(ކ-ވ): ގަމު ދާއިރާގެ މެމްބަރު މޫސާ ސިރާޖު، ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު، އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު، ކުޅުދުއްފުށި ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު މުހައްމަދު އަދި ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް.

އެމްޑީޕީ

ނަޝީދު ވަކިކުރަން އެމްޑީޕީން ސޮއިނުކުރަނީ ސިރާޖު، ރަޝީދު، ހަސަން، ޖަމްޝީދު އަދި ހަލީމް

މަޖިލީހުގެ ނައިބު ރައީސްކަމުން އީވާ ވަކިކުރުމުގެ މައްސަލައިގައި ވެސް މެމްބަރު ހަސަން ފިޔަވައި ދެން ތިއްބެވި ހަތަރު މެމްބަރުން ސޮއިކުރައްވާފައެއް ނުވޭ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން ދުރުކުރުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން މިއަދު މަޖިލީހަށް ހުށަހެޅި އިތުބާރު ނެތް ކަމުގެ މައްސަލައިގައި އެ ޕާޓީގެ ފަސް މެމްބަރަކު ސޮއިނުކުރައްވާކަން އެނގިއްޖެ އެވެ.

ވީ ކިހިނެއް؟ - މަޖިލީހުގެ 54 މެމްބަރުންގެ ސޮޔާ އެކު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުގެ އިދާރާއަށް ވަނީ ހުށަހަޅާފަ އެވެ.

ތަފްސީލް - ނަޝީދުއާ ނުލައި އެމްޑީޕީ ތަމްސީލުކުރައްވާ 55 މެމްބަރުން މަޖިލީހުގައި ތިއްބަވާއިރު، އޭގެ ތެރެއިން ފަސް ބޭފުޅަކު އެ މައްސަލައިގައި ސޮއެއް ނުކުރައްވަ އެވެ. އެއީީ:

  • ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު މުހައްމަދު

  • ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް

  • ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު

  • ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު

  • އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު

މަޖިލީހުގެ ނައިބު ރައީސްކަމުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަކިކުރަން އެމްޑީޕީން ހުށަހަޅާފައިވާ މައްސަލައިގައި ވެސް މެމްބަރު ހަސަން ފިޔަވައި ދެން ތިއްބެވި ހަތަރު މެމްބަރުން ސޮއެއް ނުކުރައްވަ އެވެ.

އެ މައްސަލައިގައި އެމްޑީޕީގެ މެމްބަރުންގެ އިތުރުން، މަޖިލީހުގައި އެހެން ޕާޓީތައް ތަމްސީލުކުރައްވާ ބައެއް މެމްބަރުންނާއި އަމިއްލަ މެމްބަރުން ވެސް ސޮއިކުރެއްވި އެވެ. އޭގެ ތެރޭގައި:

  • ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ދެވަނަ ދައުރަކަށް ކޯލިޝަން ހަދަން ނިންމާފައިވާ އެމްޑީއޭގެ ލީޑަރު، ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު

  • ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެމްބަރު މުހައްމަދު ނަޝީދު

  • ކާށިދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުﷲ ޖާބިރު

އެނގުން މުހިންމު - މަޖިލީހުގެ ގަވައިދުގެ 205 ވަނަ މައްދާގައި، މަޖިލީހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރެވޭނެ އިޖުރާތްތައް ބަޔާންކޮށްފައިވެ އެވެ. އެގޮތުން:

  • މައްސަލަ ހުށަހެޅޭނީ، މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރު ބައިކުޅަ އެއް ބައި ނުވަތަ 22 މެންބަރުންނަށް ވުރެ މަދު ނޫން އަދަދެއްގެ މެންބަރުންގެ ސޮޔާ އެކު

  • އެ މައްސަލަ މަޖިލީހަށް ލިބުމާ އެކު، ޖަވާބުދާރީ ވުމަށް 14 ދުވަހުގެ ނޯޓިސް ދޭން ޖެހޭ؛ އެ ނޯޓިސްގެ މުއްދަތަށް ފަހު، އެންމެ އަވަހަށް ބައްވާ ޖަލްސާއަށް އެ މައްސަލަ ހުށަހަޅަން ޖެހޭ

  • މައްސަލަ ހުށަހެޅުމަށް ފަހު، އެހެން އެއްވެސް މައްސަލައަކަށް ބަހުސް ކުރެވޭނީ ނުވަތަ ގޮތެއް ނިންމޭނީ ރައީސް ނުވަތަ ނައިބު ރައީސް މަގާމުން ވަކިކުރުމުގެ މައްސަލައިގައި ގޮތެއް ނިންމުމަށް ފަހު

  • މައްސަލަ ފާސްވެއްޖެ ކަމަށް ބަލާނީ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރި މެންބަރުންގެ އަގުލަބިއްޔަތުން

ފަސް މަންޒަރު - އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެމްޑީޕީގެ 50 މެމްބަރުންގެ ސޮޔާ އެކު ހުށަހަޅާފައިވީ ނަމަވެސް، ދާއިމީ ކޮމިޓީތައް އެކުލަވާނުލެވޭތީ އެ މައްސަލަ އަވަސް މުސްތަގުބަލެއްގައި ކުރިއަށްދާނެ ކަމަކަށް ނުބެލެވެ އެވެ.

އެމްޑީޕީން ތުހުމަތުކުރާ ގޮތުގައި، ދާއިމީ ކޮމިޓީތައް އެކުލަވާލުން ލަސްވަނީ، މަޖިލީހުގެ ރައީސް ނަޝީދު އެ މައްސަލަ ލަސްކުރައްވާތީ އެވެ. އެކަމަކު މަޖިލީހުގެ ރިޔާސަތުން ބުނާ ގޮތުގައި، އެކަން ލަސް ވަނީ ސިޔާސީ ޕާޓީތަކަށް އެއްބަސްވުމަކަށް ނާދެވިގެންނެވެ.

އިދިކޮޅު ކޯލިޝަނުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާނުކުރެވި ލަސްވަނީ ވެސް ދާއިމީ ކޮމިޓީތައް އެކުލަވާނުލެވޭތީ އެވެ. 

މި މަހުގެ ނިޔަލަށް މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް ނިންމާލާއިރު، މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލަ ވެސް ދައުރު ނިމުމުގެ ކުރިން ނިންމިދާނެ ކަމާ މެދު އެ ޕާޓީން ސުވާލު އުފައްދަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް