ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް. (ދައުރު ފޮޓޯ/ހުސައިން ސުނައިން)

އޭސީސީ

ގާސިމްގެ ފަޅު ވިއްކުން ހުއްޓުވި އެންގުން ކުއްލި ގޮތަކަށް ބާތިލުކޮށްފި

މިގޮތަށް ނިންމީ އޭސީސީގެ ކުއްލި ބައްދަލުވުމަކުން

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ވިޔަފާރި ކުންފުނި، ވިލާއަށް ދީފައި އޮތް ކ. ވާވެއްދި ފަޅު ވިއްކުން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ހުއްޓުވުމަށް ފަހު، ކުއްލި ގޮތަށް އެ އެންގުން އެ ކޮމިޝަނުން މިއަދު ބާތިލުކޮށްފި އެވެ. 

ވީ ކިހިނެއް؟ - ގާސިމް ރިޔާސީ ކެމްޕޭނަށް ފައިސާ ހޯއްދަވަން ވިއްކާލަން އުޅުއްވި ކަމަށް ބުނާ އެ ފަޅުގެ މުއާމަލާތް އޭސީސީން ހުއްޓުވީ މިދިޔަ މަހުގެ ކުރީ ކޮޅުގަ އެވެ. އެ ފަޅު ވިއްކުން އެ ކޮމިޝަނުން ހުއްޓުވީ، އަމިއްލަ ފަރާތަކުން އެ ކޮމިޝަނަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

އެއީ ސަރުކާރުގެ ނުފޫޒުން ކުރި ކަމެއް ކަމަށް ގާސިމް އާއި ޖުމްހޫރީ ޕާޓީން ތުހުމަތުކޮށްފައި ވަނިކޮށް އޭސީސީން މިއަދު ވަނީ އެ ކޮމިޝަނުގެ ކުއްލި ބައްދަލުވެއް ބާއްވައި އެ ނިންމުން ބާތިލުކޮށްފަ އެވެ. އެނގިފައިވާ ގޮތުގައި، ކޮމިޝަންގެ ގިނަ މެންބަރުން ރާއްޖެއިން ބޭރުގައި ތިއްބަވަނިކޮށް އެ ޖަލްސާ ބޭއްވީ އޮންލައިންކޮށެވެ.

ތަފްސީލު - އޭސީސީން އެ ނިންމުން ނިންމިކަން އެ ކޮމިޝަންގެ ސީނިއާ ކޮމިއުނިކޭޝަންސް އޮފިސަރު ނިޝާން މުހައްމަދު މިރޭ 'ދައުރު'އަށް ކަށަވަރުކޮށްދެއްވި އެވެ.

"އެއީ މި ވަގުތަށް އެ އެނގުން ދައްމަހައްޓަން ޖެހޭ ހާލަތެއް އޮތް ކަމަށް ނުފެންނާތީ،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް، މުޅި މައްސަލަ ނިމުނީތޯ އެހުމުން އޭނާ ވިދާޅުވީ، އެކަން ސާފު ކުރުމަށް ފަހު މައުލުމާތު ދެއްވާނެ ކަމަށެވެ.

އެނގުން މުހިންމު - އެ ފަޅު ވިއްކުން ހުއްޓުވުމުން ގާސިމް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް "ގެއަށް ކަނޑާލަން ޖެހޭ" ކަމަށް ވިދާޅުވެފަ އެވެ. 

"ވިދާޅުވެ ބައްލަވާ. ކާކަށްތޯ ހުއްޓުވޭނީ؟ ރައީސުލްޖުމްހޫރިއްޔާއަށް ވެސް، ސުޕްރީމް ކޯޓުން ނިންމީމާ ދެން ރައްޔިތުންގެ މަޖިލީހަށް ވެސް ނޯންނާނެ އޭގެ ބާރެއް. ގާނޫނުއަސާސީގައި އޮތް ގޮތް އެއީ،" ދެ ވަނަ ދައުރަކަށް ވެސް ކޯލިޝަން ހެދުމަށް ރައީސް ދެއްވި ދައުވަތު ގަބޫލުނުކުރައްވައި ރިޔާސީ ރޭހަށް ނުކުމެވަޑައިގެން ހުންނެވި ގާސިމް މިދިޔަ މަހުގެ ފަހުކޮޅު ވިދާޅުވެފައިވެ އެވެ. 

"އެހެންވެ، މި ވަރުގެ ޖަރީމާ ހިންގީމާ ކަމަކު ނުދޭ. އިޓް އިޒް ޓޫ މަޗު. އިޓް އިޒް މޯ ދެން އިނަފް. ޔޫ ހޭވް ޓު ގޯ ބެކް. މިހާރު ދާންވީ، ކަނޑާލަންވީ ގެއަށް. ވަރަށް ސާފުކޮށް މި ބުނީ މިހާރު ކަނޑާލަންވީ ގެއަށް،" ޖޭޕީގެ ކައުންސިލް ބައްދަލުވުމެއްގައި ގާސިމް ވިދާޅުވެފައިވެ އެވެ.

އެ މައްސަލައިގައި ގާސިމް ރައީސަށް ހޫނު ބަހުގެ ހަމަލާތަކެއް ދެއްވިއިރު، ރައީސް ވެސް ވަނީ ގާސިމަށް ރައްދު ދެއްވައި ވާހަކަފުޅު ދައްކަވާފަ އެވެ.

ގާސިމްގެ ފަޅު ވިއްކުން ހުއްޓުވި އެންގުން ބާތިލުކުރި އިރު، އޭނާ ވަނީ އިއްޔެ އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ އިސް ވެރިންނާ ވެސް ބައްދަލުކުރައްވާފަ އެވެ. އެ ބައްދަލުވުމަށް ފަހު، ޖަލުގައި އޮންނެވި އިދިކޮޅު ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންސާފުވެރި ޝަރީއަތެއް ހޯދައިދިނުމަށް ގާސިމް ގޮވާލައްވާފައިވެ އެވެ.

ފަސްމަންޒަރު -  ޓޫރިޒަމްއާ ގުޅުން ހުރި ވިޔަފާރިތަކަށް ކުރިން ވިލާއަށް ދީފައި ހުރި ބައެއް ރަށްރަށާއި ބިންތަކުގެ ބަދަލުގައި ޔާމީންގެ ވެރިކަމުގައި އެކި ފަޅުތައް ދިނެވެ. ނަމަވެސް، އެ ފަޅުތައް 2015ގައި އެ ސަރުކާރުން އަތުލި އެވެ. ފަހުން އެ މައްސަލަ ކޯޓަށް ހުށަހަޅައި ސުޕްރީމު ކޯޓުން ނިންމީ ވިލާއާ އެއްކޮޅަށެވެ.

ސުޕްރީމް ކޯޓުގެ ހުކުމަކާ ވިދިގެން ވިލާ ކުންފުންޏަށް މިދިޔަ ޖެނުއަރީ މަހު ހަވާލުކުރި ފަޅުތަކުގެ ތެރޭގައި ހިމެނޭ ވާވެއްދި ފަޅު ވިއްކުން ހުއްޓުވީ، އެ ތަން ބަޔަކަށް ވިއްކާލުމަށް ނިންމައި އެ ފަޅުގެ ވެރިފަރާތް ބަދަލުކުރަން ޓޫރިޒަމަށް ހުށަހެޅުމުން، އެކަން އާންމު އުސޫލުން މިނިސްޓްރީން އާންމުކޮށް އިއުލާން ކުރުމުންނެވެ.

ކޮމެންޓް (2)

ވިސްނާ

14 ޖުލައި 2023
ތިކަން ކުރީ ރ.އިބުރާހިމާއި ގާސިމއ ހެދި ޑީލަކުން. ފަހަރުގަ ތި ޑީލުގެ ދަށުން ގާސިމް ވާދަނުކޮއްފާނެ. ނޫނީ ދެވަނަ ބުރުގަ އިބޫ ކޮޅަށް އަރާނީ. ބަލަން ތިބޭ!
0 0

ފައިރޫޒު

13 ޖުލައި 2023
އަލީ ވަހީދު ރާއްޖެ އައިބޭނުން އެގިއްޖެ!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް