މީގެ ކުރިން ބޭއްވި ސަރުކާރުގެ ހަފްލާއެއްގެ ތެރެއިން ގާސިމް އާއި ރައީސް ސޯލިހް (ފޮޓޯ/ ރައީސް އޮފީސް)

ވާވެއްދި ފަޅުގެ މައްސަލާގައި ގާސިމަށް ރައީސް ރައްދު ދެއްވައިފި

ވިލާ ކުންފުންޏަށް ދީފައި އޮތް ކ. ވާވެއްދި ފަޅު ވިއްކުން ހުއްޓުވާފައި އޮތް މައްސަލާގައި ސަރުކާރާ މެދު ނުރުހުން ފާޅުކޮށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އިއްޔެ ދެއްކެވި ވާހަކަތަކަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ރައްދު ދެއްވައިފި އެވެ. ގާސިމަށް ރައްދުދެއްވަމުން ރައީސް ވިދާޅުވީ، އެ މައްސަލައަށް އެމަނިކުފާނު އެއްވެސް ނުފޫޒެއް ނުފޯރުވާާ ކަމަށާއި އަމަލުކުރައްވަމުން ގެންދަވާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ.

ވީ ކިހިނެއް؟- އިއްޔެ ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ބޭއްވި ޖޭޕީގެ ކައުންސިލް ބައްދަލުވުމުގައު ވާހަކަ ދައްކަވަމުން ގާސިމް ވަނީ ވާވެއްދި ފަޅު ވިއްކުން ހުއްޓުވާފައި އޮތް މައްސަލައިގައި ރައީސް ސޯލިހުގެ ނުފޫޒު އޮތް ކަމަށް ތުހުމަތުކުރައްވައި ސަރުކާރާ މެދު ވަރަށް ބޮޑަށް ކޯފާ އިސްކުރައްވައި ވާހަކަ ދައްކަވައިފަ އެވެ.

"ވިދާޅުވެ ބައްލަވާ. ކާކަށްތޯ ހުއްޓުވޭނީ؟ ރައީސުލްޖުމްހޫރިއްޔާއަށް ވެސް ސުޕްރީމް ކޯޓުން ނިންމީމާ ދެން ރައްޔިތުންގެ މަޖިލީހަށް ވެސް ނޯންނާނެ އޭގެ ބާރެއް. ގާނޫނު އަސާސީގައި އޮތް ގޮތް އެއީ," އެމްޑީޕީއާ އެކު ކޯލިޝަން ނުހަދައި ޖޭޕީގެ ފަރާތުން ރިޔާސީ އިންތިހާބުގައިި ވާދަކުރައްވާ ގާސިމް ވިދާޅުވި އެވެ.

"އެހެންވެ މިވަރުގެ ޖަރީމާ ހިންގީމާ ކަމަކު  ނުދޭ. އިޓް އިޒް ޓޫމަޗް. އިޓް އިޒް މޯ ދެން އިނަފް. ޔޫ ހޭވް ޓު ގޯ ބެކް. މިހާރު ދާންވީ، ކަނޑާލަންވީ ގެއަށް. ވަރަށް ސާފުކޮށް މި ބުނީ މިހާރު ކަނޑާލަންވީ ގެއަށް," ގާސިމް ވިދާޅުވި އެވެ.

ޖޭޕީގެ ތުހުމަތަކީ އެ ފަޅު ވިއްކުން ހުއްޓުވީ، އެ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކޮށް، ކެމްޕޭން ކުރުމަށް ފައިސާއަށް ހުރަސް އެޅުން ކަމަށެވެ. ނަމަވެސް ގާސިމް ވިދާޅުވީ އޭނާގެ ކުންފުނިން ސަރުކާރަށް ވެސް ދައްކަން12 މިލިއަން ޑޮލަރު އޮތް ކަމަށެވެ. އަދި ކޮވިޑަށް ފަހު ރަނގަޅަށް ހިންދެމިނުލެވި އޮތް އެކޮނަމީއާ އެކު މުވައްޒަފުންނަށް މުސާރަ ދިނުމަށް ވެސް ދަތިވެވެފައިވާ ކަމަށެވެ.

ޕެރެޑައިސް އައިލެންޑުގައި މިއަދު ބޭއްވި ޖޭޕީގެ ކައުންސިލް ބައްދަލުވުުމުގައި އެ ޕާޓީގެ ލީޑަރު ގާސިމް ވާހަކަދައްކަވަނީ (ފޮޓޯ/ޖޭޕީ)

ބުނީ ކީކޭ؟- ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ބޭއްވި ހަފްލާއަށް ފަހު ސޯލްޓް ކެފޭގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވަނީ ގާސިމްގެ އެ ވާހަކަތަކަށް ރައްދުދެއްވައިފަ އެވެ.

ރައީސް ސޯލިހު ވިދާޅުވީ ވެރިކަމުގެ މިހާތަނަށް އައިއިރު މަސައްކަތް ކުރައްވާފައިވާނީ ގާނޫނު އަސާސީ އާއި ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ. އަދި އެމަނިކުފާނާ ކިތަންމެ އަރިސް ބޭފުޅަކާ ގުޅޭ މައްސަލައަކަށް ވިޔަސް އަމަލުކުރައްވަމުން ގެންދަވަނީ އެ އިމުގެ ތެރެއިން ކަމަށެވެ. މިނިވަން މުއައްސަސާތަކަށް ވެސް ދުވަހަކު ވެސް ނުފޫޒު ނުފޯރުވާ ކަމަށާއި އަދި އެއީ ކުރިއަށް އޮތްތަނުގައި ކުރައްވާނެ ކަމެއް ނޫންކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

ސީދާ ގާސިމްގެ ނަން ނުގެންނެވި ނަމަވެސް ރައީސް ވިދާޅުވީ "ކޮންމެ ބޭފުޅަކު ކިތަންމެ ކޯފާވެގެން ވާހަކަ ދެއްކެވިޔަސް އެއީ އެބޭފުޅެއްގެ ކަމެއް" ކަމަށެވެ.

"އެހެންވީމާ އެ މައްސަލައިގައި ވެސް އަޅުގަނޑު ހުންނާނީ ގާނޫނީ އިމުގެ ތެރޭގައި. ގާނޫނީ އިމުގެ ތެރޭގައި،" ރައީސް ސޯލިހު ވިދާޅުވި އެވެ.

އެނގުން މުހިއްމު- ސުޕްރީމް ކޯޓުގެ ހުކުމަކާ ވިދިގެން ވިލާ ކުންފުންޏަށް މިދިޔަ ޖެނުއަރީ މަހު ހަވާލުކުރި ފަޅުތަކުގެ ތެރޭގައި ހިމެނޭ ވާވެއްދި ފަޅު ވިއްކުން ހުއްޓުވީ، އެ ތަން ބަޔަކަށް ވިއްކާލުމަށް ނިންމައި އެ ފަޅުގެ ވެރިފަރާތް ބަދަލު ކުރަން ޓޫރިޒަމަށް ހުށަހެޅުމުން  އެކަން އާންމު އުސޫލުން މިނިސްޓްރީއިން އާންމުކޮށް އިއުލާން ކުރުމުންނެވެ.

އެ އިއުލާނާ ގުޅިގެން އޭސީސީއިން ވަނީ އެ ކޮމިޝަނުން އެ ފަޅާ ގުޅޭ މައްސަލައެއް ބަލަމުން އަންނާތީ އެ ފަޅު ވިއްކުމުގެ މުއާމަލާތް ވަގުތީ ގޮތުން ހުއްޓުވުމަށް މިނިސްޓްރީގައި އެދިފަ އެވެ. އެއާ އެކު، ވެރިފަރާތް ބަދަލުކުރުމުގެ މުއާމަލާތް މިނިސްޓްރީއިން ވަނީ ހުއްޓާލައިފަ އެވެ.

ކޮމެންޓް (1)

ސިކުނޑި

25 ޖޫން 2023
އެ ވިދާޅުވަނީ ވަރަށް ފާޅުގަ ދިވެހީންނަކީ މިވެނި ބައެކޭ! ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ކުރިޔަސް ވާއެއް ނުވާއެއް ނޭނގޭނެޔޭ!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް