ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި ނަޝީދު. (ފޮޓޯ/ މަޖިލިސް)

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ 54 ސޮޔާ އެކު މަޖިލީހަށް ހުށަހަޅައިފި

އެނގިފައިވާ ގޮތުގައި، ނަޝީދުއާ ނުލައި އެ ޕާޓީ ތަމްސީލުކުރައްވާ މަޖިލީހުގެ 54 މެމްބަރުންގެ ތެރެއިން ގާތްގަނޑަކަށް ހަތަރު ބޭފުޅަކު އެ މައްސަލައިގައި ސޮއެއް ނުކުރައްވާ

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ވީ ކިހިނެއް؟ - އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް މިއަދު 'ދައުރު'އަށް ވިދާޅުވީ ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުގެ އިދާރާއަށް ހުށަހެޅީ 54 މެންބަރުންގެ ސޮޔާ އެކު ކަމަށެވެ.

ތަފްސީލް - އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވާ ނަޝީދު މަގާމުން ވަކިކުރުމަށް އެމްޑީޕީގެ ޕީޖީން އިއްޔެ ނިންމީ 36 މެމްބަރުންގެ ތާއީދާ އެކު އެވެ. އެ މައްސަލައިގެ ގަރާރުގައި ސޮއިކުރަން ފެށިތާ ގަޑިއިރެއް ހާއިރު ތެރޭ އެ މަނިކުފާނު މަގާމުން ވަކިކުރަން މައްސަލަ ހުށަހެޅުމަށް ބޭނުންވާ އަދަދަށް އެމްޑީޕީން ވަނީ ސޮއި ހަމަކޮށްފަ އެވެ.

އެ މައްސަލައިގައި އެމްޑީޕީގެ މެމްބަރުންގެ އިތުރުން، މަޖިލީހުގައި އެހެން ޕާޓީތައް ތަމްސީލުކުރައްވާ ބައެއް މެމްބަރުންނާއި އަމިއްލަ މެމްބަރުން ވެސް ސޮއިކުރެއްވި އެވެ. އޭގެ ތެރޭގައި:

  • ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ދެވަނަ ދައުރަކަށް ކޯލިޝަން ހަދަން ނިންމާފައިވާ އެމްޑީއޭގެ ލީޑަރު، ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު

  • ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެމްބަރު މުހައްމަދު ނަޝީދު

  • ކާށިދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުﷲ ޖާބިރު

އެ ގަރާރުގައި ސޮއިނުކުރައްވާ އެމްޑީޕީގެ މެމްބަރުންގެ ތަފްސީލެއް އަދި ނުލިބެ އެވެ. ނަމަވެސް، އެނގިފައިވާ ގޮތުގައި، ނަޝީދުއާ ނުލައި އެ ޕާޓީ ތަމްސީލުކުރައްވާ މަޖިލީހުގެ 55 މެމްބަރުންގެ ތެރެއިން ގާތްގަނޑަކަށް ހަތަރު ބޭފުޅަކު އެ މައްސަލައިގައި ސޮއެއް ނުކުރައްވަ އެވެ.

އެނގުން މުހިންމު - މަޖިލީހުގެ ގަވައިދުގެ 205 ވަނަ މައްދާގައި، މަޖިލީހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރެވޭނެ އިޖުރާތްތައް ބަޔާންކޮށްފައިވެ އެވެ. އެގޮތުން:

  • މައްސަލަ ހުށަހެޅޭނީ، މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރު ބައިކުޅަ އެއް ބައި ނުވަތަ 22 މެންބަރުންނަށް ވުރެ މަދު ނޫން އަދަދެއްގެ މެންބަރުންގެ ސޮޔާ އެކު

  • އެ މައްސަލަ މަޖިލީހަށް ލިބުމާ އެކު، ޖަވާބުދާރީ ވުމަށް 14 ދުވަހުގެ ނޯޓިސް ދޭން ޖެހޭ؛ އެ ނޯޓިސްގެ މުއްދަތަށް ފަހު، އެންމެ އަވަހަށް ބައްވާ ޖަލްސާއަށް އެ މައްސަލަ ހުށަހަޅަން ޖެހޭ

  • މައްސަލަ ހުށަހެޅުމަށް ފަހު، އެހެން އެއްވެސް މައްސަލައަކަށް ބަހުސް ކުރެވޭނީ ނުވަތަ ގޮތެއް ނިންމޭނީ ރައީސް ނުވަތަ ނައިބު ރައީސް މަގާމުން ވަކިކުރުމުގެ މައްސަލައިގައި ގޮތެއް ނިންމުމަށް ފަހު

  • މައްސަލަ ފާސްވެއްޖެ ކަމަށް ބަލާނީ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރި މެންބަރުންގެ އަގުލަބިއްޔަތުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް