިލާން ޖެހޭނެ ހާލަތުގެ މިސާލަކަށް ވާނެ ކަމުގެ އިންޒާރު އެ މަނިކުފާނު ދެއްވި އެވެ.
"އެހެން ނުވާނެކަން ކަށަވަރުކުރަން އަޅުގަނޑުމެންގެ ރައްޔިތުންގެ ތިބީ އަޒުމު ކަނޑައަޅައިގެން،" ރައީސް ވިދާޅުވި އެވެ.
މިއީ ފަހު ފުރުސަތަށް ވެދާނެ
ރާއްޖެ އަކީ، މޫސުމަށް އަންނަ ބަދަލުތައް ކޮންޓްރޯލްކޮށް، ދުނިޔެ ހޫނުވުން ދަށްކުރުމަށް ދުނިޔޭގެ ފެންވަރުގައި ކުރާ މަސައްކަތުގެ ބައިވެރިއެއް ކަމުގެ ޔަގީން ވެސް މިރޭ ރައީސް ދެއްވި އެވެ. ރާއްޖޭން މަސައްކަތް ކުރާނީ މިސާލު ދަައްކައިގެންކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވީ މޫސުމީ ކާރިސާއަށް ތައްޔާރުވެފައިވާ މުސްތަގުބަލެއް ބިނާކުރަން ރާއްޖޭން މަސައްކަތްކުރާނެ ކަމަށެވެ.
"ވަކިވަކި ގައުމުތަކަށް އެކަނި މޫސުމީ ކާރިސާ ހައްލެއް ނުކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ވެސް ދުނިޔޭގެ ލީޑަރުން އިނގިރޭސިވިލާތަށް ވަޑައިގެންނެވީ އެއް އަމާޒަކަށް ވާސިލުވުމަށެވެ. އަދި ކޮޕް26 އަކީ މިކަން ހައްލުކުރަން ލިބޭ އެންމެ ފަހު ފުރުސަތަށް ވުން އެކަށީގެންވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އާދޭސްކޮށްފައި ބުނަން، މި ފުރުސަތު ނަގާނުލައްވާ،" ރައީސް ވިދާޅުވި އެވެ.
ކޮޕް26 އާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އިތުރަށް ކިޔާލަން
-
އެންވަޔަރްމެންޓް މިނިސްޓަރު އާމިނަތު ޝައުނާގެ އިންޓަވިއު: ރާއްޖޭގެ ކޮޕް26 އަމާޒަކީ އެއްބަސްވުމަކަށް ބާރުއެޅުމާއި ހިލޭ އެހީ
ކޮމެންޓް (2)
އަހްމަދު އަބޫބަކުރު
ހުކުމް