ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުމެއްގެ ތެރެއިން އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް: އޭނާގެ ވިޔަފާރި ކުންފުންޏަށް ދިން ފަޅުގެ މައްސަލަ އޭސީސީން އަދިވެސް ދަނީ ބަލަމުން. (ފޮޓޯ/ޖޭޕީ)

ގާސިމްގެ ފަޅުގެ މައްސަލަ އޭސީސީން އަދިވެސް ތަހުގީގުކުރޭ

އެ ފަޅު ވިއްކުން ހުއްޓުވުމަށް އެންގި އެންގުން އޭސީސީން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ބާތިލުކޮށްފައި

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ވިޔަފާރި ކުންފުނި، ވިލާއަށް ދީފައި އޮތް ކ. ވާވެއްދި ފަޅު ވިއްކުން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ހުއްޓުވުމަށް ފަހު، އެ އެންގުން އެ ކޮމިޝަނުން މިދިޔަ ހަފްތާގައި ބާތިލުކޮށްފައި ވިޔަސް، އަދިވެސް އެ މައްސަލަ ތަހުގީގުކުރަމުންދާކަން 'ދައުރު'އަށް އެނގިއްޖެ އެވެ.

ވީ ކިހިނެއް؟ - ގާސިމް ރިޔާސީ ކެމްޕޭނަށް ފައިސާ ހޯއްދަވަން ވިއްކާލަން އުޅުއްވި ކަމަށް ބުނާ އެ ފަޅުގެ މުއާމަލާތް އޭސީސީން ހުއްޓުވީ މިދިޔަ މަހުގެ 5ގަ އެވެ. އެ ފަޅު ވިއްކުން އެ ކޮމިޝަނުން ހުއްޓުވީ، އަމިއްލަ ފަރާތަކުން އެ ކޮމިޝަނަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. އެގޮތުން:

  • އެއީ ގާސިމް ރިޔާސީ ރޭހަށް ނުކުންނެވުމުން "ޖެއްސުން" ކުރުމުގެ ނިޔާތުގައި ސަރުކާރުން ނުފޫޒު ފޯރުވައިގެން ކުރި ކަމެއް ކަމަށް ޖޭޕީން ތުހުމަތުކޮށްފައިވޭ؛ މިކަމާ ގުޅިގެން ގާސިމް ވެސް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފާޑުވިދާޅުވެފައި

  • ފަޅު ވިއްކުން ހުއްޓުވިތާ މަހެއްހާ ދުވަސް ފަހުން، އޭސިސީން ކުއްލި ބައްދަލުވުމެއް ބާވައި އެ އެންގުން ބާތިލު ކުރީ މިިދިޔަ ބުރާސްފަތި ދުވަހު

  • އެ ގޮތަށް ނިންމީ، އޭސީސީން ބުނެފައިވާ ގޮތުގައި، މި ވަގުތަށް އެ އެނގުން ދަމަހައްޓަން ޖެހޭ ސަބަބެއް ނެތުމުން

ތަފްސީލު - ފަޅު ވިއްކުން ހުއްޓުވި ހުއްޓުވުން ބާތިލުކުރުމާ އެކު، މުޅި އެ މައްސަލަ ބެލުން ހުއްޓާލީތޯ އެހުމުން އޭސީސީން ވަކި ޖަވާބެއް ނުދެ އެވެ. ނަމަވެސް، އިތުބާރު ހުރި މަސްދަރަކުން 'ދައުރު'އަށް ކަށަވަރު ވެފައިވާ ގޮތުގައި، އެ އެންގުން ބާތިލު ކުރި ނަމަވެސް، މުޅި މައްސަލައިގައި އަދި ގޮތެއް ނުނިންމަ އެވެ.

އެ މައްސަލައިގެ ތަހުގީގު އަދިވެސް އޭސީސީން ކުރިއަށްގެންދާ ކަމަށްވެ އެވެ.

ގުޅުން ހުރި ކަމެއް - އެ ފަޅު ވިއްކުން ހުއްޓުވުމުން ގާސިމް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ރައީސް ސޯލިހް "ގެއަށް ކަނޑާލަން ޖެހޭ" ކަމަށް ވިދާޅުވެފަ އެވެ. 

"ވިދާޅުވެ ބައްލަވާ. ކާކަށްތޯ ހުއްޓުވޭނީ؟ ރައީސުލްޖުމްހޫރިއްޔާއަށް ވެސް، ސުޕްރީމް ކޯޓުން ނިންމީމާ ދެން ރައްޔިތުންގެ މަޖިލީހަށް ވެސް ނޯންނާނެ އޭގެ ބާރެއް. ގާނޫނުއަސާސީގައި އޮތް ގޮތް އެއީ،" ދެ ވަނަ ދައުރަކަށް ވެސް ކޯލިޝަން ހެދުމަށް ރައީސް ދެއްވި ދައުވަތު ގަބޫލުނުކުރައްވައި ރިޔާސީ ރޭހަށް ނުކުމެވަޑައިގެން ހުންނެވި ގާސިމް މިދިޔަ މަހުގެ ފަހުކޮޅު ވިދާޅުވެފައިވެ އެވެ.

"އެހެންވެ، މި ވަރުގެ ޖަރީމާ ހިންގީމާ ކަމަކު ނުދޭ. އިޓް އިޒް ޓޫ މަޗު. އިޓް އިޒް މޯ ދެން އިނަފް. ޔޫ ހޭވް ޓު ގޯ ބެކް. މިހާރު ދާންވީ، ކަނޑާލަންވީ ގެއަށް. ވަރަށް ސާފުކޮށް މި ބުނީ މިހާރު ކަނޑާލަންވީ ގެއަށް،" ޖޭޕީގެ ކައުންސިލް ބައްދަލުވުމެއްގައި ގާސިމް ވިދާޅުވެފައިވެ އެވެ.

އެ މައްސަލައިގައި ގާސިމް ރައީސަށް ހޫނު ބަހުގެ ހަމަލާތަކެއް ދެއްވިއިރު، ރައީސް ވެސް ވަނީ ގާސިމަށް ރައްދު ދެއްވައި ވާހަކަފުޅު ދައްކަވާފަ އެވެ.

ފަސްމަންޒަރު -  ޓޫރިޒަމްއާ ގުޅުން ހުރި ވިޔަފާރިތަކަށް ކުރިން ވިލާއަށް ދީފައި ހުރި ބައެއް ރަށްރަށާއި ބިންތަކުގެ ބަދަލުގައި ޔާމީންގެ ވެރިކަމުގައި އެކި ފަޅުތައް ދިނެވެ. ނަމަވެސް، އެ ފަޅުތައް 2015ގައި އެ ސަރުކާރުން އަތުލި އެވެ. ފަހުން އެ މައްސަލަ ކޯޓަށް ހުށަހަޅައި ސުޕްރީމު ކޯޓުން ނިންމީ ވިލާއާ އެއްކޮޅަށެވެ.

ސުޕްރީމް ކޯޓުގެ ހުކުމަކާ ވިދިގެން ވިލާ ކުންފުންޏަށް މިދިޔަ ޖެނުއަރީ މަހު ހަވާލުކުރި ފަޅުތަކުގެ ތެރޭގައި ހިމެނޭ ވާވެއްދި ފަޅު ވިއްކުން ހުއްޓުވީ، އެ ތަން ބަޔަކަށް ވިއްކާލުމަށް ނިންމައި އެ ފަޅުގެ ވެރިފަރާތް ބަދަލުކުރަން ޓޫރިޒަމަށް ހުށަހެޅުމުން، އެކަން އާންމު އުސޫލުން މިނިސްޓްރީން އާންމުކޮށް އިއުލާން ކުރުމުންނެވެ.

ކޮމެންޓް (1)

ވިކަލަރ

19 ޖުލައި 2023
ގާސިމު ނިކުންނަ ގޮތަށް ބަދަލުވި އިންވެސްޓިގެޓް. ނުނިކުންނަންޏާ ނެގީ. މިވެރިކަން ނިންމާނެ ދިވެހިން. 10 އަހަރު ގާބިލް ނޫން މީހަކަށް ދީގެން ގައުމު އެހެން ގައުމެއްގެ އުނގުގަ މިއޮތީ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް