ނަޝީދު މަޖިލީހުގެ ރައީސްކަމުން ވަކިކުރަން ހުށަހެޅި މައްސަލައިގައި މެމްބަރަކު އިއްޔެ ސޮއިކުރައްވަނީ. (ދައުރު ފޮޓޯ/ހުސައިން ސުނައިން)
ނަޝީދު ވަނީ މެމްބަރުންގެ ޒިންމާ އަދާކުރުމުގެ ފުރުސަތު ނިގުޅައިގެންފައި: ގަރާރު
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެމްޑީޕީން މަޖިލީހަށް ހުށަހެޅީ މަޖިލީހުން އަދާކުރަން ޖެހޭ ދުސްތޫރީ ޒިންމާ އަދާކުރުމުގެ ފުރުސަތު މަޖިލީހުގެ މެމްބަރުންގެ ކިބައިން ނިގުޅައިގަނެފައިވާތީ ކަމަށް އެ މައްސަލައިގައި ބުނެފި އެވެ.
ވީ ކިހިނެއް؟ - 54 މެމްބަރުންގެ ސޮޔާ އެކު މިއަދު މަޖިލީހަށް ހުށަހަޅާފައިވާ އަށް ސަފްހާގެ ގަރާރުގައި ނަޝީދު އިތުރަށް މަގާމުގައި ހުންނަވައިފި ނަމަ ރައްޔިތުންގެ މަޖިލީހުގެ ހުރުމަތާއި ގަދަރު ކުޑަވެ، ދައުލަތުގެ ނިޒާމުތަކުގެ ހަރުދަނާކަން ފިލައި ހިނގައިދާނެ ކަމަށް ފެންނަ ކަމަށް ބަޔާންކޮށްފައިވެ އެވެ.
ތަފްސީލް - އޭގެ އިތުރުން، ނަޝީދު މަގާމުން ވަކިކުރަން ޖެހޭ ވަކިވަކި ސަބަބުތަކުގެ ތެރޭގައި ގަރާރުގައި ބަޔާންކޮށްފައިވަނީ:
-
މަޖިލީހުގެ ކޮމިޓީތައް އަލުން އެކުލަވާނުލައްވައި ގަވައިދާ ހިލާފަށް ކޮމިޓީތަކުގެ މަސައްކަތްތައް އެއްކޮށް ހުއްޓުވާލާފައިވުން
-
ކޮމިޓީތަކުން ނިންމާފައިވާ ރައްޔިތުންނާ ގުޅުން ހުރި އެތައް ހައްސާސް ބިލްތަކާއި މައްސަލަތަކާއި ދައުލަތް ހިންގުން ހަރުދަނާ ކުރުމަށް ބޭނުންތެރި މުހިއްމު ބިލްތަކަށް ވޯޓަށް ނާއްސަވައި ގަސްތުގައި އެ މައްސަލަތައް ލަސްކުރައްވަމުން ގެންދެވުން
-
މަޖިލީހުގެ ޖަލްސާތައް ގަވައިދާ ހިލާފަށް ތަކުރާރުކޮށް ކުރިއަށް ގެންދަވައި މަޖިލީހުގެ ނިޒާމު ހިފެހެއްޓެވުމުގެ ބަދަލުގައި ނިޒާމު ގެއްލުވާލަން މަސައްކަތް ކުރާ ފަރާތްތަކަށް ވާގިވެރިވުން
-
ބަންޑާރަނައިބު އިބްރާހިމް ރިފްއަތުގެ އިތުބާތު ނެތް ކަމުގެ މައްސަލައިގައި ޖަވާބުދާރީވުމަށް އެކަށީގެންވާ ފުރުސަތު ނުދެއްވައި ތިން ދުވަހެއްގެ މަތިން އެ މައްސަލަ އެޖެންޑާކުރި ނަމަވެސް، ކޮންމެ ޖަލްސާއެއްގައި އެ މައްސަލަ ކުރިއަށް ނުގެންގޮސް ހުއްޓާލާފައިވުން
-
ވަކި ފަރާތަކަށް ޖެހިވަޑައިގެން، ބައެއް މެމްބަރުންނާ ޒާތީ ތައައްސުބެއް ބާއްވަވައި ބައެއް މެމްބަރުންނަށް ސީދާ އަދި ނުސީދާ ގޮތުން އިންޒާރުދެއްވައި ފުރައްސާރަކުރުމުގެ އަމަލުތައް ތަކުރާރުކުރައްވަމުން ގެންދެވުން
-
މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ތުުހުމަތުކޮށް ހުށަހެޅިފައިވާ މައްސަލައަށް ނުފޫޒު ފޯރުވައި އެ މައްސަލަ ކުރިއަށް ނުގެންގޮސް ހުއްޓުވާފައިވުން
-
ރިޔާސަތުގައި އިންނަވައިގެން ތަކުރާރުކޮށް ބަހުސްގައި ބައިވެރިވެ، ބަހުސްގެ މެދުން މެމްބަރުންގެ ވާހަކަ ހުއްޓުވައި އަމިއްލަ ހިޔާލާއި ރައުޔު ފާޅުކުރެއްވުން
"އިސްވެ ބަޔާންކުރެވުނު ކަންކަމާއި ސަބަބުތައް އެހެން ހުރުމުން، ރައީސް މުހައްމަދު ނަޝީދަށް ކުރަމުން އައި އިރުބާރު ގެއްލިއްޖެ ކަމަށް އަހަރެމެންނަށް ފެނުނު ހިނދު، ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމުން ރައީސް މުހައްމަދު ނަޝީދު ވަކިކުރުމަށް އަހަރެމެން ސޮއިކޮށް ހުށަހަޅަމެވެ،" ގަރާރުގައިވެ އެވެ.
ފާހަގަކޮށްލެވޭ ކަމެއް - އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވާ ނަޝީދު މަގާމުން ވަކިކުރުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕް (ޕީޖީ)ން ނިންމީ އިއްޔެ އެވެ. އެ މައްސަލަ މިއަދު މަޖިލީހަށް ހުށަހެޅިއިރު، މަޖިލީހުގައި ނަޝީދުއާ ނުލައި އެމްޑީޕީ ތަމްސީލުކުރައްވާ 55 ބޭފުޅުންގެ ތެރެއިން ސޮއިނުކުރައްވަނީ ފަސް ބޭފުޅުންނެވެ.
އެ މައްސަލައިގައި އެމްޑީޕީގެ މެމްބަރުންގެ އިތުރުން، މަޖިލީހުގައި އެހެން ޕާޓީތައް ތަމްސީލުކުރައްވާ ބައެއް މެމްބަރުންނާއި އަމިއްލަ މެމްބަރުން ވެސް ސޮއިކުރެއްވި އެވެ. އޭގެ ތެރޭގައި ހިމެނެނީ:
-
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ދެވަނަ ދައުރަކަށް ކޯލިޝަން ހަދަން ނިންމާފައިވާ އެމްޑީއޭގެ ލީޑަރު، ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު
-
ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެމްބަރު މުހައްމަދު ނަޝީދު
-
ކާށިދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުﷲ ޖާބިރު
އެނގުން މުހިންމު - މަޖިލީހުގެ ގަވައިދުގެ 205 ވަނަ މައްދާގައި، މަޖިލީހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރެވޭނެ އިޖުރާތްތައް ބަޔާންކޮށްފައިވެ އެވެ. އެގޮތުން:
-
މައްސަލަ ހުށަހެޅޭނީ، މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރު ބައިކުޅަ އެއް ބައި ނުވަތަ 22 މެންބަރުންނަށް ވުރެ މަދު ނޫން އަދަދެއްގެ މެންބަރުންގެ ސޮޔާ އެކު
-
އެ މައްސަލަ މަޖިލީހަށް ލިބުމާ އެކު، ޖަވާބުދާރީ ވުމަށް 14 ދުވަހުގެ ނޯޓިސް ދޭން ޖެހޭ؛ އެ ނޯޓިސްގެ މުއްދަތަށް ފަހު، އެންމެ އަވަހަށް ބައްވާ ޖަލްސާއަށް އެ މައްސަލަ ހުށަހަޅަން ޖެހޭ
-
މައްސަލަ ހުށަހެޅުމަށް ފަހު، އެހެން އެއްވެސް މައްސަލައަކަށް ބަހުސް ކުރެވޭނީ ނުވަތަ ގޮތެއް ނިންމޭނީ ރައީސް ނުވަތަ ނައިބު ރައީސް މަގާމުން ވަކިކުރުމުގެ މައްސަލައިގައި ގޮތެއް ނިންމުމަށް ފަހު
-
މައްސަލަ ފާސްވެއްޖެ ކަމަށް ބަލާނީ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރި މެންބަރުންގެ އަގުލަބިއްޔަތުން
އިތުރަށް ކިޔާލަން -