ފުލުހުން ހޯދަން އިއުލާންކޮށްފައިވާ އިބްރާހިމް އަބްދުﷲ.

ގޭންގު ކުށްތައް

އިބްރާހިމް އަބްދުﷲ ހޯދަނީ ޒަރީރު 'މަރާލަން އުޅުމުން'؛ ހަމަލާދިނީ ޒުވާބެއްގެ ތެރެއިން

ޒަރީރުގެ ގާތް ބޭފުޅަކު ވިދާޅުވި ގޮތުގައި، އެ ހަމަލާ ދިނީ ޒަރީރާއި އިބްރާހިމާ ދެމެދު ހިނގި ސަމާސާއެއް ހޫނުވެގެން ގޮސް

ގުރޫޕު ހަދައިގެން، ތޫނު ހަތިޔާރު ބޭނުންކޮށްގެން މީހަކު މަރާލަން އުޅުނު ކަމުގެ ތުހުމަތުގައި އިބްރާހިމް އަބްދުﷲ (ގަައްބަރޭ) ހޯދަން ފުލުހުން މިއަދު އިއުލާންކުރީ ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރަށް ދިން ހަމަލާއާ ގުޅިގެންކަން އެނގިއްޖެ އެވެ.

ވީ ކިހިނެއް؟ - ފަސް މީހުންގެ ގްރޫޕަކުން ޒަރީރަށް ހަމަލާދީފައި ވަނީ، މި މަހުގެ 1 ވަނަ ދުވަހުގެ ފަތިހު ރައްޓެހިންތަކަކާ އެކު މާލޭގެ ކެފޭއެއްގެ ތެރޭގައި އިންދަ އެވެ. އޭނާއަށް ދިން އެ ހަމަލާގައި މަރުތޭލަކުން ބޮލުގައި ޖަހާފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

މީގެ ކުރިން ވެސް މާރާމާރީ އާއި މަރުގެ މައްސަލަތައް އަދި ފޭރުމުގެ ގިނަ މައްސަލަތަކެއްގައި ހައްޔަރުކުރި އިބްރާހިމް އަބްދުﷲ ހޯދަން ފުލުހުން މިރޭ އިއުލާން ކުރީ:

  • ގްރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ތުހުމަތުގައި

  • މީހަކު މަރާލަން އުޅުުނު ކަމުގެ ތުހުމަތު ވެސް އޭނާއަށް ކުރޭ

ތަފްސީލް - ޒަރީރުގެ ގާތް އަދި އެމްޑީޕީގައި ވެސް ހަރަކާތްތެރިވާ ބޭފުޅަކު މިރޭ 'ދައުރަ'ށް ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ގައުމީ މަޖިލީހުގެ މައްޗަންގޯޅި ދެކުނު ދާއިރާގެ ރައީސްކަން ވެސް ކުރާ އިބްރާހިމް އަބްދުﷲ އާއި ޒަރީރަކީ ރަހުމަތްތެރިންނެވެ. އެ ހަމަލާ އައީ، އޭނާ ވިދާޅުވި ގޮތުގައި، ޒަރީރާއި އިބްރާހިމާ ދެމެދު ހިނގި ސަމާސާއެއް ހޫނުވެގެން ގޮހެވެ.

"ޒަރީރު ވިދާޅުވި އެއްޗެއް އޭނާއަށް ކަމުނުދިޔައީ. އެހެންވެ، އެންމެ ފަހުން ޒުވާބަކަށް ބަދަލުވީ،" ނޫހުގައި ނަން ނުޖެހުމަށް އެދި އޭނާ ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި، ކެފޭގައި އިންނަވާފައި ޒަރީރު މެސެޖުގެ ޒަރީއާއިން އިބްރާހިމް ގާތު ވިދާޅުވީ "ކެރެންޏާ އެ ތަނަށް އަންނާށޭ" ކަމަށެވެ. އެއާ އެކު، ކުރިން އެންމެ ނުރައްކާތެރި ކުށްވެރިންގެ ލިސްޓުގައި ވެސް ހިމެނުނު އިބްރާހިމް އެ ތަނަށް ދިޔައީ ގުރޫޕަކާ އެކު ކަމަށްވެ އެވެ.

"އެ މީހުން ތިބީ މަސްތުގެ ހާލުގައި. މަރުތޭލުން ޒަރީރުގެ ބޮލުގައި ޖެހި ކަމަށް ވަނީ ވެސް ގައްބަރޭ،" ޒަރީރުގެ ގާތް ބޭފުޅާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މަތިވެރި ދާއިރާގެ މެންބަރު ޒަރީރު ވާހަކަދައްކަވަނީ. (ފޮޓޯ/މަޖިލިސް)

ފަސް މަންޒަރު - އިބްރާހިމް ވަނީ، 2007ގައި ތޫނު އެއްޗަކުން ހަމަލާދީ އަލީ އިޝާރު، ހ. ކުބްރާ، މަރާލުމުގައި ބައިވެރިވި ކަމަށް ފުލުހުންގެ ތަހުގީގުގައި އެއްބަސްވެފަ އެވެ. އެ މައްސަލައިގައި، އޭރު 18 އަހަރު ނުވާ އިބްރާހިމްގެ މައްޗަށް ދައުވާކުރިޔަސް ކޯޓުން އޭނާ ދޫކޮށްލީ އެކަށީގެންވާ ވަރަށް ހެކި ނެތް ކަމަށް ބުނެ އެވެ.

ގުޅުން ހުރި ކަމެއް - ޒަރީރަށް ހަމަލާދިން މައްސަލައިގައި މީގެ ކުރިން ވަނީ ދެ ފިރިހެނުން ހައްޔަރުކޮށްފަ އެވެ.

ކޮމެންޓް (3)

އިބިރަހިމާ

16 މޭ 2023
ކުޑައިރުއްސުރެ ކުށުގެވެށީގަ.
6 0

ފެންސިރު

15 މޭ 2023
ސައިކޯޕާތުންގެ ނުތިބޭނެ ރައްޓެހިންނެއް...
5 0

ޒުހުދާ

15 މޭ 2023
ހައްހައް އެމް.ޑީ.ޕީ ކުދިންދޯ މެކްސިކޯ އައްވުރެއްކުރީގަ މިއޮތީ އެމްސީ ގެ ދައުރު ރާއްޖެ މިއޮތީ އަމާނކަންމަތީގަ
7 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް