މާޗް 20، 2023: ރިޔާސީ އިންތިހާބާ ގުލޭ ގޮތުން އެމްއާރުއެމްގެ ޒައީމް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއާއި ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމް ބައްދަލުކުރެއްވުން ދައުރު ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)

އެމްއާރުއެމް

އެމްއާރުއެމް އުވާލީ ގަވައިދާ ހިލާފަށް، ދިފާއުގައި ތެދުވާނަން: މައުމޫން

މައުމޫން މިހެން ވިދާޅުވީ އެމްއާރުއެމްގެ ރައީސްގެ މަގާމުގައި ހުންނެވި އޭނާގެ ދަރިކަލުން ކުރެއްވި ޓްވީޓަކަށް ބާރުދެއްވާ

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިސްވެ ހުންނަވާ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)އަށް 3،000 މެމްބަރުން ހަމަނުވެގެން އިލެކްޝަންސް ކޮމިޝަން (އީސީ)އިން އެ ޕާޓީ އުވާލާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް މައުމޫން ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އީސީ އިން އެމްއާރުއެމް އުވާލާފައިވާކަން މިއަދު އެ ޕާޓީއަށް އެންގުމާއެކު، އެ ޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވި މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން ވަނީ އީސީގެ ނިންމުމާ ދެކޮޅަށް ޓްވީޓް ކުރައްވާފަ އެވެ.

ފާރިސް ވިދާޅުވި ގޮތުގައި ގާނޫނީ އަދަދަށް އެމްއާރުއެމްގައި މެމްބަރުން ހަމަނުވާ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީ އުވާލުމަކީ، ގައުމުގައި ކޮރަޕްޝަން އާލާވެފައިވާ މިންވަރާއި ގާނޫނު ތަންފީޒު ނުވާވަރު ދަލީލުކޮށްދޭ ކަމެކެވެ.

"އިންޝާﷲ އަޅުގަނޑުމެން މި ގާނޫނާ ހިލާފު ނިންމުމާ ދެކޮޅަށް ތެދުވެ، ކާމިޔާބު ހޯދާނަން،" އީސީގެ ނިންމުމަށް ފަހު ފާރިސް ކުރެއްވި ޓްވީޓެެއްގައި ވިދާޅުވި އެވެ.

އެހެން ނަމަވެސް، ފާރިސްގެ ތުހުމަތުތަކުގެ ތަފްސީލެއް އެ ޕާޓީއިން ހާމައެއް ނުކުރެ އެވެ.

ބުނީ ކީކޭ؟ - "މި ގާނޫނާ ހިލާފު އަދި ކޮރަޕްޓު ނިންމުމާ ދެކޮޅަށް ތެދުވެ ކާމިޔާބު ކުރާނަން، އިންޝާﷲ،" ފާރިސްގެ ޓްވީޓަށް ކޮމެންޓް ކުރައްވާ މައުމޫން ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ ކަމެއް - އެމްއާރުއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް 'ދައުރު'އަށް ވިދާޅުވީ ޕާޓީއަށް މެމްބަރުން ހަމަކުރަން ދިން މުއްދަތުގައި އެ ޕާޓީގެ ފަރާތުން އީސީގެ ޕޯޓަލް މެދުވެރިކޮށް، 3،000 މެމްބަރުން ހަމަވާ ވަރަށް ފޯމު ހުށަހަޅާފައިވާނެ ކަމަށެވެ.

އީސީގެ ބަސް - ރައްޔިތުންގެ މަޖިލީހުގެ ރައީސް އިސްވެ ހުންނަވައިގެން އެކުލަވާލާ 'ދަ ޑިމޮކްރެޓްސް' ޕާޓީ އުފައްދަން ހުއްދަ ދިނުމަށްޓަކައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ އެމްއާރުއެމް އުވާލަން ޖެހުނީ އެ ޕާޓީއަށް މެމްބަރުން ހަމަކުރަން ދިން މުއްދަތުގެ ތެރޭގައި ހުށަހަޅާފައިވާ ގިނަ ފޯމުތައް ސައްހަ ނުވުމުން ކަމަށެވެ.

"އެބޭފުޅުން ހުށަހެޅުއްވި ފޯމުތަކަށް އަޅުގަނޑުމެން ބަލާލާ އިރު، 140 އަކަށް ފޯމު ހުށަހެޅުއްވީ. އެހެންނަމަވެސް އޭގެތެރެއިން ފުރަތަމަ ޗެކިންގައި ވެސް 66 ފޯމު ސައްހަ ވެގެން ދިޔައީ،" ހަބީބު ވިދާޅުވި އެވެ.

އެނގުން މުހިއްމު - މިފަހުން އެމްއާރުއެމްގެ އިސް މަގާމުތަކުގައި ތިބި ހަތް މެމްބަރުން ވަނީ ޕާޓީން ވަކިވިކަން އިއުލާނުކޮށްފަ އެވެ. 

ޕާޓީ އުވާލާފައިވާ މި އުނދަގޫ ދަނޑިވަޅުގައި އެމްއާރުއެމްގެ މެމްބަރުންނާއި ޕާޓީއަށް ސަޕޯޓު ކުރާ ފަރާތްތަކުން މި ނިންމުމާ ދެކޮޅަށް ތެދުވެ، ސިޔާސީ ކޮރަޕްޝަނާއި ފައިސާ އާއި ނުފޫޒާ ދެކޮޅަށް ފާޅުގައި މަސައްކަތް ކުރުމަށް ވެސް ޕާޓީގެ ރައީސް ފާރިސް ގޮވާލައްވާފައިވެ އެވެ.

އިތުރަށް ކިޔާލަން:

އިތުރު އާޓިކަލް

އިތުރު އާޓިކަލް