އެމްއާރުއެމްގެ އެގްޒެކްޓިވް ކޮމިޓީގެ ބައްދަލުވުމުގައި އެ ޕާޓީގެ ޒައީމް، ކުރީގެ ރައީސް މައުމޫން ރިޔާސަތު ބަލަހައްޓަވަނީ. ( ފައިލް ފޮޓޯ/ އެމްއާރުއެމް)

އެމްއާރުއެމް

އެމްއާރުއެމް އުވާލުން މަޑުޖައްސާލަން ކޯޓުން އީސީއަށް އަމުރުކޮށްފި

އެ ނިންމުމަށް އަމަލުކުރުން ފަސްކުރަން ކޯޓުން އަމުރުކުރީ 30 ދުވަހުގެ މުއްދަތަކަށް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އުވާލަން އިލެކްޝަންސް ކޮމިޝަން (އީސީ)ން ނިންމި ނިންމުމަށް އަމަލުކުރުން ފަސްކުރަން އަންގައި ސިވިލް ކޯޓުން މިއަދު ވަގުތީ އަމުރެއް ނެރެފި އެވެ.

މައްސަލައިގެ ފެށުން - ގާނޫނުގައި ލާޒިމުކުރާ 3،000 މެންބަރުން ހަމަނުވާ ކަމަށް ބުނެ އެ ޕާޓީ އުވާލަން އީސީން ނިންމީ މިދިޔަ ބުދަ ދުވަހު އެވެ. އެއާ އެކު، ސިޔާސީ އެއްވެސް ހަރަކާތެއް ނުހިންގުމަށް ވެސް އެ ކޮމިޝަނުން ވަނީ އެ ޕާޓީއަށް އަންގާފަ އެވެ.

ނަމަވެސް، އެ ނިންމުން އެ ޕާޓީން ގަބޫލެއް ނުކުރެ އެވެ. އެމްއާރުއެމުން ތުހުމަތުކުރާ ގޮތުގައި، އެއީ ބައެއްގެ ނުފޫޒުން ނިންމި ނިންމުމެކެވެ. އެހެންވެ، މި މައްސަލައިގައި ކޯޓަށް ދާން ޖެހިއްޖެ ނަމަ، އެކަން ވެސް ކުރާނެ ކަމަށް އެ ޕާޓީން އޮތީ ބުނެފަ އެވެ.

ވީ ކިހިނެއް؟ - އެމްއާރުއެމުން ހުށަހެޅި މައްސަލައިގައި ސިވިލް ކޯޓުގެ ގާޒީ ފަރުހާދު ރަޝީދު ސޮއިކުރައްވައި މިއަދު ނެރުއްވި އަމުރުގައި، އީސީގެ ނިންމުމަށް އަމަލުކުރުން މަޑުޖައްސާލާފައި ވަނީ 30 ދުވަހުގެ މުއްދަތަކަށެވެ.

ތަފްސީލު - ފަސް ސަފުހާގެ އެ އަމުރުގައިވާ ގޮތުން، އެމްއާރުއެމްގެ ފަރާތުން ކޯޓުގައި އެދުނީ:

  • މި މައްސަލައިގައި ޝަރީއަތުން ހުކުމެއް ކުުރުމުގެ ކުރިން އީސީގެ ނިންމުމަށް އަމަލުކުރުން ފަސްކުރަން އަމުރުކޮށްދިނުމަށް 

  • ކޮމިޝަނުން އެ ނިންމުން ނިންމާފައިވަނީ، ގާނޫނުގައި ބަޔާންކޮށްފައިވާ އަދަދަށް މެންބަރުން ހަމަވެފައި ވަނިކޮށް ކަމަށް ވެސް އެމްއާރުއެމްގެ ފަރާތުން އެ މައްސަލައިގައި ބުނެފައިވޭ

އެހެންވެ، ޕާޓީ އުވާލުމަށާއި އެއްވެސް ސިޔާސީ ހަރަކާތެއް ނުހިންގޭނެ ކަމަށް އީސީން ނިންމާފައިވާ ނިންމުން ބާތިލުކޮށްދިނުމަށް އެދި ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ކޯޓަށް މައްސަލަ ހުށަހަޅަން ގަސްތުކުރާ ކަމަށް އެމްއާރުއެމްގެ ފަރާތުން ބުނެފައިވެ އެވެ.

ވަގުތީ އަމުރަށް އެދޭ މައިގަނޑު ސަބަބެއްގެ ގޮތުގައި އެމްއާރުއެމުން ބުނެފައި ވަނީ:

  • ކޯޓަށް ހުށަހަޅަން ގަސްތުކުރާ މައްސަލައިގައި އެދޭ ފަރުވާ ހާސިލް ނުވެދާނެތީ

  • އެ ހާލަތުގައި ޕާޓީ ވުޖޫދުގައި ނެތުމުގެ ފުރުސަތު އޮތުމުން، އެއީ އެމްއާރުއެމްގެ މެންބަރުންނަށް އިއާދަނުކުރެވޭނެ ގެއްލުމެއް ލިބިދާނެ ކަމެއް

އެކަން ކަމަށް ރިއާޔަތްކުރައްވައި ގާޒީ ނިންމެވީ އެމްއާރުއެމް އުވާލުމަށް ނިންމާފައިވާ ނިންމުމަށް އަމަލުކުރުން ފަސްކުރުމަށާއި އެ ނިންމުން ތަންފީޒުކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް އީސީގެ މައްޗަށް އަމުރުކުރެއްވުމަށެވެ.

އެމްއާރުއެމުން 30 ދުވަހުގެ ތެރޭގައި ހުށަހަޅާނެ ކަމަށް ބުނެފައިވާ މައްސަލަ ކޯޓަށް ނުވައްދައިފި ނަމަ، އެ އަމުރު ބާތިލުވާނެ ކަމަށް، ކޮމިޝަންގެ ގައިރު ހާޒިރުގައި ނެރުނު އަމުރުގައި ބުނެފައިވެ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - އީސީން މީގެ ކުރިން ބުނެފައިވާ ގޮތުގައި، އެމްއާރުއެމް އުވާލީ މެންބަރުން ހަމަކުރަން ދެެ ފަހަރަށް ދިން ނޯޓިސްގެ މުއްދަތުގައި ވެސް 3،000 މެންބަރުން ހަމަނުކުރެވުމުންނެވެ. އެންމެ ފަހުން އެ ޕާޓީން ހުށަހެޅި 140 ފޯމުގެ ތެރެއިން ސައްހަވީ 66 ފޯމު ކަމަށް ވެސް އެ ކޮމިޝަނުން ބުނެފައިވެ އެވެ.

ކޮމެންޓް (1)

ބިނާ

29 މޭ 2023
ފުއާދަށާއި ހަބީބަށް ވަރަށް ސަލާން.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް