ޕީޕީއެމް-ޕީއެންސީގެއިސް ބޭފުޅުން މިއަދު ސަން އައިލެންޑްގައި ގާސިމްއާ އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން (ފޮޓޯ/އަބްދުއްރަހީމް އަބްދުﷲ)

ގާސިމް ޕީޕީއެމްގެ ބައްދަލުވުމަށް ފަހު ގޮވާލެއްވީ ޔާމީނަށް އިންސާފުވެރި ޝަރީއަތަކަށް

ސަރުކާރުގެ މިސްރާބު ހުރީ އިންސާފު ހޯދައިދިނުމަށް ވީ ވައުދު ފުއްދުމަށްތޯ ގާސިމް ސުވާލު އުފެއްދެވި

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންސާފުވެރި ޝަރީއަތެއް ހޯދައިދިނުމަށް ގޮވާލައްވައި ސަރުކާރަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް މިއަދު ފާޑުވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ކްރިމިނަލް ކޯޓުން މިދިޔަ އަހަރު އިއްވި 11 އަހަރުގެ ޖަލު ހުކުމަކާ ގުޅިގެން، ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް ހުރަސްތަކެއް ކުރިމަތިވެވަޑައިގެންްފައިވާ އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޔާމީން އަންގަވައިގެން އެ ޕާޓީގެ އިސް ބޭފުޅުން މިއަދު ވަނީ ގާސިމްއާ ބައްދަލު ކުރައްވާފަ އެވެ. އެ ބައްދަލުވުމަށް ފަހު ކުރެއްވި ޓްވީޓެއްގައި ގާސިމް ވަނީ ޔާމީންގެ ހައްގުގައި ވާހަކަ ދައްކަވަފާ އެވެ.

ބުނީ ކީކޭ؟ - "ގާނޫނުއަސާސީ ވުޖޫދަށް އައުމުގެ އެއް މަޤްސަދަކީ މިނިވަންކަމާއި، އިންސާފުވެރިކަމާއެކު، އަދުލު އިންސާފު ގާއިމުކޮށް ރައްޔިތުންގެ އަސާސީ ހައްްގުތަކާއި މިނިވަންކަން ކަށަވަރު ކުރުމެވެ،" މިހާރު އަމަލު ކުރަމުން އަންނަ ގާނޫނުއަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ ރައީސްކަން ކުރެއްވި ގާސިމްގެ ޓްވީޓްގައި ވިދާޅުވި އެވެ.

މި ސަރުކާރުގެ ކޯލިޝަންގައި އޮތް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ވިދާޅުވީ، ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އެ ހައްގުތައް ކޮންމެ ރައްޔިތަކަށް ވެސް ލިބެން ޖެހޭ ކަމަށެވެ. ނަމަވެސް ސަރުކާރުން އެ ހައްގުތައް ކަށަވަރު ކުރާ ކަމާ މެދު އޭނާ ސުވާލު އުފެއްދެވި އެވެ.

"އެއީ، ރައީސް ޔާމީން ކަމަށްވިޔަސް ނުވަތަ އެހެން ދިވެހި ރައްޔިތެއްކަމަށް ވިއަސް އިންސާފުވެރި ޝަރީއަތެއް ލިބުމަކީ މިއަދު ގާނޫން އަސާސީއިން ލިބިދޭ އަސާސީ ހައްޤެކެވެ. އަދި އެއީ އިންސާނީ ހައްްގެއް ވެސް މެއެވެ،" ޔާމީންގެ ސަރުކާރުގައި ޖަލަށް ހުކުމް ކުރި ގާސިމް، އެމަނިކުފާނުގެ ދިފާއުގައި ވިދާޅުވި އެވެ.

ގާސިމް ވިދާޅުވި ގޮތުގައި ލަހެއް ފަހެއް ނެތި އެ ހައްގުތައް ރާއްޖޭގައި ކަށަވަރުވާން ޖެހެ އެވެ.

"މިއަދު އުފެދޭ ސުވާލަކީ، މިއަދުގެ ސަރުކާރުގެ މިސްރާބު މިހުރީ، އިންސާފުގެ މަގު ހޯދުމަށް ކުރި ދަތުރުގަައި، ހުރިހާ ބާރުވެރިކަމެއް ލިބުމުން އެ ވަޢުދުވި ގޮތަށްތޯއެވެ؟!" ޓްވީޓް ނިންމާލައްވަމުން ގާސިމް ސުވާލު އުފެއްދެވި އެވެ.

ޕީޕީއެމް-ޕީއެންސީގެ އިސް ބޭފުޅުން މިއަދު ސަން އައިލެންޑްގައި ގާސިމްއާ އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން (ފޮޓޯ/އަބްދުއްރަހީމް އަބްދުﷲ)

ފާހަގަކޮށްލެވޭ ކަމެއް - ގާސިމްގެ ސަން އައިލެންޑް ރިސޯޓްގައި ޕީޕީއެމް-ޕީއެންސީގެ އިސް ބޭފުޅުންނާ އެކު ބޭއްވެވި ބައްދަލުވުމަށް ފަހު ގާސިމް ކުރެއްވި ޓްވީޓްގެ ލިޔުންކޮޅާ އެކު އޭނާގެ އަމިއްލަ ފޮޓޯ އަކާއި މާނަ ފުން ލަވައެއް ހިމަނާފައިވެ އެވެ. ހަތަރު މިނެޓެއްހާއިރުގެ އެ ލަވައިގައި ޖުމްލަކޮށް ބުނެދެނީ ގައުމުގެ ދިފާއުގައި ފުރާނައިން ގުރުބާންވާން ގާސިމް ތައްޔާރަށް ހުންނެވި ކަމެވެ. ގައުމިއްޔަތާއި ދީނުގެ ވާހަކައާ އެކު، ގާސިމް ވެރިކަމަށް ގެންނަ ވާހަކަ ވެސް އެ ލަވައިގައި އާދެ އެވެ.

އެނގުން މުހިންމު - ޔާމީނަށް އިންސާފުވެރި ޝަރީއަތެއް ހޯދައިދިނުމަށް ގާސިމް މި ގޮވާލެއްވީ، އެމަނިކުފާނުގެ ހުކުމުގެ އިސްތިއުނާފު ކުރިއަށްގެންދާ ހައި ކޯޓުގެ ބެންޗުގެ ފަނޑިޔާރަކު ޗުއްޓީގައި ހުންނެވުމުންނާއި އިތުރު ފަނޑިޔާރެއްގެ ޗުއްޓީ ކުރިއަށް އޮތުމުން، އެ މައްސަލަ ބާރު ސްޕީޑެއްގައި ކުރިއަށް ގެންދެވޭނެ ކަމާ މެދު ސުވާލު އުފެދިފައި ވަނިކޮށެވެ. އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅު ކުރުމަށް ޕީޕިއެމް-ޕީއެންސީގެ އިސް ބޭފުޅުން މިއަދު އެ ކޯޓަށް ދިޔަ އެވެ.

ފަސްމަންޒަރު - އިސްތިއުނާފް މައްސަލަ މަޑުނުޖެހި ކުރިއަށްދާން އިދިކޮޅުން ބޭނުންވަނީ ޝަރީއަތް ނިމޭ އިރު ދަށު ކޯޓުގެ ހުކުމް ހައި ކޯޓުން ބާތިލްކޮށް އެ މައްސަލައިން ޔާމީން ސަލާމަތްވެވަޑައިގެންފި ނަމަ، މި މަހު ކުރިމަތިލުމަށް ހުޅުވާލާ ރިޔާސީ އިންތިހާބުގައި އެއްވެސް ހުރަހެއްނެތި އެމަނިކުފާނަށް ވާދަ ކުރެއްވޭނެތީ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް