އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫން މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވަނީ: އެ ޕާޓީ އުވާލުން ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވި - ފޮޓޯ/ދައުރު

އެމްއާރުއެމް

ކޯޓަށް ދިޔުމުގެ ކުރިން އެމްއާރެއެމްއިން އެދުނީ އީސީގެ ނިންމުން މުރާޖައާ ކުރަން

ފާރިސް ވިދާޅުވީ ވަކި އަދަދަކަށް މެންބަރުން ހަމަކުރަން ޖެހޭ އުސޫލު ގާނޫނުއަސާސީއާ ހިލާފު ކަމަށް

ޕާޓީ އުވާލަން ނިންމި ނިންމުން ގަބޫލުނުކުރެވޭތީވެ އެކަމާ ގުޅޭ ގޮތުން ކޯޓަށް ދާން ޖެއްހިއްޖެ ނަމަ ދާނެ ކަމަށާއި ނަމަވެސް އޭގެ ކުރިން ބޭނުންވަނީ އިލެކްޝަންސް ކޮމިޝަން (އީސީ)ގެ އެ ނިންމުން މުރާޖައާކުރަން ކަމަށް މިއަދު އުވާލަން ނިންމި، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)އިން ބުނެފި އެވެ.

ވީ ކިހިނެއް؟ - ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ 3،000 މެންބަރުން ހަމަނުވެގެން، އީސީން ދެ ފަހަރަށް ދިން ނޯޓިސްގައި ވެސް އެ އަދަދަށް މެންބަރުން ހަމަވެފައި ނުވާތީވެ، އެ ކޮމިޝަނުން މިއަދު ވަނީ އެމްއާރުއެމް އުވާލައިފަ އެެވެ.

އެ ނިންމުމަށް އެ ޕާޓީގެ ބާނީ އަދި ޒައީމް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި ޕާޓީގެ ރައީސް އަދި އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫން ވަނީ ފާޑުވިދާޅުވެ އެ ނިންމުން ގަބޫލުނުކުރައްވާކަން އިއުލާން ކުރައްވައިފަ އެވެ. އަދި މިއަދު ހަވީރު އެ ޕާޓީން ވަނީ އެ ނިންމުމާ ގުޅިގެން ނޫސްވެރިންގެ ބައްދަލުވުމެއް ވެސް ބާއްވައިފަ އެވެ.

ތަފްސީލް - ނޫސްވެރިންގެ ބައްދަލުވުމުގައި ފާރިސް ވިދާޅުވީ އީސީގެ އެ ނިންމުމަކީ ގޯސް ނިންމުމެއް ކަން ކަށަވަރުކުރެވޭ ވަރަށް މައުލޫމާތު އެބަ ހުރި ކަމަށެވެ. އަދި އެ ނިންމުން އައީ ވަކި ބައެއްގެ ނުފޫޒުން ކަމަށް ތުހުމަތުކޮށް، މި މައްސަލައިގައި ކޯޓަށް ދާން ޖެހިއްޖެ ނަމަ، ކޯޓަށް ދިއުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ޕާޓީގެ މެންބަރުންގެ އަދަދު، މިހާރު ވެސް ހުށަހަޅާފައި ވާނެ 5،300 އަށް ވުރެ ގިނަ އަދަދެއްގެ ފޯމް. އެހެން ނަމަވެސް، އެކި މަރުހަލާގައި، އެކި ސަބަބުތަކާ ހުރެ ކަމަށް ބުނެ، އަޅުގަނޑުމެންގެ ޕާޓީން މެންބަރުން ވަކިކުރަމުން މިގެންދަނީ،" އެ ކަން ހިނގަނީ އެ މެންބަރުންނަށް ވެސް ނޭނގި ކަމަށް ފާހަގަކުރައްވައި، ފާރިސް ވިދާޅުވި އެވެ.

"އެމްއާރުއެމް ވުޖޫދުގައި ބޭއްވުމަށް ބޭނުން ނުވާ އެތައް ބައިވަރު ސިޔާސީ ބަޔަކު ރާއްޖޭގައި މަސައްކަތް ކުރޭ. އަދި ހިތާމައަކީ، މި ނުފޫޒު ވަރަށް ބޮޑަށް ހުޅުވިފައި އޮތް ދޮރަކުން އެކި މުއައްސަސާތަކުގެ ތެރެއަށް ވަދޭ."

ފާރިސް މިކަން ސިފަކުރެއްވީ، 'މިއީ ވަރަށް ސާފުކޮށް، ސިޔާސީ މަގުސަދެއްގައި ބައެއްގެ ރޭވުމުގައި' ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

"މި ފުރުސަތުގައި ދަންނަވާލަން ބޭނުން، އިލެކްޝަންސް ކޮމިޝަންގެ ރައީސް [ފުއާދު ތައުފީގް]އަށް، އަޅުގަނޑުމެންގެ އިހުލާސްތެރި އެދުމެކޭ ރައީސް މިކަން ހިނގައި ދިޔަ ގޮތް ބައްލަވާދެއްވާށޭ. އަޅުގަނޑުމެންނަށް ގަބޫލުނުކުރެވޭ އަދި ސާފު ނުވާ ވަރަށް ގިނަ ކަންތައްތަކެއް އަބަ ހުއްޓޭ. އެހެންވީމައި [ކޮމިޝަންގެ] ރައީސަށް ދަންވާލަން މި ނިންމެވުން މުރާޖާކޮށްދިނުމަށް،" ފާރިސް ވިދާޅުވި އެވެ.

އެމްއާރުއެމްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ރައީސް ފާރިސް މައުމޫން ވާހަކަ ދައްކަވަނީ

މި މައްސަލައިގައި ކޯޓަށް ދިޔުމުގެ ވިސްނުން ގެންގުޅުއްވި ނަމަވެސް 'އެންމެ އެދޭ ގޮތަކީ، އިލެކްޝަންސް ކޮމިޝަނުން އަލުން މި މައްސަލަ މުރާޖައާކޮށްދިނުން' ކަމަށް ފާރިސް ވިދާޅުވި އެވެ. އަދި އެކަމުން ހައްލެއް ނެތް ނަމަ، ކޯޓަށް ދާނެކަން އޭނާ ފާހަގަކުރެއްވި އެވެ.

"ކަނޑާލި ކަމަށް އެންގި ބައެއް ބޭފުޅުން، އެބަ އޮތް ކަނޑާލަން އެދުނު ކަމަށް 2017 ވަނަ އަހަރުގައި. އޭރު އެމްއާރުއެމް ވުޖޫދުގައި ވެސް ނެތް. އެހެންވީމައި މިކަހަލަ ބައިވަރު މައްސަލަތައް އެބަހުރި،" ފާރިސް ވިދާޅުވި އެވެ.

3،000 ހަމަކުރަން ޖެހޭތީ ފާރިސް ސުވާލު އުފެއްދެވި

ފާރިސް ވިދާޅުވި ގޮތުގައި 20،000 އިން 30،000އަށް މެންބަރުގެ އަދަދުތައް އިތުރު ކުރުމަކީ އެއްވެސް އިރެއްގައި އެ ޕާޓީން ގެންގުޅުނު ވިސްނުމެއް ނޫނެވެ. އަދި މި ގޮތަށް އެ ނިޒާމް އޮތުން ވެސް އޭނާ ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވި އެވެ.

"މިއީ، ދިވެހި ގައުމަށް ފައިދާ ހުރި ގޮތެއް ނޫން. އަޅުގަނޑުމެންނަކީ، އެއްވެސް އިރެއްގައި މީހުންނަށް ހަދިޔާ ދީގެން، ނޫނީ ކަންކަން ކޮށްދޭނެ ކަމަށް ބުނެގެން ނުވަތަ ކޮށްދީގެން ޕާޓީއަށް މެންބަރުން އިތުރުކުރަން ބޭނުންވާ ބައެއް ނޫން،" ފާރިސް ވިދާޅުވި އެވެ.

އެގޮތަށް ޕާޓީއަށް މެންބަރުން އިތުރުކުރުން އޭނާ ސިފަކުރެއްވީ އެއީ، 'ވަކި ހާއްސަ ހައިސިއްޔަތެއް ދޭން ޖެހޭ ގްރޫޕްތަކެއް އުފެއްދުން' ކަމަށެވެ. އެ އަށަގެނެވެނީ ވަރަށް ނުބައި ސަގާފަތެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

"މިއަދުގެ ހަގީގަތަކީ، ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ބޭނުމެއްނުވޭ ސިޔާސީ ޕާޓީތަކަށް ސޮއިކުރާކަށް ވެސް،" ބައެއް މީހުން ޕާޓީތަކަށް ވަންނަނީ ސިޔާސީ ކުރިމަގު ހޯދަން މަޖުބޫރު ވާތީ، އެނޫން ގޮތެއް ނެތިގެންކަން ފާހަގަކުރައްވައި ފާރިސް ވިދާޅުވި އެވެ.

ގާނޫނުގައި ބުނާ 3،000 މެންބަރުން ހަމަކުރުމަކީ ގާނޫނު އަސާސީ ހުއްދަކުރާ ކަމެއްތޯ ވެސް އޭނާ ސުވާލު އުފެއްދެވި އެވެ. އަދި އެކަން ވެސް ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ހައި ކޯޓަށް ހުށަހެޅުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ފާރިސް ހާމަކުރެއްވި އެވެ. ނަމަވެސް އެކަން އަދި އޮތީ، މަޝްވަރާ ކުރުމުގެ މަރުހަލާގަ އެވެ.

"އަޅުގަނޑުމެން ވިސްނާލަން ޖެހޭ އެބަ ހަގީގަތުގައި ސިޔާސީ ޕާޓީއާ ބެހޭ ގާނޫނުގައި މި އޮންނަ 3،000 މެމްބަރުންގެ ލިމިޓް ނޫނީ 10،000 މެމްބަރުން ހަމަކޮށްގެން މެނުވީ ދައުލަތުގެ ބަޖެޓުން ފައިސާ ނުލިބޭ. މިހިރަ އާބިޓްރަރީ ފިގާސްތަކަކީ [ނުވަތަ] އަދަދުތަކަކީ، ހަގީގަތުގައި ގާނޫނުއަސާސީ ހުއްދަކުރާ ކަމެއްތޯ؟ މިކަމާ ބެހޭ ގޮތުން ވެސް އަޅުގަނޑުމެންގެ ތެރޭގައި ބޭފުޅުން އެބަ މަޝްވަރާ ކުރައްވާ،" ފާރިސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ހައި ކޯޓަށް ނަމަވެސް ކޮންމެވެސް ތަނަކަށް ދުސްތޫރީ މައްސަލައެއްގެ ގޮތުގައި މި މައްސަލަ ގެންދެވިދާނެތޯ ބަލައިލަން."

އިތުރު އާޓިކަލް

އިތުރު އާޓިކަލް