އެމްއާރުއެމްގެ ޒައީމް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއާއި އެ ޕާޓީގެ ރައީސް ފާރިސް މައުމޫން -- ދައުރު ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް
އެމްއާރުއެމް އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި
ޕާޓީއަށް 3،000 މެމްބަރުން ހަމަނުވެގެން މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އުވާލަން އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - އެމްއާރުއެމް އުވާލަން އީސީ އިން ނިންމިކަން އެ ކޮމިޝަންގެ އޮފިޝަލެއް ވަނީ މިއަދު 'ދައުރު'އަށް ކަށަވަރުކޮށްދީފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެމްއާރުއެމް އުވާލަން ނިންމީ، 3،000 މެމްބަރުން ހަމަކުރަން އެ ޕާޓީއަށް ދިން ފުރުސަތުގައި އެކަން ކޮށްފައި ނުވާތީ އެވެ.
އެމްއާރުއެމްގެ ބަސް - އެމްއާރުއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް 'ދައުރު'އަށް ވިދާޅުވީ ޕާޓީ އުވާލިކަން އިލެކްޝަންސް ކޮމިޝަނުން އަދި އެމްއާރުއެމް އަށް އަންގާފައި ނުވާ ކަމަށެވެ.
ޕާޓީއަށް މެމްބަރުންގެ ހަމަކުރަން ދިން މުއްދަތުގައި އެ ޕާޓީގެ ފަރާތުން އީސީގެ ޕޯޓަލް މެދުވެރިކޮށް، 3،000 މެމްބަރުން ހަމަވާ ވަރަށް ފޯމު ހުށަހަޅާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ ކަމެއް - މިފަހުން އެމްއާރުއެމްގެ އިސް މަގާމުތަކުގައި ތިބި ހަތް މެމްބަރުން ވަނީ ޕާޓީން ވަކިވިކަން އިއުލާނުކޮށްފަ އެވެ. މީގެ އިތުރުން އެ ޕާޓީގެ ބައެއް އާންމު މެމްބަރުން ވެސް ވަކިވެފައިވާ ކަމުގެ މައުލޫމާތު ލިބެ އެވެ.
އިތުރަށް ކިޔާލަން: