ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދު ސަރުކާރުގެ ހަފްލާއެއްގެ ތެރެއިން. (ފޮޓޯ/ ރައީސް އޮފީސް)

ނަޝީދު މަޖިލިސް ރައީސްކަމުން ވަކިކުރަން ރައީސްގެ ތާއީދު އެބައޮތް: ސަރުކާރު

ރައީސް އޮފީހުން މިއަދު ބުނީ ރައީސް ސޯލިހް ހުންނަވާނީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ މެޖޯރިޓީއާ އެއްގޮތަށް ކަމަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން ވަކިކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތާއީދު އެބަ އޮތް ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ނަޝީދު މަޖިލިސް ހިންގަވަނީ ގަވައިދާ ހިލާފަށް ކަމަށް ބުނެ، އެމްޑީޕީގެ 36 މެންބަރުންގެ ވޯޓާ އެކު ނަޝީދު މަޖިލިސް ރައީސް ކަމުން ވަކިކުރަން އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުން ފާސްކުރީ މިދިޔަ އަންގާރަ ދުވަހު އެވެ. ޖެހިގެން އައި ދުވަހު، 54 މެންބަރުންގެ ސޮއި ހަމަކޮށް އެ މައްސަލަ އިއްޔެ ވަނީ މަޖިލީހަށް ހުށަހަޅާފަ އެވެ.

ތަފްސީލު - ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ނަޝީދު މަގާމުން ވަކިކުރުމުގައި ރައީސް ސޯލިހްގެ ވިސްނުންފުޅަކީ ކޮބައިތޯ އެހުމުން އެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން މަސައްކަތްތައް ކުރިއަށް ގެންދަނީ ރައީސްގެ މަޝްވަރާގެ މަތިން ކަމަށެވެ. ނަޝީދު ވަކިކުރުމުގެ މަސައްލައިގައި އެމްޑީޕީގެ ޕީޖީގެ މެޖޯރިޓީން ނިންމާފައިވާ ނިންމުމަށް ރައީސްގެ ތާއީދު އޮންނާނެކަން އޭނާ ހާމަކުރެއްވި އެވެ.

"ޕާލިމެންޓްރީ ގްރޫޕުގެ މެޖޯރިޓީއާ އެކު ރައީސް ވެސް ވަޑައިގަންނަވާނީ. ރައީސަށް އެ ބޭފުޅުންނާ މަޝްވަރާ ވެސް ކުރެއްވޭ... މަޝްވަރާތައް ކުރެވިގެން ކަންކަން ދަނީ،" 'ދައުރު'ން ކުރި ސުވާލުގެ ޖަވާބުގައި މިއުވާން ވިދާޅުވި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން. (ފޮޓޯ/ރައީސް އޮފީސް)

ގުޅުން ހުރި ކަމެއް - ނަޝީދު މަގާމުން ވަކިކުރަން އެމްޑީޕީގެ ޕީޖީން ވެއްދި މައްސަލައިގައި ބުނެފައިވާ ގޮތުން، އެ މައްސަލަ ހުށަހެޅީ، މަޖިލީހުން އަދާކުރަން ޖެހޭ ދުސްތޫރީ ޒިންމާ އަދާކުރުމުގެ ފުރުސަތު މަޖިލީހުގެ މެމްބަރުންގެ ކިބައިން ނިގުޅައިގަނެފައިވާތީ އެވެ.

އޭގެ އިތުރުން، ނަޝީދު މަގާމުން ވަކިކުރަން ޖެހޭ ވަކިވަކި ސަބަބުތަކުގެ ތެރޭގައި ގަރާރުގައި ބަޔާންކޮށްފައިވަނީ:

  • މަޖިލީހުގެ ކޮމިޓީތައް އަލުން އެކުލަވާނުލައްވައި ގަވައިދާ ހިލާފަށް ކޮމިޓީތަކުގެ މަސައްކަތްތައް އެއްކޮށް ހުއްޓުވާލާފައިވުން

  •  ދައުލަތް ހިންގުން ހަރުދަނާ ކުރުމަށް ބޭނުންތެރި މުހިއްމު ބިލްތަކަށް ވޯޓަށް ނާއްސަވައި ގަސްތުގައި އެ މައްސަލަތައް ލަސްކުރައްވަމުން ގެންދެވުން

  • މަޖިލީހުގެ ޖަލްސާތައް ގަވައިދާ ހިލާފަށް ތަކުރާރުކޮށް ކުރިއަށް ގެންދަވައި މަޖިލީހުގެ ނިޒާމު ހިފެހެއްޓެވުމުގެ ބަދަލުގައި ނިޒާމު ގެއްލުވާލަން މަސައްކަތް ކުރާ ފަރާތްތަކަށް ވާގިވެރިވުން

  • ވަކި ފަރާތަކަށް ޖެހިވަޑައިގެން، ބައެއް މެމްބަރުންނާ ޒާތީ ތައައްސުބެއް ބާއްވަވައި ބައެއް މެމްބަރުންނަށް ސީދާ އަދި ނުސީދާ ގޮތުން އިންޒާރުދެއްވައި ފުރައްސާރަކުރުމުގެ އަމަލުތައް ތަކުރާރުކުރައްވަމުން ގެންދެވުން

  • ރިޔާސަތުގައި އިންނަވައިގެން ތަކުރާރުކޮށް ބަހުސްގައި ބައިވެރިވެ، ބަހުސްގެ މެދުން މެމްބަރުންގެ ވާހަކަ ހުއްޓުވައި އަމިއްލަ ހިޔާލާއި ރައުޔު ފާޅުކުރެއްވުން

އިއްޔެގެ މަޖިލީހުގެ ޖަލްސާގައި ރިޔާސަތުގައި އިންނަވައިގެން ނަޝީދު ވިދާޅުވީ، މެންބަރެއްގެ ހައިސިއްޔަތުން ބަހުސްތަކުގައި ބައިވެރިވެވަޑައިގަތުމަށް އެ މަނިކުފާނު ހުންނެވީ "ކެތްމަދުވެފައި" ކަމަށެވެ.

މި މައްސަލައިގައި އެމްޑީޕީގެ ފަސް މެންބަރަކު ސޮއެއް ނުކުރައްވަ އެވެ.

ކޮމެންޓް (1)

ދެނަ

8 ޖޫން 2023
އެގޮތަށް ރައީސްގެ މަޝްވަރާގެ މަތިން މަޖުލިސް ކަންތައް ގެންދިއުމަކީ 3 ބާރު ވަކިވެފައި އޮންނަ ރިޔާސީ ނިޒާމުގައި އެކަން އޮންނަ ގޮތްތޯ؟ ބަރުލަމާނީ އަށް ބަދަލުކޮށްލާ އެހެންވިއްޔާ
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް