'ދަ ޑިމޮކްރެޓްސް' އުފެއްދުމަށް ފޯމު ލުމަށްޓަކައި އެ ޕާޓީ ހެދުމުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުން އިލެކްޝަންސް ކޮމިޝަން ކުރިމަތީގައި -- ދައުރު ފޮޓޯ/ ހުސައިން ސުނައިން

އެމްއާރުއެމް

ޕާޓީއަށް މީހުން ހަމަކުރަން އެމްއާރުއެމް އިން ހުށަހެޅި 140 ފޯމުގެ ތެރެއިން ސައްހަވީ 66 ފޯމު

އިލެކްޝަންސް ކޮމިޝަނުން މިހެން ވިދާޅުވީ ރައީސް ނަޝީދު އިސްވެ ހުންނަވައިގެން އުފައްދަވާ 'ދަ ޑިމޮކްރެޓްސް' ޕާޓީ އުފައްދަން ހުއްދަ ދިނުމަށްޓަކައި ބޭއްވި ބައްދަލުވުމުގައި

މިއަދު އިލެކްޝަންސް ކޮމިޝަނުން އުވާލާފައިވާ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އުވާލަން ޖެހުނީ އެ ޕާޓީއަށް މެމްބަރުން ހަމަކުރަން ދިން މުއްދަތުގެ ތެރޭގައި ހުށަހަޅާފައިވާ ގިނަ ފޯމުތައް ސައްހަ ނުވުމުން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިހެން ވިދާޅުވެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އިސްވެ ހުންނަވައިގެން އެކުލަވާލާ 'ދަ ޑިމޮކްރެޓްސް' ޕާޓީ އުފައްދަން ހުއްދަ ދިނުމަށްޓަކައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ބުނީ ކީކޭ؟ - ހަބީބް ވިދާޅުވި ގޮތުގައި އެމްއާރުއެމް އަށް 3،000 މެމްބަރުން ހަމަނުވެގެން، މެމްބަރުން ހަމަކުރުމަށްޓަކައި އެ ޕާޓީއަށް ތިން މަސް ދުވަހުގެ މުއްދަތެއް އިލެކްޝަންސް ކޮމިޝަނުން ވަނީ ދީފަ އެވެ.

"އެބޭފުޅުން ހުށަހެޅުއްވި ފޯމުތަކަށް އަޅުގަނޑުމެން ބަލާލާ އިރު، 140 އަކަށް ފޯމު ހުށަހެޅުއްވީ. އެހެންނަމަވެސް އޭގެތެރެއިން ފުރަތަމަ ޗެކިންގައި ވެސް 66 ފޯމު ސައްހަ ވެގެން ދިޔައީ."

އިލެކްޝަންސް ކޮމިޝަންގެ ގައުމީ ލަފާ ދޭ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވާހަކަދައްކަވަނީ -- ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ފޯމު ބަލައިގަންނާނީ ފޯމުގައި ޖަހާފައިވާ ފޮޓޯ އާއި މަންމަގެ މައުލޫމާތާއި ހެކިވެރިންގެ މައުލޫމާތާއި އައިޑީ ކާޑު ނަންބަރު ދިމާވޭތޯ ބެލުމަށް ފަހު ކަމަށް ހަބީބް ވިދާޅުވި އެވެ. އަދި އައިޑީ ކާޑުގެ މުއްދަތު ހަމަވެފައިވާ ނަމަ ފޯމު ބަލައި ނުގަންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެނގުން މުހިއްމު - އެމްއާރުއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް 'ދައުރު'އަށް ވިދާޅުވީ ޕާޓީއަށް މެމްބަރުން ހަމަކުރަން ދިން މުއްދަތުގައި އެ ޕާޓީގެ ފަރާތުން އީސީގެ ޕޯޓަލް މެދުވެރިކޮށް، 3،000 މެމްބަރުން ހަމަވާ ވަރަށް ފޯމު ހުށަހަޅާފައިވާނެ ކަމަށެވެ.

ފާހަގަކޮށްލެވޭ ކަމެއް - އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫން ވިދާޅުވި ގޮތުގައި ގާނޫނީ އަދަދަށް އެމްއާރުއެމްގައި މެމްބަރުން ހަމަނުވާ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީ އުވާލުމަކީ، ގައުމުގައި ކޮރަޕްޝަން އާލާވެފައިވާ މިންވަރާއި ގާނޫނު ތަންފީޒު ނުވާވަރު ދަލީލުކޮށްދޭ ކަމެކެވެ.

"އިންޝާﷲ އަޅުގަނޑުމެން މި ގާނޫނާ ހިލާފު ނިންމުމާ ދެކޮޅަށް ތެދުވެ، ކާމިޔާބު ހޯދާނަން،" އީސީގެ ނިންމުމަށް ފަހު ފާރިސް ކުރެއްވި ޓްވީޓެެއްގައި ވިދާޅުވި އެވެ.

މި އުނދަގޫ ދަނޑިވަޅުގައި ޕާޓީގެ މެމްބަރުންނާއި ޕާޓީއަށް ސަޕޯޓު ކުރައްވާ ފަރާތްތަކުން މި ނިންމުމާ ދެކޮޅަށް ތެދުވެ، ސިޔާސީ ކޮރަޕްޝަނާއި ފައިސާ އާއި ނުފޫޒާ ދެކޮޅަށް ފާޅުގައި މަސައްކަތް ކުރެއްވުމަށް ވެސް ފާރިސް ގޮވާލެއްވި އެވެ.

އިތުރަށް ކިޔާލަން:

އިތުރު އާޓިކަލް

އިތުރު އާޓިކަލް