އެމްޑީޕީގެ މަޖިލިސް މެންބަރު ޒަރީރު މަރާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްްޔަރު ކުރި އެޕާޓީގެ ގައުމީ މަޖިލިސް މެންބަރު އިބްރާހިމް އަބްދުﷲ (ފޮޓޯ/ ޕޮލިސް)

ގޭންގު ކުށްތައް

މެންބަރު ޒަރީރު މަރާލަން އުޅުމުގެ ތުހުމަތުވާ އިބްރާހިމް އަބްދުﷲ އަށް ފިޔަވަޅު އަޅަން އެމްޑީޕީއިން ފަސްޖެހިފައި

އިބްރާހިމް އަބްދުﷲ އަކީ އެމްޑީޕީގެ ދާއިރާގެ ރައީސްއެއް އަދި ގައުމީ މަޖިލީހުގެ މެންބަރެއް

ރައްޔިތުންގެ މަޖިލިހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު މަރާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރު ކުރި އެޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރު އިބްރާހިމް އަބްދުﷲ (ގައްބަރޭ)އަށް ޕާޓީގެ ފަރާތުން އަދިވެސް އެއްވެސް ފިޔަވަޅެއް ނާޅާކަން ހާމަވެއްޖެ އެވެ.

ވީ ކިހިނެއް؟ - ފަސް މީހުންގެ ގްރޫޕަކުން ޒަރީރަށް ހަމަލާދީފައި ވަނީ، މި މަހުގެ 1 ވަނަ ދުވަހުގެ ފަތިހު ރައްޓެހިންތަކަކާ އެކު މާލޭގެ ކެފޭއެއްގެ ތެރޭގައި އިންދަ އެވެ. އެ ގްރޫޕުގައި އިސްކޮށް ހުރި ކަމަށް ތުހުމަތު ކުރަނީ އިބްރާހިމް އަބްދުﷲ އަށެވެ.

އެހާދިސާ ހިނގިތާ ދެ ހަފްތާއެއްހާ ދުވަސް ފަހުން، ފުލުހުން ވަނީ މީހަކު މަރާލަން އުޅުނު ކަމުގެ ތުހުމަތުގައި އިބްރާހިމް އަބްދުﷲ ހޯދަން އިއުލާންކޮށްފަ އެވެ. އަދި އޭގެ އަށް ދުވަސް ފަހުން އޭނާ ވަނީ އަމިއްލައަށް ފުލުހުންނާ ހަވާލުވެފަ އެވެ.

ތަފްސީލު - މީގެ ކުރިން ވެސް މާރާމާރީ އާއި މަރުގެ އަދި ފޭރުމުގެ ގިނަ މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ އިބްރާހިމް އަބްދުﷲ އަކީ އެމްޑީޕީގެ މައްޗަންގޯޅި ދެކުނު ދާއިރާގެ ރައީސް އެވެ. 

އެމްޑީޕީގެ މަޖިލިސް މެންބަރު ޒަރީރު، މަރާލަން އުޅުނު މައްސަލައިގެ ތުހުމަތަށް އިބްރާހިމް އަބްދުﷲ ހައްޔަރުކޮށް، މިދިޔަ އަންގާރަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް މަސް ދުވަސް ދީފަ އެވެ.

މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ: ފަސް މީހެއްގެ ގްރޫޕަކުން ވަނީ މި މަހު ކުރީކޮޅު އޭނާއަށް ހަމަލާދީފައި، އިސްކޮށް ހުރި ކަމަށް ތުހުމަތު ކުރަނީ އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރަކަށް (ފޮޓޯ/ރައްޔިތުންގެ މަޖިލީސް)

އެމްޑީޕީން އަދިވެސް އޭނާއަށް ފިޔަވަޅެއް އަޅާފައި ނުވާތީ އެކަމާ ގުޅޭ ގޮތުން އެޕާޓީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރުއާ މިއަދު 'ދައުރު'އިން ސުވާލު ކުރުމުން ވިދާޅުވީ، 'އެކަމާ މެދު އެއްޗެއް ބުނާނީ ތަހުގީގަށް ފަހު' ކަމަށެވެ.

"ތަހުގީގު ކުރުމުން ނޫންތޯ އެނގޭނީ ފިޔަވަޅު އަޅަން ޖެހޭ ކަމެއް،" އަނަސް ވިދާޅުވި އެވެ.

ހަމަލާއަށްފަހު، ޒަރީރު ހޮސްޕިޓަލުގައި

ފަސްމަންޒަރު - އިބްރާހިމް އަބްދުﷲ ވަނީ، 2007ގައި ތޫނު އެއްޗަކުން ހަމަލާދީ އަލީ އިޝާރު، ހ. ކުބްރާ، މަރާލުމުގައި ބައިވެރިވި ކަމަށް ފުލުހުންގެ ތަހުގީގުގައި އެއްބަސްވެފަ އެވެ. އެ މައްސަލައިގައި، އޭރު 18 އަހަރު ނުވާ އިބްރާހިމްގެ މައްޗަށް ދައުވާކުރިޔަސް ކޯޓުން އޭނާ ދޫކޮށްލީ އެކަށީގެންވާ ވަރަށް ހެކި ނެތް ކަމަށް ބުނެ އެވެ.

ކޮމެންޓް (1)

ޕިސްޕިސް

29 މޭ 2023
ލޮލް. ގޭންގު ޕާޓީ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް