މީގެ ކުރިން ބޭއްވި އެމްއާރުއެމްގެ އެގްޒެކްޓިވް ކޮމިޓީގެ ބައްދަލުވުމެއް. (ފޮޓޯ/އެމްއާރުއެމް

އެމްއާރުއެމް

ސަރުކާރުގެ މަގާމުތަކުގައި ތިބި އެމްއާރުއެމްގެ 7 ބޭފުޅަކު ޕާޓީއިން ވަކިވިކަން އިއުލާންކޮށްފި

ރައީސް ސޯލިހާ އެކު ކޯލިޝަން ހެދުމާ މެދު އެމްއާރުއެމްއަށް ގޮތެއް ނުނިމި އަންނަނީ ދިގުލަމުން

ސަރުކާރުގެ މަގާމުތަކުގައި ތިބި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމްއެމް)ގެ ހަތް ބޭފުޅަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެވަނަ ދައުރަކަށް އިންތިހާބުކުރުމަށް ތާއީދުކުރާކަން ހާމަކުރުމުގެ ގޮތުން އެ ޕާޓީއިން ވަކިވެ އެކަން މިއަދު އާންމުކޮށް އިއުލާންކޮށްފި އެވެ.

އެނގުން މުހިންމު - މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އެމްއާރުއެމް އިން ރައީސް ސޯލިހާ އެކު ދެވަނަ ދައުރަކަށް ކޯލިޝަން ހެދުމާ ގުޅޭ ގޮތުން އަދި ވަކި ގޮތެއް ނުނިންމަ އެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ސޯލިހާ އެކު ކޯލިޝަން ހެދުމުގެ މަޝްވަރާތައް އެ ޕާޓީން ފަށައި ވަނީ ހުށަހެޅުންތަކެއް ހުށަހަޅައިފަ އެވެ.

ނަމަވެސް، އެހެން ޕާޓީތަކާ އެކު ވެސް އެމްއާރުއެމް އިން މަޝްވަރާކުރަމުން އެބަދެ އެވެ.

ވީ ކިހިނެއް؟ - އެމްއާރުއެމްގެ އިސް އަށް މެމްބަރުން ސޮއިކުރައްވައި، އެ ޕާޓީން ވަކިވިކަން އިއުލާންކޮށް ބަޔާން ނެރެފައިވާ މެންބަރުންނަކީ: 

  • 1-

    ޝަޒައިލް ޝިޔާމް - ޕާޓީގެ ނައިބު ރައީސް އަދި މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު

  • 2-

    މުހައްމަދު ރާއިދު - ޕާޓީގެ އެކްސްކޯ މެމްބަރު އަދި އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރު

  • 3-

    ތަޒްމީލް އަބްދުލް ސަމަދު - އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރު

  • 4-

    އިބްރާހިމް ފަރުހަދު - ޕާޓީގެ ޒުވާނުންގެ ކައުންސިލްގެ ރައީސް އަދި ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް ޑިރެކްޓަރު

  • 5-

    އިސްމާއިލް ނާއިލް ރަޝީދު - ޕާޓީގެ ތަރުޖަމާނު އަދި އާޓްސް މިނިސްޓްރީގެ ޑައިރެކްޓާ ކޮމިއުނިކޭޝަންސް

  • 6-

    މުހައްމަދު ފައިިސަލް - ޑެޕިއުޓީ އެމްބެސެޑަރު އަބޫދާބީ

  • 7-

    އަބްދުލް ހަމީދު އަހްމަދު - ފިޝަރީޒް މިނިސްޓްރީގެ ޕޮލިސީ އެގްޒެކެޓިވް ޑައިރެކްޓަރު

  • 8-

    ހަސަން ހައްޔާން އަހްމަދު - ޕާޓީގެ އެކްސްކޯ މެމްބަރު

ތަފްސީލު - ރައީސް ސޯލިހަށް ތާއީދުކޮށް، އެމްއާރުއެމްއިން ވަކިވިކަން އިއުލާންކޮށް ނެރުނު ބަޔާނުގައި އެ މެމްބަރުން ވިދާޅުވީ ރައީސް ސޯލިހު ވެރިކަމަށް ގެނައުމަށް އުފެއްދި ކޯލިޝަނުގައި އެ ޕާޓީން މުހިންމު ދައުރެއް އަދާކޮށް، އަމަލީ ގޮތުން ބައިވެރިވި ނަމަވެސް، ފަހަކަށް އައިސް ޕާޓީގެ ބައެއް މެމްބަރުން މަސައްކަތް ކުރަމުންދިޔައީ ކޯލިޝަންގައި އޮވެ މި ސަރުކާރާ ކަނޑައެޅިގެން ދެކޮޅު ބައެއްގެ ގޮތުގައި ދެއްކުމަށް ކަމަށެވެ.

އެ ބަޔާނުގައި އިތުރަށް ބުނީ:

  • އެމްއާރުއެމްގެ ރައީސް އަހްމަދު ފާރިސްއާ ބައްދަލުކޮށް، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެ ޕާޓީން އަމަލުކުރާނެ ގޮތެއް ނުވަތަ އުސޫލެއް އަވަހަށް ނިންމަވައިދެއްވުމަށް އެދުނު

  • އެހެން ނަމަވެސް އޭގެ ފަހުން ޕާޓީގެ އެކްސްކޯގައި ސަރުކާރާއި ރައީސް ސޯލިހަށް ފާޑުކިޔުން އާންމުވެ، ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރުމުގެ ރޫހެއް ވަނީ ޕާޓީ ތެރޭ އުފެދިފައި

  • އިސްތިއުފާ ދޭން ނިންމި އެއް ސަބަބުގެ ގޮތުގައި މެންބަރުން ފާހަގަ ކުރީ މައްސަލަތަކަށް ހައްލެއް ގެނެވޭނެ ކަމަށް ނުބެލެވޭތީ

ވަކިވި މެންބަރުންނަށް އެމްއާރުއެމްގެ ޝުކުރު

އޭގެ ފަހުން އެމްއާރުއެމްއިން މިރޭ ނެރުނު ބަޔާނެއްގައި ވަކިވި މެމްބަރުންނަށް ޝުކުރު އަދާކޮށް، ޕާޓީއަށް ކޮށްދެއްވި ހިދުމަތްތަކަށް ވަނީ ޝުކުރު އަދާކޮށް މުސްތަގުބަލުގައި ކާމިޔާބަށް އެދިފަ އެވެ.

އެ މެމްބަރުންގެ ނަންތައް، ޕާޓީގައި ތިއްބެވި މަގާމުތަކާއި ސަރުކާރުގައި މިހާރުވެސް އަދާކުރަމުންދާ މަގާމުތަކާ އެކު ލިސްޓުކޮށް އެމްއާރުއެމްއިން ބުނީ އެ ބޭފުޅުންގެ ނަންތައް މަގާމުތަކަށް ފޮނުވީ އެއީ ގާބިލު ބޭފުޅުންނަށް ވާތީ ކަމަށެވެ.

"އެހެންކަމުން އެ ބޭފުޅުން ފުރުއްވަމުން ގެންދާވާ ސަރުކާރުގެ މަގާމުތަކުގައި އެ ބޭފުޅުން ދެމިތިއްބެވުމަކީ އެމްއާރުއެމްއިން އެދޭ ގޮތެވެ،" އެ ބަޔާނުގައިވެ އެވެ.

އެމްއާރުއެމްއިން ބުނި ގޮތުގައި އެ ޕާޓީ ފެށިގެން އައީ އަދި ކުރިއަށްދާނީ ވެސް ގައުމީ މަސްލަހަތު އިސްކޮށް، ރައްޔިތުންގެ ލާބަ އާއި މަންފާއަށް މަސައްކަތް ކުރަމުންނެވެ. އެ އުސޫލު ދަމަހައްޓާނޭ ކަމަށް އެ ޕާޓީއިން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް