18 ވަނަ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން އޭރުގެ ދިއްގަރު ދާއިރާގެ މެންބަރު އަދި މިހާރު އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫން (ފޮޓޯ/ އެމްއާރުއެމް)
އެމްއާރުއެމް އުވާލުން ދަލީލުކޮށްދެނީ ކޮރަޕްޝަން އަށަގެންފައިވާ މިންވަރު: ފާރިސް
ގާނޫނީ އަދަދަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގައި މެމްބަރުން ހަމަނުވާކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން ޕާޓީ އުވާލުމަކީ ގައުމުގައި ކޮރަޕްޝަން އާލާވެފައިވާ މިންވަރާއި ގާނޫނު ތަންފީޒު ނުވާވަރު ދަލީލުކޮށްދޭ ކަމަށް އެ ޕާޓީގެ ރައީސް ފާރިސް މައުމޫން ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިސްކޮށް ހުންނަވާ އުފެއްދެވި އެމްއާރުއެމް އުވާލިކަން އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީއަށް މިއަދު އެންގުމާ އެކު، މައުމޫންގެ ދަރިކަލުން ފާރިސް ވަނީ މިއަދު ޓްވީޓެއް ކުރައްވާފަ އެވެ.
ބުނީ ކީކޭ؟ - އޭނާ ވިދާޅުވި ގޮތުގައި އީސީގެ މި ނިންމުމުން ދައްކުވައިދެނީ ރާއްޖޭގައި ގާނޫނުތައް ތަންފީޒު ނުވާކަމާއި، ކޮރަޕްޝަން އާންމުވެ، އާދައިގެ ކަމެއްގެ ގޮތުގައި ބަލައިގަނެފައިވާ މިންވަރު ކަމަށެވެ.
"އިންޝާﷲ އަޅުގަނޑުމެން މި ގާނޫނާ ހިލާފު ނިންމުމާ ދެކޮޅަށް ތެދުވެ، ކާމިޔާބު ހޯދާނަން،" ފާރިސް ވިދާޅުވި އެވެ.
މި އުނދަގޫ ދަނޑިވަޅުގައި ޕާޓީގެ މެމްބަރުންނާއި ޕާޓީއަށް ސަޕޯޓު ކުރައްވާ ފަރާތްތަކުން އެ ނިންމުމާ ދެކޮޅަށް ތެދުވެ، ސިޔާސީ ކޮރަޕްޝަނާއި ފައިސާ އާއި ނުފޫޒާ ދެކޮޅަށް ފާޅުގައި މަސައްކަތް ކުރުމަށް ވެސް ފާރިސް ގޮވާލެއްވި އެވެ.
ކޮރަޕްޝަންގެ ތުހުމަތުތައް ފާރިސް ކުރެއްވި ނަމަވެސް އެ ޕާޓީއިން އޭގެ ތަފްސީލެއް ހާމައެއް ނުކުރި އެވެ.
އެނގުން މުހިއްމު - އެމްއާރުއެމް އުވާލަން ނިންމީ އެ ޕާޓީއަށް މެމްބަރުން ހަމަކުރަން ދިން ފުރުސަތުގައި 3،000 މެމްބަރުން ހަމަކޮށްފައި ނުވާތީ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.
އެހެންނަމަވެސް، އެމްއާރުއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް 'ދައުރު'އަށް ވިދާޅުވީ ޕާޓީއަށް މެމްބަރުންގެ ހަމަކުރަން ދިން މުއްދަތުގައި އެ ޕާޓީގެ ފަރާތުން އީސީގެ ޕޯޓަލް މެދުވެރިކޮށް، 3،000 މެމްބަރުން ހަމަވާ ވަރަށް ފޯމު ހުށަހަޅާފައިވާނެ ކަމަށެވެ.
ފާހަގަކޮށްލެވޭ ކަމެއް - މިފަހުން އެމްއާރުއެމްގެ އިސް މަގާމުތަކުގައި ތިބި ހަތް މެމްބަރުން ވަނީ ޕާޓީން ވަކިވިކަން އިއުލާނުކޮށްފަ އެވެ. މީގެ އިތުރުން އެ ޕާޓީގެ ބައެއް އާންމު މެމްބަރުން ވެސް ވަކިވެފައިވާ ކަމުގެ މައުލޫމާތު ލިބެ އެވެ.
އިތުރަށް ކިޔާލަން:
ކޮމެންޓް (1)
މުހައްމަދު